ސަރުކާރުން ޕީޖީއަށް އިތުބާރު ނުކުރާނަމަ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރެއް ނޯންނާނެ: ޣަފޫރު

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ: އޭނާ ވިދާޅުވީ ސަރުކާރުން ޕީޖީއަށް އިތުބާރު ނުކުރާނަމަ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރެއް ނޯންނާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ސަރުކާރުތަކުން ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް އިތުބާރު ނުކުރާނަމަ، ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރެއް ވެސް ނޯންނާނެ ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ޣަފޫރު އެފަދައިން ވިދާޅުވީ އާ ޕީޖީއަކު އައްޔަނުކުރުމަށް ޓަކައި މަޖިލީހުން ރުހުން ދިނުމަށް މިއަދު ދައުރުން ބޭރުން ބޭއްވި ތިންވަނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަގާމަށް ކުރިމަތިލެއްވީ ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް އައްބާސް ޝަރީފެވެ. އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ލަފާފުޅު އެރުވި ނަން ވެސްމެއެވެ.

އިއްޔެ ޖުޑިޝަރީ ކޮމިޓީން ވަނީ އައްބާސްގެ ނަމަށް ރުހުން ދިނުމަށް ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅައިފައެވެ.

އެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން، ޣަފޫރު ވިދާޅުވީ ޕީޖީގެ މަގާމަކީ "ދިވެހި ދައުލަތުގެ ޕީޖީ"ކަމުގެ މަގާމު ކަމަށެވެ. އެހެންނަމަވެސް 2009 އަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު އެއްވެސް ޕީޖީއަކަށް އެބޭފުޅެއްގެ ދައުރު ފުރިހަމަ ނުކުރެވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ އެއީ ރާއްޖޭގެ ސަރުކާރުތަކުގެ މައްސަލައެއް ކަމަށެވެ.

އަދި މިހާތަނަށް އައްޔަނުކުރެވުނު ހުރިހާ ޕީޖީންނަކީ ވެސް ގާބިލު، އެކަމުގެ ތަޖުރިބާ ހުރި، އެ ރޮނގުން ތައުލީމާ ހުނަރު ލިބިގެންވާ ބޭފުޅުން ކަމަށް ގަބޫލުކުރައްވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ސަރުކާރުތަކަށް މިވާ ގޮތަކީ ކޮންމެ ސަރުކާރެއް އައުމުން އެ ސަރުކާރަކުން ބޭނުންވާހާ ގޮތަކަށް ކަންކަން ނުކުރީމާ ދެން ގޯސްވަނީ ޕީޖީ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

އެހެންކަމުން އެއީ، އެކަން ވާންޖެހޭނެ ގޮތެއް ނޫންކަން ފާހަގަކުރައްވައި، ޣަފޫރު ވިދާޅުވީ ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެއްވެސް ޕީޖީއެއް މަގާމުގައި ހުރެ، އެ އިރެއްގައި އޮންނަ ސަރުކާރަކަށް ދަތިވާކަމެއް އަދި ސަރުކާރެއް ހިންގުމަށް ދަތިވާނެ އެއްވެސް ކަމެއް ނުކުރައްވާނެކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އުސޫލުން ގަބޫލުކޮށްގެން ނޫނީ ޕީޖީގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެ ބޭފުޅެއްގެ ދައުރު ފުރިހަމަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ ސަރުކާރުތަކުގެ އިތުބާރު ހުރިހާ ޕީޖީއަކަށް ވެސް ގެއްލިފައިވާ ކަމަށާއި އެއީ ވަކި ސަރުކާރެއްގެ ވާހަކައެއް ނޫން ކަމަށެވެ. އަދި އެއީ މިހާރުން މިހާރަށް ވެސް ހައްލުކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އިތުބާރު ޕީޖީއަށް ނެތިއްޔާ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރެއް ވެސް ނޯންނާނެ. އެހެންވީމަ އަޅުގަނޑުމެންގެ ޝަރުއީ ނިޒާމު ރަނގަޅުކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ސަރުކާރުތަކުގެ އިތުބާރު ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް އޮތުން،ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މީގެ އިތުރުން ޣަފޫރު ވިދާޅުވީ މިއަދު އައްޔަނުކުރާ ޕީޖީއާމެދު ވެސް އޭނާގެ އިތުބާރު އެބައޮތް ކަމަށެވެ. އަދި ފަހުން ވެސް ސަރުކާރުން އެ ޕީޖީއާމެދު އިތުބާރު ކުރެއްވުމަށް ވަނީ ގޮވާލައްވާފައެވެ.

ޕީޖީގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މާގާމުގައި ހުންނެވި ހުސެއިން ޝަމީމް އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ޝަމީމް ވަކިކުރުމާ އެކު 30 ދުވަސް ތެރޭ އާ ޕީޖީއަކު އައްޔަންކުރަން ޖެހޭނެއެވެ.

މިއަދު ރުހުންދޭ އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެއާއެކު 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަން އަދާކުރެއްވިއެވެ.

އައްބާސްވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް