ރާއްޖެއިން އެންމެ ބޮޑަށް ދަރާފައިވާ ގައުމުތަކުން އެ ދަރަނިތައް ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މީޑިއާގައި 'ބަނގުރޫޓު'ގެ ވާހަކަދެކެވުނު ނަމަވެސް ރާއްޖެ ބަނގުރޫޓުނުވާނެ ކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ބޭރު ދަރަނީގެ މައްސަލަ ބޮޑުވެ، ޑޮލަރުގެ ދަތިކަމާ ހުރެ ބޭރުގެ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަންނަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރަމުންނެވެ.
ދަރަނި ނުދެއްކި، 2026 ވަނަ އަހަރު ދައްކަންޖެހޭ ސުކޫކަށް ފައިސާ ނުދެއްކިދާނެކަމުގެ ބިރު ބޮޑުވެފައި އޮއްވައި، ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ނެރޭ މަޖައްލާ، ހޮޓަލިއާ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކްރޮސްރޯޑްސްގައި މިއަދު ފެށި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ފޯރަމް، 'ޖީއެމް ފޯރަމް 2024'ގައި ވާހަކަދައްކަވަމުން ސައީދު ވަނީ ދިވެހިރާއްޖެ ބަނގުރޫޓުނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އެގޮތުން، ސުނާމީގެ ދަތި ހާލަތާއި ކޮވިޑުގެ ސަބަބުން މުޅި ގައުމު ހުއްޓިފައި އޮތް ދުވަސްވަރާއި އޭގެ ކުރިން ވެސް ދުނިޔެއަށް ދިމާވި ހުރިހާ ބޮޑެތި ކާރިސާތަކުން ދިވެހީން އަރައިގެންކަން ސައީދު ފާހަގަކުރެއްވިއެވެ.
"ރާއްޖެއަށް އަބަދު ވެސް އަރައިގަނޭ. އެއީ އަހަރެމެންނަކީ،" މި ހާލަތުން ވެސް ރާއްޖެއަށް އަރައިގަނެވޭނެކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި އަވައްޓެރި ސްރީލަންކާ ކޮވިޑާ އެކު ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވެ، އެ ދަރަނިތައް އަދާނުކުރެވި ބަނގުރޫޓުވެގެންދިޔަ ނަމަވެސް ރާއްޖޭގެ ހާލަތު ވަރަށް ތަފާތެވެ. އެއް ކަމަކަށް ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގެ އިގުތިސާދު ކުރިއަރަމުން އަންނަ ކަމެވެ.
"ވޯލްޑް ބޭންކް، އައިއެމްއެފް އަދި މަރުކަޒީ ބޭންކުން ވެސް އަންދާޒާކުރޭ އިގުތިސާދު 4.1 އިންސައްތަ ކުރިއަރާ ކަމަށް އަހަރުގެ ބާކީ ބައިގައި. އަދި، 2025 ވަނަ އަހަރުން 6 އިންސައްތައަށް ވުރެ ވެސް އިތުރަށް ކުރިއަރާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
"މައްސަލައަކީ ފިސްކަލް ހާލަތު. އެއީ މި ސަރުކާރަށް ވާރުތަވީ ކަމެއް،"
އިގުތިސާދީ ކަންކަން ފާލުން ނެއްޓި، ގައުމު ބަނގުރޫޓުވުމަކީ ބިރު އޮތް ކަމެއް ނޫންކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ރާއްޖެއިން އެންމެ ބޮޑަށް ދަރާފައިވާ ދެ ގައުމާ އެކު ކޮންމެ ދުވަހަކު 24 ގަޑިއިރު ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އެ ގައުމުތަކުން ރާއްޖެއަށް ރަނގަޅު ގޮތެއް ހައްދަވައިދެއްވައި، ދަރަނި ދެއްކުން ފަސްކޮށްދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ޔަގީންކަން އެބައޮތް އެންމެ ބޮޑަށް ދަރާފައިވާ ތަންތަނުން ރަނގަޅު ގޮތެއް ހައްދަވައިދެއްވާނެކަމުގެ،" އޭނާ ވިދާޅުވިއެވެ.
"ރާއްޖެ ބަނގުރޫޓެއް ނުވާނެ. ބަނގުރޫޓެއް ނުވާނެ. އެކަމަކު، މެއިންސްޓްރީމް މީޑިއާއިން ވަރަށް ފޯރީގައި ރާއްޖޭގެ ވާހަކަދައްކަނީ. އެއީ، މިއީ ރާއްޖެވީމާ،"
ރާއްޖެއިން އެންމެ ބޮޑަށް ދަރާފައި އޮތީ އަވައްޓެރި އިންޑިއާއާއި ޗައިނާއަށެވެ. އެއީ، ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ކޮވިޑުން އަރައިގަންނަން ނެގި ދަރަނި ވެސް ހިމެނޭ ގޮތުންނެވެ. ސަރުކާރުން އަންނަނީ ދެ ގައުމާ އެކު ވެސް އިގުތިސާދީ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާގެ ސަރުކާރުގެ އޮފިޝަލުން ވެސް މި ފަހުން ވަނީ ދަރަނިތައް އަދާކުރުމުގައި ރާއްޖެއަށް އެހީވާން ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ.
އެކަމަކު، ޗައިނާއާއި އިންޑިއާގެ ވާދަވެރިކަމުގެ މެދުގައި ރާއްޖެ ފިތިގެން ނުތިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެ އޮތީ އެއްވެސް ދެ ގައުމެއްގެ ދޭތެރޭގައި ފިތިފައި ނޫން ކަމަށެވެ. އެއީ، ބައިނަލްއަގުވާމީ މީޑިއާތަކުން އަމިއްލައަށް އިޝްތިހާރުވާން ދައްކާ ވާހަކައެއްގެ ގޮތުގައި ސައީދު ސިފަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދަރަނި ދެއްކުމުގައި ހުރި ދަތިތައް ފާހަގަކޮށް މި މަހު 11 ގައި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ މަހު 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
ރޭޓިންއަށް ބަދަލު ގެނައި ނަމަވެސް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރިޒާވްގެ ހާލަތު ވެސް ރަނގަޅުވަމުން އަންނަ ކަމަށް އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.