20 އަހަރުގެ ތަރައްގީގެ ޕްލޭންގެ މަސައްކަތް ފަށަނީ؛ ބޭރުގެ މާހިރުންގެ އެހީވެސް ހޯދާނެ

ރައީސް ކެބިނެޓް ބައްދަލުވުމެއްގައި: އެ މަނިކުފާނު ވަނީ ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭން ހެދުމުގެ މަސައްކަތް ފަށަން ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ، ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭން ހެދުމުގެ މަސައްކަތް ފަށަން ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ހިއްސާކުރި ވީޑިއޯ މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ، 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭންގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ނިންމުން އިއްޔެ ކެބިނެޓުން ނިންމައިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ ޕްލޭންގެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށާއި އެގޮތުން ހުރިހާ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކިއެކި ސްޓޭކްހޯލްޑަރުންނާއި މާހިރުންގެ މަޝްވަރާ ހޯދާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެ ޕްލޭނަކީ ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް، ގާނޫނީ ބާރުވެރިކަމާއި ހިމާޔަތް ލިބިފައިވާ ޕްލޭނަކަށް ހެދުމަށް ޓަކައި އެކަމަށް ޚާއްސަކޮށް ގާނޫނެއް ހަދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މީގެ މަގުސަދަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ތަސައްވުރު ކުރިއަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅިގެންދާ ދިޔުމަކީ، ރައްޔިތުންނަށް އެކަމުގެ ޔަގީންކަން އޮންނަ ކަމަކަށް ހެދުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހުރިހާ ރަށެއްގައި އެ މަސައްކަތާ ބެހޭ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށެވެ.

"ކަމާ ބެހޭ އެކިއެކި ޖަމްއިއްޔާތަކާއި ހުރިހާ ޖަމާއަތްތަކާއި ކުޅިވަރު ކުޅޭ ފަރާތްތަކާއި އެކިއެކި ސިޔާސީ ޕާޓީތަކާއި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވިޔަސް، ގައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއި މި ހުރިހާ ފަރާތްތަކާ ވަރަށް އޮގަނައިޒްޑް ގޮތެއްގައި ވަރަށް ތަފުސީލީ ގޮތެއްގައި އަޅުގަނޑުމެން މަޝްވަރާކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޕްލޭންގެ މަސައްކަތުގައި އެކި ދާއިރާތަކުން ބޭރުގެ މާހިރުން ވެސް ބައިވެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކިއެކި ދާއިރާތަކުގެ އެކްސްޕާޓުން މީގައި ބައިވެރިވާނެ އިގުތިސާދީ ދާއިރާ، އިޖުތިމާއީ ދާއިރާ، އަދި ގަވަނަންސްގެ ދާއިރާއިން، ސްޕޭޝަލް ޕްލޭނިން ދާއިރާއިން, އާބަން ޑިވޮލަޕްމެންޓް ދާއިރާއިން، ރާއްޖެއިން ބޭރުން ވެސް އިރާދަކުރެއްވިއްޔާ ބައެއް މީހުން އަންނާނެ," އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭރުގެ މާހިރުން ބައިވެރިވި ނަމަވެސް، ޕްލޭންގެ މަސައްކަތުގައި އިސްކޮށް ތިބޭނީ ގައުމު ދެކެ ލޯބިވާ، ގައުމިއްޔަތުގެ ވިސްނުންހުރި، ގައުމީ ބަހާތަކާއި ގައުމިއްޔަތު ހިމާޔަތް ކުރުމުގެ ވިސްނުމުގައި ތިބި ދިވެހިން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ދިގު މުއްދަތަކަށް ކުރިއަށްގެންދާ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް އިއުލާންކޮށްފައެވެ. އޭގެ ތެރެއިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް 20 އަހަރުގެ ޕްލޭނެއް މިދިޔަ ޖެނުއަރީ މަހު ރައީސް އިފުތިތާހުކުރެއްވިއެވެ.

މީގެ އިތުރުން ފުށިދިއްގަރުފަޅު ހިއްކައިގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު މިދިޔަ ޑިސެމްބަރު މަހު ވަނީ ފަށައިފައެވެ.

comment ކޮމެންޓް