ޒޯން ބަދަލުކުރަންޖެހޭ އުޅަނދުތަކުގައި ސްޓިކާޖަހައި، ހުޅުމާލޭން ހަމަޖެއްސި ބިމަށް ގެންދަން ފުރުސަތެއް

ވަގުތީ ގޮތުން ޕާކު ކުރުމަށް ހަމަޖެއްސި ބިމުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެހެން ޒޯންތަކުގައި ހުރި އުޅަނދުތަކުގައި ސްޓިކާ ޖަހައި، ހުޅުމާލޭން ހަމަޖެއްސި ބިމަށް ގެންދަން ފުރުސަތެއް ----

އެއްގަމު ގާނޫނުގެ ދަށުން މާލެ ސަރަހައްދުގައި ރަޖިސްޓްރީ ނުކުރާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްގެން ދުއްވާ އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހަން ފަށައިފިއެވެ.

މިދިޔަ އޮގަސްޓު މަހުގެ 21ގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ނުގަވައިދުން ބޭނުން ކުރަމުން އަންނަ ވެހިކަލްތައް ގަވައިދަށް ފައްތާ މުއްދަތުގައި، ވަގުތީ ގޮތުން ޕާކު ކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖައްސާފައެވެ.

ނުގަވައިދުން މާލެ ސަރަހައްދުގައި ބޭނުން ކުރަމުން އަންނަ ވެހިކަލްތައް ގަވާއިދަށް ފައްތަން ކަމާ ބެހޭ އިދާރާތަކުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ މަސައްކަތާ ގުޅުވައި ފުލުހުން މިރޭ ބުނީ، މާލޭ ސަރަހައްދުގައި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކާއި ރަޖިސްޓްރީނުކޮށް ބޭނުން ކުރަމުން އަންނަ ވެހިކަލްތައް ގާނޫނާއި ގަވާއިދަށް ފެއްތުމަށް ފުރުސަތު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވެހިކަލްތަކެއް: އެހެން ޒޯންތަކުގައި ހުރި އުޅަނދުތަކުގައި ސްޓިކާ ޖަހައި، ހުޅުމާލޭން ހަމަޖެއްސި ބިމަށް ގެންދަން ފުރުސަތެއް --- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލް

އެ މަސައްކަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ ގޮތުން ވެހިކަލްތައް ޕާކު ކުރަން ހަމަޖެއްސި ބިމަށް ވެހިކަތައް ގެންދިޔުމަށް އަންގައި، ސްޓިކާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އޭގެއިތުރުން، އެފަދައިން ސްޓިކާ ހަރުކުރެވޭ ވެހިކަލްތަކުގެ ވެރިފަރާތްތަކުން ސްޓިކާގައި ބުނެފައިވާ ސުންގަޑީގެ ކުރިން ވެހިކަލް އެ ބިމަށް ގެންދިޔުމަށް ފުލުހުން އެދިފައިވެއެވެ.

ފުލުހުން ވަނީ މިފަދަ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

މިދިޔަ މަހު 26ގައި ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ވީހާވެސް އަވަހަށް އެބިމަށް ވެހިކަލްތައް ގެންދިޔުމަށް އެދިފައެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން: އެހެން ޒޯންތަކުގައި ހުރި އުޅަނދުތަކުގައި ސްޓިކާ ޖަހައި، ހުޅުމާލޭން ހަމަޖެއްސި ބިމަށް ގެންދަން ފުރުސަތެއް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

https://sun.mv/195982

މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ގާނޫނާ ޚިލާފަށް މާލެ ސަރަހައްދުގައި ވެހިކަލްތައް ގިނަވެފައި އޮތީ ގާނޫނާ ޚިލާފަށް ކަންތައް ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ފުރުސަތު ދީފައި އޮތުމުން ކަމަށެވެ.

އެހެންވެ، އެ މައްސަލަ 'ކުއްލިއަކަށް' ހައްލު ކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/195762

އެގޮތުން، އެފަދައިން ހުރި ވެހިކަލްތައް ގެންދިޔުމަށް 40 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި މި ބިމަކީ ޓޯ ނުކޮށް، އެ ވެހިކަލްތައް ގަވާއިދަށް ފެއްޓުމަށް ހަ މަސް ދުވަހު ވަގުތީ ގޮތުން ބެހެއްޓުމަށް ހަމަޖެއްސި ބިމެއް ކަމަށް އަމީން ވިދާޅުވިއެވެ.

މި ބިމަކީ 40،000 އަކަފުޓޫގެ ބިމެއް ކަމަށްވާއިރު، މި ބިމުގައި 200 ވަރަކަށް ކާރު ނުވަތަ ހަތަރު ފުރޮޅުލީ އުޅަނދު ބެހެއްޓޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް