ނުގަވައިދު އުޅަނދުތަކަށް ޚާއްސަކޮށްފައިވާ ބިމަށް ވީހާވެސް އަވަހަށް ގެންދަން އެދިއްޖެ

ޕާކު ކުރުމަށް ހަމަޖެއްސި ބިމުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ބިމަށް ނުގަވައިދު ވެހިކަލްތައް ގެންދަން މިނިސްޓްރީން ވަނީ އެދިފައި ---

މާލެ ސަރަހައްދުގައި ނުގަވައިދުން ބޭނުން ކުރަމުން އަންނަ ވެހިކަލްތައް ގަވައިދަށް ފައްތާ މުއްދަތުގައި ވަގުތީ ގޮތުން ޕާކު ކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ހަމަޖެއްސި ބިމަށް ވީހާ ވެސް އަވަހަށް ގެންދަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އެދިއްޖެއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓްރީނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކު ކުރާ ވެހިކަލްތަކާއި އެހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތައް އޭ ޒޯންގައި ދުއްވުމާއި ޕާކު ކުރުމާއި ބޭނުން ކުރުން ހުއްޓުމަށް އެވެހިކަލްތައް ގާނޫނަށް ފެއްތުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން، އެކަމަށް ފުރުސަތު ދިނުމަށް ޓަކައި އެ މިނިސްޓްރީން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ހުޅުމާލެ ލޮޓް ނަމްބަރު 452 ބިމުގައި ނުގަވައިދުން ހުރި އުޅަނދުތައް ވަގުތީގޮތުން ބަހައްޓާނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން: އެ ބިމަށް ނުގަވައިދު ވެހިކަލްތައް ގެންދަން މިނިސްޓްރީން ވަނީ އެދިފައި --- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

މިނިސްޓްރީން ބަޔާންކޮށްފައިވާ ހަލާތްތަކުގައި ހުރި ވެހިކަލްތައް ވީއެންމެ އަވަހަކަށް އެ ބިމަށް ގެންގޮސް، ގަވައިދަށް ފެއްތުމުގެ މަސައްކަތް ކުރުމަށް އެ ބަޔާނުގައި ބުނެއެވެ.

އިތުރަށް އެބަޔާނުގައި ބުނީ، އެ އުސޫލާ ޚިލާފުވާ ފަރާތްތަކަށް ގާނޫނުގެ ދަށުން އެކުލަވާލައިވާ ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލެ ސަރަހައްދުގައި ހުރި ނުގަވައިދު ވެހިކަލްތައް ވަގުތީ ގޮތުން ޕާކު ކުރުމަށް ބިމެއް ހަމަޖައްސާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އެކަމާ ގުޅުވައި މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ގާނޫނާ ޚިލާފަށް މާލެ ސަރަހައްދުގައި ވެހިކަލްތައް ގިނަވެފައި އޮތީ ގާނޫނާ ޚިލާފަށް ކަންތައް ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ފުރުސަތު ދީފައި އޮތުމުން ކަމަށެވެ.

އެހެންވެ، އެ މައްސަލަ 'ކުއްލިއަކަށް' ހައްލު ކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/195762

އެގޮތުން، އެފަދައިން ހުރި ވެހިކަލްތައް ގެންދިޔުމަށް 40 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި މި ބިމަކީ ޓޯ ނުކޮށް، އެ ވެހިކަލްތައް ގަވާއިދަށް ފެއްޓުމަށް ހަ މަސް ދުވަހު ވަގުތީ ގޮތުން ބެހެއްޓުމަށް ހަމަޖެއްސި ބިމެއް ކަމަށް އަމީން ވިދާޅުވިއެވެ.

މި ބިމަކީ 40،000 އަކަފުޓޫގެ ބިމެއް ކަމަށްވާއިރު، މި ބިމުގައި 200 ވަރަކަށް ކާރު ނުވަތަ ހަތަރު ފުރޮޅުލީ އުޅަނދު ބެހެއްޓޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް