މާލެ ސަރަހައްދުގައި ނުގަވާއިދުން ހުރި ވެހިކަލްތައް ގަވާއިދަށް ފެއްތެންދެން ވަގުތީ ގޮތުން ޕާކުކުރަން ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމެއް މިއަދު ހަމަޖައްސައިފިއެވެ.
މި ކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ގާނޫނާ ޚިލާފަށް މާލެ ސަރަހައްދުގައި ވެހިކަލްތައް ގިނަވެފައި އޮތީ ގާނޫނާ ޚިލާފަށް ކަންތައް ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ފުރުސަތު ދީފައި އޮތުމުން ކަމަށެވެ.
އެހެންވެ، އެ މައްސަލަ 'ކުއްލިއަކަށް' ހައްލު ކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްނަންގަވައިގެން އެ މައްސަލައަށް ހައްލެއް ހޯދުމަށް ގަވާއިދަށް ނުފެތޭ ގޮތަށް ހުރި އުޅަނދުތައް ގަވާއިދަށް ފެއްތުމަށް މުއްދަތެއް ދިނުމަށް ފަހު، އެ ވެހިކަލްތައް ބަހައްޓާނެ ޖާގައެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވި ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން: ނުގަވައިދުން ހުރި ވެހިކަލްތައް ވަގުތީ ގޮތުން ޕާކުކުރަން ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި --
އަޅުގަނޑުމެން މިއަދު މިނިސްޓްރީން އިއުލާނެއް ކުރާނެ. އެއީ މާލެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ރަޖިސްޓްރީ ނުކުރެވި ހުރި ވެހިކަލްތަކާއި އަދި ޒޯން އޮޅުވާލައިގެން ގެންގުޅެމުންދާ ވެހިކަލްތަކާއި ނުބައި ނަންބަރު ޕްލޭޓްއަޅުވައިގެން ގެންގުޅޭ ވެހިކަލްތައް މި ސަރައްދަށް އެ ބޭފުޅުން އަމިއްލައަށް ގެނެސް ބަހައްޓަން،ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
އެގޮތުން، އެފަދައިން ހުރި ވެހިކަލްތައް ގެންދިޔުމަށް 40 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި މި ބިމަކީ ޓޯ ނުކޮށް، އެ ވެހިކަލްތައް ގަވާއިދަށް ފެއްޓުމަށް ހަ މަސް ދުވަހު ވަގުތީ ގޮތުން ބަހައްޓާލުމަށް ހަމަޖެއްސި ބިމެއް ކަމަށް އަމީން ވިދާޅުވިއެވެ.
މި ބިމަކީ 40،000 އަކަފުޓޫގެ ބިމެއް ކަމަށްވާއިރު، މި ބިމުގައި 200 ވަރަކަށް ކާރު ނުވަތަ ހަތަރު ފުރޮޅުލީ އުޅަނދު ބެހެއްޓޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ޕާކު ކުރުމަށް ހަމަޖެއްސި ބިމުގެ މަތިން ނަގާފައިވާ ފޮޓޯއެއް: ނުގަވައިދުން ހުރި ވެހިކަލްތައް ވަގުތީ ގޮތުން ޕާކުކުރަން ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި ---
އިތުރަށް މިނިސްޓަރު ވިދާޅުވީ، މި ބިމުގައި މިއަދުން ފެށިގެން ޕާކު ކުރެވޭނެ ކަމަށާއި މި ބިން ޕޮލިހުން ބަލަހައްޓާނެ ކަމަށާއި ޕާކު ކުރެވޭނެ ގޮތްތައް ފުލުުހުން ހަމަޖައްސާދޭނެ ކަމަށެވެ.
މި ތަނަށް ގެނެސް ބެހެއްޓީމައި މާލެ ސަރައްހައްދުގައި އާންމު ރައްޔިތުން ބޭނުން ކުރަން އޮތް މަގާއި ދުއްވަން އޮތް ތަނަށް ވެސް ހެޔޮ ބަދަލެއް އަންނާނެ،ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
މީގެ އިތުރުން، މި ބައްދަލުވުމުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، ވަގުތީ ގޮތުން މި ބިން ހަމަޖައްސައިދިން ނަމަވެސް ވިސްނުމަކީ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.
މާލޭގައި ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ރަޖިސްޓްރީކޮށްގެން ދުއްވާ ގާތްގަނޑަކަށް 80،000 ވެހިކަލްގެ ތެރޭގައި 4500 އަށްވުރެ ގިނަ ކާރު ހިމެނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މާލޭގެ ޕާކިން މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމުގެ ވައުދުފުޅާ އެކުގައެވެ.