ލޮރީއަކާއި ސައިކަލެއްޖެހި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ފަރުވާދޭން ފަށައިފިއެވެ.
މި ކަމާ ގުޅިގެން ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ ހުޅުމާލޭ ފޭސް އެކަކުން ފޭސް ދެއަކަށް ދަތުރުކުރުމަށް އޮންނަ ބްރިޖުމަތީގައި ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއްް ހިނގައިގެން އުޅޭތީ އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެ، ހުޅުމާލޭ ހޮސްޕިޓަަަލަށް ގެންގޮސްފައިވާކަމަށާއި އަނިޔާވެފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓް ހިނގި ސަރަހައްދުން ފެންނަނީ ސައިކަލަކާއި އެޗްޑީސީގެ ވޯޓާ ޓޭންކަރެކެވެ.
މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި މިފަދަ އެކްސިޑެންޓުތައް ވަނީ ވަރަށް ގިނަވެފައެވެ. ދާދި ފަހުން ވެސް ވަނީ ހުޅުމާލޭގައި ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓުވެ މީހަކު ނިޔާވެފައެވެ.