ރައީސްގެ ސިޔާސަތާއެކު ފެށޭނީ ޑިމޮކްރަސީގެ އައު ބާބެއް: ޕީއެންސީ

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމާއި، ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޒައާމަތުގައި ދައުލަތް ހިންގުމަށް ގެންނަން ފައްޓަވާފައިވާ އިސްލާހީ ބަދަލުތަކާއި، ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއެކު، ރާއްޖޭގެ ތާރީޚުގައި ޑިމޮކްރަސީގެ އައު ބާބެއް ފެށޭނެ ކަމަށް ކޮންގްރެސް ޕާޓީ (ޕީއެންސީ)ން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަށް މަރުހަބާ ކިޔައި، ނެރުނު ބަޔާނެއްގައެވެ.

އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފު ކުރެވުނުތާ 16 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު، ދުސްތޫރީ ގޮތުންނާއި އިދާރީ ގޮތުން ގެންނަންޖެހޭ މުހިންމު ބޮޑެތި އިސްލާހުތައް ގެނައުމުގެ މަސައްކަތް އޮތީ ނުކުރެވިކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން، ގެންނަންޖެހިފައިހުރި މުހިންމު އިސްލާހުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އޭގެ ތެރޭގައި:

  • އަހަރުން އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތްއޮތުން ބަދަލުކުރެއްވުން
  • ބޮޑެތި އިންތިޚާބުތައް ވަކިވަކިން އޮތުމުގެ ބަދަލުގައި އިންތިޚާބުތައް އެއް ތާރީޚެއްގައި ބާއްވާގޮތަށް ނިޒާމު ބަދަލުކުރެއްވުން
  • ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރެއްވުމަށް ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ނުތިބޭކަން ކަށަވަރުކޮށްދެއްވުން
  • ރާއްޖޭގެ ކަންކަން ނިންމަނީ ދިވެހީންގެ އަމިއްލަ ވިސްނުމާއި ފިކުރާ އެއްގޮތަށް، ރާއްޖޭގެ އަމިއްލަ މަސްލަހަތު އިސްކޮށްގެންކަން ޔަގީންކޮށްދެއްވުމަށް މޯލްޑިވްސް ފަސްޓް ސިޔާސަތު ތައާރަފު ކުރައްވައި ހިންގަވަން ފެއްޓެވުން
  • ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި، ޖުޑީޝަރީގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނެވުން
  • ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރައްވައި ލޯކަލް ކައުންސިލްތަކަށް އާމްދަނީ ހޯދައި، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގުތައް ފަހިކުރެއްވުން

ޕީއެންސީން ބުނީ އެ ކަންކަމަކީ ދުރުރާސްތާގައި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ދައުލަތުގެ ހިންގުން އިސްލާހުވާނެ ކަންތައްތަކެއް ކަމުގައި އެ ޕާޓީން ގަބޫލު ކުރާ ކަމަށެވެ.

އެ ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ މި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާއިރު، ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެން އޮތް ބަދަލުހިފުމާއި، ޒާތީ ރުޅިވެރިކަމާއި، ނަފުރަތާއި ހަސަދަވެރިކަމުގެ ނުބައި ދަމިލަ ފިލުވައި، އެ ފަދަ ކަންކަން ނިމުމަމަކަށް ގެންނެވުމަށް ރައީސް ގެންދަވަނީ ސިޔާސީ ކަންކަމުގައި ދިވެހީންނަށް ނަމޫނާ ދައްކަވަމުން ކަމަށެވެ.

އެ ގޮތުން ވާދަވެރިންގެ އަބުރަށް އަރައިގަތުމާއި، ރުޅިވެރިކަމާއި ނަފުރަތުގެ ހުޅު ރޯކުރުން ނިމުމަމަށް ގެންނެވުމަށް މަޑުމައިތިރިކަމާއެކު ގައުމީ މައްސަލަތަކާމެދު ތެދުބަހުން ވާހަކަދެއްކެވުމުގެ ފުރިހަމަ ނަމޫނާ ދައްކަވަމުން ގެންދަވަނީ، އިސްލާމީ އަޚުލާގީ ގިއުގަނޑުގެ ތެރޭގައި ޑިމޮކްރެޓިކް މާހައުލެއް ބިނާކުރާނެ ގޮތް އަމަލުފުޅުން ތަމްސީލުކޮށްދެއްވަމުން ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ދައުލަތުގެ މުއައްސަސާތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ވާދަވެރިކަން ކަސްތަޅުއަޅުވައި، ގައިދުކުރުމުގެ ސަގާފަތް އެ މަނިކުފާނުގެ ވެރިކަމުގައި ނިމުމަކަށް ގެންނަވައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާ އެކު ވާދަ ކުރުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އެ ގޮތުން އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން އިސްނުކުރައްވައި، ވާދަވެރި މާހައުލެއް ދެމެހެއްޓުމާއި، ހަމަޖެހުމާއި، ސުލްހަވެރިކަމާއެކު ވެރިކަން ކުރެއްވޭނެކަން އެ މަނިކުފާނު ކޮންމެ ދުވަހަކު ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށް ޕީއެންސީން ބުނެއެވެ.

އެ ޕާޓީން ބުނީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ ސިފަތައް ވަރުގަދަ ކުރައްވައި ހަރުދަނާ ކުރެއްވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށެވެ.

ރާއްޖޭގެ ޑިމޮކްރަސީއާއި ދައުލަތުގެ ހިންގުން ހަރުދަނާކޮށް، އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދިވެހިވަންތަ އުސޫލުތަކުގެ މަތީގައި ދިވެހި ދައުލަތް ޒަމާނީ، ކުރިއަރާފައިވާ ދައުލަތެއްގެ ގޮތުގައި ބައްޓަން ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް ކޮންގްރެސް ޕާޓީން ވަނީ ޝުކުރު ދަންނަވާފައެވެ.

comment ކޮމެންޓް