ސުކޫކް ޑިފޯލްޓްވުމުން ސަލާމަތްކޮށްދޭން އިންޑިއާއިން އެހީ ދޭން ތައްޔާރު: އޮފިޝަލުން

ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ: މާލީ ދަތިކަމުން އަރައިގަތުމަށް 400 މިލިއަންގެ ކަރެންސީ ސްވޮޕްއަށް އިންޑިއާއިން އެއްބަސްވެއްޖެ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް ސުކޫކަށް ފައިސާ ނުދެއްކި، ޑީފޯލްޓްވުމުގެ ނުރައްކާ އޮތް ދަނޑިވަޅެއްގައި އެކަމުން ސަލާމަތްކޮށްދިނުމަށް އިންޑިއާއިން އޮތީ މާލީ އެހީ ދޭން ތައްޔާރަށް ކަމަށް އެގައުމުގެ ކަމާ ގުޅުން ހުރި އޮފިޝަލުންތަކަކާ ހަވާލާދީ ބޭރުގެ ނޫސްތަކަކުން ރިޕޯޓުކޮށްފިއެވެ.

ބްލޫމްބާގް ނޫހުގައިވާ ގޮތުން، ސަރަހައްދީ ގައުމުތަކަށް ހުޅުވާލާފައިވާ ރިޒާވް ބޭންކް އޮފް އިންޑިއާގެ ކަރަންސީ ސްވޮޕް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް މިހާރު ވެސް 400 މިލިއަން ޑޮލަރު ނެގޭނެއެވެ. ހަމައެއާއެކު 2019 ވަނަ އަހަރު ހަދައިފައިވާ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް 800 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ލޯނު ވެސް ނެގޭނެ ކަމަށް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައިވެއެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ އެހީއަށް، ދިވެހި ސަރުކާރުން ރަސްމީކޮށް އެދުނު ކަމެއް އަދި އެނގިފައިނުވެއެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ ހަފުތާގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ހީނާ ވަލީދު ވަނީ އެ ދަތުރުފުޅު އިއުލާނުކުރައްވައި، އެ ދަތުރު ކުރައްވާނެ ވަކި ތާރީޚެއް އަދި ނިންމަވާފައި ނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެ ގައުމުގެ ވެރިންނަށް ވެސް އެންމެ ފަސޭހަފުޅުވާނެ ތާރީޚެއްގެ މަޝްވަރާތައް މިވަގުތު ކުރައްވާ ކަމަށް ހީނާ މައުލޫމާތުދެއްވިއެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވެ، މާލީ ހާލަތު ވެސް ދަށްވުމުގެ ސަބަބުން ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ޓަކައި މި ސަރުކާރުން އަންނަނީ މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލައި، ދައުލަތަށް ގެއްލުންވަމުންދާ ކުންފުނިތައް އުވާލުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތު ގޯސްވެފައިވާއިރު، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށް ކޮށްފައެވެ. މޫޑީސްއެކޭ އެއްގޮތަށް މިދިޔަ މަހު ފިޗްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން ސީސީސީ ޕްލަސްއިން ސީސީއަށް ދަށްކޮށްފައެވެ.

މި ބަދަލު ގެނައީ ކުރިއަށް އޮތް ދެ އަހަރު ދައްކަން ޖެހޭ ދަރަނި އިތުރުވުމުންނެވެ. އެގޮތުން އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނޭކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން، ރާއްޖޭއިން ވިއްކާފައިވާ ސުކޫކެއް ޑިފޯލްޓްވުމުގެ ފުރުސަތު އޮތްކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް މިމަހުގެ ކުރީކޮޅު ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު ވަނީ އިންވެސްޓަރުންގެ އެކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން މިއަހަރު ސްކޫކަށް ދައްކަން ޖެހޭ ދެވަނަ ކޫޕަން ޕޭމަންޓް އަންނަ މަހު އަށް ވަނަ ދުވަހަށް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. ރާއްޖެއިން އަންނަމަހު ސްކޫކަށް ދައްކަން ޖެހޭ ކޫޕަން ޕޭމަންޓުގެ އަދަދަކީ ގާތްގަނޑަކަށް 25 މިލިއަނެއްހާ ޑޮލަރެވެ.

އަންނަ މަހު އެ ފައިސާ ދެއްކުމާއެކު ރާއްޖޭގެ ސްކޫކުގެ އަގު ރަނގަޅު ވާނެ ކަމަށްވެސް ޝަފީގު ވިދާޅުވެފައިވެއެވެ.

އަންނަ މަހުގެ ސްކޫކު ޕޭމަންޓަކީ ސަރުކާރުން މިއަހަރު ސުކޫކަށް ދައްކަންޖެހޭ އެންމެ ފަހު ޕޭމަންޓެވެ. މިހާތަނަށް ސަރުކާރުން އަންނަނީ ސުކޫކަށް ދައްކަންޖެހޭ އެއްވެސް ޕޭމަންޓެއް ޑިފޯލްޓްނުވެ ބަރާބަރަށް ދައްކަމުންނެވެ.

ބޭރުގެ ދަރަނީގެ ގޮތުގައި 2026 ވަނަ އަހަރު ރާއްޖެއިން އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ރިފައިނޭންސް ކުރަން ނިންމާފައިވާ ކަމަށް ވެސް މީގެ ކުރިން ޝަފީގު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް ވަނީ މިދިޔަ މަސް ނިމުނުއިރު އިތުރުވެފައެވެ. އެގޮތުން ޖުމްލަ ރިޒާވް ވަނީ މިދިޔަ މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އަރާފައެވެ. ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވް މިދިޔަ މަސް ނިމުނުއިރު ވަނީ 61.22 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

comment ކޮމެންޓް