ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ރަސްމީ ދަތުރެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
އެކަން ހާމަކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، އެ ދަތުރު ކުރައްވާނެ ވަކި ތާރީޚެއް އަދި ނިންމަވާފައި ނުވާ ކަމަށެވެ. ނަމަވެސް ދެ ގައުމުގެ ވެރިންނަށް ވެސް އެންމެ ފަސޭހަފުޅުވާނެ ތާރީޚެއްގެ މަޝްވަރާތައް މިވަގުތު ކުރައްވާ ކަމަށް ހީނާ މައުލޫމާތުދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވޭ. އެނގިވަޑައިގަންނަވާނެ ދައުލަތުގެ އެންމެ އިސްވެރިން އެގޮތައް ކުރައްވާ ދަތުރުފުޅުކުރައްވަމުން ގެންދަވަނީ ދެ ގައުމުގެ އެންމެ އިސްވެރިންނަށް އެންމެ ފަސޭހަ ވަގުތުތަކުގައި. އެކަމާ ބެހޭ މަޝްވަރާތައް މިހާރު ކުރެވެމުންދާ ވާހަކަދަންނަވާލަން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
ރައީސް މުއިއްޒު ވަނީ ޖޫން ނުވައެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތަށް އެ ގައުމަށް ވަޑައިގެންފައެވެ.
އާއްމުގޮތެއްގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރީގެ ރައީސުން އެންމެ ފުރަތަމަ ވެސް ރަސްމީ ދަތުރުފުޅުތައް ކުރައްވާފައި ވަނީ އަވައްޓެރި އިންޑިއާއަށެވެ. އެއާ ޚިލާފަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ.
އޭގެ ފަހުން ސަރުކާރުގެ ބައެއް ވަޒީރުން ވަނީ އެކި ފަހަރުމަތިން އިންޑިއާއަށް ރަސްމީ ދަތުރުތަކުގައި ވަޑައިގެންފައެވެ. އަދި މިފަހުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.
އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ.
މޯދީއަށް ކުޑައިމީސްވާގޮތަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުތަކަކާ ގުޅިގެން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ސަސްޕެންޑުކުރިތާ ނުވަ މަސް ފަހުން، އެ މަގާމުން މަރިޔަމް ޝިއުނާއާއި މަލްޝާ ޝަރީފް ވަނީ މިއަދު އިސްތިއުފާ ވެސް ދެއްވާފައެވެ.
ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް، އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދެއެވެ.