ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުވާލައްވައިފިއެވެ.
އެ މަނިކުފާނު މި އޮތޯރިޓީ އުވާލައްވާފައިވާކަން އިއުލާންކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުން ނެރުނު ދެންނެވުމުގައެވެ.
ރައީސް، މި އޮތޯރިޓީ އުވާލެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނީ، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކުރަމުންއައި މަސައްކަތްތައް، ހައުސިން މިނިސްޓްރީން ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ގޮތަށް ހަމަޖެއްސީ، އެ އޮތޯރިޓީން ކުރަމުންއައި މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގައި، މިހާރަށްވުރެ ޚަރަދު ކުޑަ ގޮތެއްގައި އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ކަމަށް ވެސް ބުންޏެވެ.
ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުފައްދައި، ހައުސިން މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސީ 2011 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
އޭރު އެ އޮތޯރިޓީ އުފެއްދީ ރާއްޖޭގެ ބިމާއި، ފަރާއި ފަޅު، އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ދިރާސާކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުން ގެންދިއުމުގެ ސަބަބުން، ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތުތައް ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާތީއެވެ. އެކަން ކުރުމަށް އޭރު ބޭނުންކުރި ވަސީލަތްތައް އެއް މުއައްސަސާއެއްގެ ދަށަށް ބަދަލުކުރުމުން އެކަމުގެ ފައިދާ ރައްޔިތުންނާއި ސަރުކާރަށް ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.
ރައީސް މުއިއްޒު ގެންދަވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ބައެއް އެސްއޯއީ ކުންފުނިތައް ފައިދާ ބޮޑު އެހެން ކުންފުނިތަކުގެ ދަށަށް ބަދަލުކުރުން ފަދަ ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
މާލީ ހާލަތު ގޯސްވެ، ޚަރަދު ކުޑަކުރަން ރާއްޖެއަށް މަޖުބޫރުވެފައިވާއިރު ސަރުކާރުން ވަނީ އާސަންދަ އިސްލާހުކުރުމާއި ސަބްސިޑީތައް ޓާގެޓުކުރުން ފަދަ މުހިންމު ބަދަލުތަކެއް އިއުލާނުކޮށްފައެވެ.
ޑޮލަރުން ލިބޭ އާމްދަނީ އިތުރުނުވެ، ތިންގުނަ އިތުރަށް ހޭދަކުރަންޖެހޭ ކަމަށް ބުނެ ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު އެއްކޮށް ހުއްޓައިލަން ވެސް މީގެ ކުރިން ނިންމިއެވެ. އެކަމަކު، މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދާ އެއްގޮތަށް ބީއެމްއެލުން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
ސަރުކާރުގެ ބައެއް އިސްވެރިން އެ ކަމާ ގުޅުވައި ބަޣާވާތެއްގެ ތުހުމަތުކުރައްވާއިރު ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.