ކުންފުނިތަކުގެ ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް: ޑޮލަރުން މުސާރަ ދިނުން ވެސް ހުއްޓާލަން އަންގައިފި

ރައީސް މުއިއްޒު: އެ މަނިކުފާނުގެ އިސްނެންގެވުމާއެކު ކޮންމެހެން ނަގަންނުޖެހޭ މުވައްޒަފުން ނުނެގޭ ގޮތަށް ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅައިފި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާ އެކު މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

މި ދަނޑިވަޅުގައި ސަރުކާރުން ޚަރަދު ހަމަމަގަށް އެޅުވުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށްޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ޚަރަދު ވީހާ ވެސް ކުޑަކުރުމަކީ މުހިންމުކަމެއް ކަމަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.

މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން:

މުވައްޒަފުންގެ ޚަރަދު

  • ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ކަމުގައި ވީނަމަވެސް، ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވާ އިތުރު މުވައްޒަފުން އެ މަގާމުތަކަށް ނުނެގުން.
  • ޕީސީބީގެ ހުއްދައާ އެކު މެނުވީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުން.
  • ރަސްމީގަޑީގައި މަސައްކަތްތައް ނިމޭގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއި، ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގެ މަސައްކަތް ނުކުރުން.
  • ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުން.
  • ތަމުރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާގުޅޭ މުވައްޒަފުން ބޭނުންކުރުމާއި ރާއްޖޭގެ ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުން.
  • ކޮންމެހެން މި ވަގުތަށް ކުރަންޖެހޭ މަސައްކަތެއް ނޫނީ އެހެން މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރުން.
  • ޑިޕާޓްމަންޓްތަކުގެ މަސައްކަތަކަށް ބަލައި މުވައްޒަފުން އިތުރުވާނަމަ ނުވަތަ އައިޑަލްޓައިމް ގިނަނަމަ އެފަދަ މުވައްޒަފުން ކުންފުނިން ކޮންމެހެން ފަށަންޖެހޭ ޕްރޮޖެކްޓުތަކާއި ކުރިއަށްދާ ޕްރޮޖެކްޓުތަކުގައި ބޭނުންކުރުން.

ސިވިލް ސާވަންޓުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދަތުރު ޚަރަދު

  • ރާއްޖެއިން ބޭރަށާއި، އަތޮޅުތެރެއަށް ކޮންމެހެން ކުރަންނުޖެހޭ ރަސްމީ ދަތުރުތައް ކުރުން މި ވަގުތަށް ހުއްޓާލުން.
  • ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގުވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުން.
  • ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށްވުރެ ދިގުނުވާނަމަ ފަސްޓް ކްލާހުގައި ދަތުރުނުކުރުން.
  • ދަތުރުގެ ހުރިހާ ޚަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ޚަރަދު ވީހާ ވެސް ކުޑަކުރުން.
  • ފެރީގެ ޚިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން.
  • އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ޚަރަދު އެންމެ ކުޑަވާނެ ގޮތަކަށް ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުން.
  • ކުންފުންޏަށް ސީދާ ގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުން.

މީގެ އިތުރުން ވެސް ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާކޮށް އެކަންކޮށް ކުންފުނީގެ ކަރަންޓު ޚަރަދު ކުޑަކުރަން ވަނީ ބުނެފައެވެ. އަދި، ކަރުދާހާއި ސްޓޭޝަނަރީއަށް ކުރާ ޚަރަދުކުޑަކޮށް، މުއާމަލާތްތައް ޑިޖިޓަލްކޮށް، އިވެންޓުތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމުގެ އިތުރުން އިވެންޓުތަކުގެ ރިޕްރެޝްމަންޓްތަކަށް ކުރާ ޚަރަދު ވީހާވެސް ކުޑަކުރަން ބުނެފައިވެއެވެ.

ކުންފުނީގެ އެނުއަލް ޕްރޮކިއުމަންޓް ޕްލޭނާއި ބަޖެޓާއި އެއްގޮތަށް ޕްރޮކިއުމަންޓްތައް ހިންގުމާއި، ކޮންސިއުމަބަލް ގަތުމުގައި ކޮންމެހެން ބޭނުންވަރަށް ގަތުމާއި، ސީއެސްއާރު އަދި ސްޕޮންސަޝިޕަށް ކުރާ ޚަރަދުތައް މަދުކުރުމަށް ވެސް ސާކިއުލާގައި ބުނެފައިވެއެވެ. އަދި، ފާސްކޮށްފައިވާ އަހަރީ ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވާ އިތުރު ޚަރަދުތައް މި ވަގުތު ނުކުރުމާއި އިސްރާފު ކުޑަކުރެވޭނެހެން މަސައްކަތްތައް ރޭވުމަށް ވެސް ބުނެފައިވެއެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި ރައީސް މުއިއްޒު ވަނީ މީގެ ކުރިން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މީގެ ކުރިން ވަނީ މިނިވަން ދުވަހުގެ ހަރަކާތްތައް ފާހަގަނުކުރުން ފަދަ ފިޔަވަޅުތައް ވެސް އަޅުއްވާފައެވެ.

comment ކޮމެންޓް