ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރާ ދާއިރާއެއްގެ ރައްޔިތުން ނަގާ ވޯޓަކުން އެ މެންބަރުން ވަކިކުރެވޭނެ ގޮތަށް ހަދަން ޖެހޭ ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން އިއްޔެ މަޖިލީހަށް ބިލެއް ހުށަހަޅައި، އިއްޔެ ވަނީ ފާސްކޮށްފައެވެ. އަދި ރައީސް އެ ބިލް ތަސްދީގު ކުރެއްވުމާއެކު އިސްލާހަށް އަމަލުވެސް ކުރަން ވަނީ ފަށައިފައެވެ.
އެ އިސްލާހާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުﷲ ދީދީ ވިދާޅުވީ އެ އިސްލާހުގައި "އެންޓި ޑިފެކްޝަން"އާ ގުޅޭގޮތުން ހިމަނައިފައިވާ އިބާރާތަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ "ރައްޔިތުންގެ ބާރު" ނުވަތަ" ނުވަތަ "ރައްޔިތުންގެ ސިޔާދަތު" ގެއްލޭގޮތަށް ފަރުމާކޮށްފައިވާ ލިޔުމެއް ކަމަށެވެ.
އެއީ ރައްޔިތުންގެ ސިޔާދަތުގެ އުސޫލާ ޚިލާފު ކަމެއްގެ ގޮތުގައި ސިފަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެ އުސޫލާ ޚިލާފުވާ ގޮތަށް ގެންނަ ބަދަލެއް ގާނޫނީ ގޮތުން ބަލައި ނުގަނެވޭނެ ކަމަށެވެ.
ޢަބްދުﷲ ދީދީ ވިދާޅުވީ ގިނަ ޕާޓީތައް ޝާމިލްވާ ބައެއް ނިޒާމުތަކުގައި ޕާޓީ ބަދަލުކުރުން މަނާކުރުމުގެ ގާނޫނުތަކެއް ހަދައި ނަމަވެސް، "އެންޓި ޑިފެކްޝަން" ގާނޫނުތަކަކީ ކުރިއަރާފައިވާ ގިނަ ޑިމޮކްރަސީތަކުން ބަލައިގަންނަ އެއްޗެއް ނޫން ކަމަށެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނަށް އަމަލުކުރަނީ ބައެއް "ބަރްލަމާނީ" ނުވަތަ "ސެމީ ބަރްލަމާނީ" ނިޒާމުތަކުގައިކަން ފާހަގަކުރައްވި އެ މަނިކުފާނު ވިދާޅުވީ، އޭގެ މައިގަނޑު މަގުސަދަކީ، އެފަދަ ނިޒާމުތަކުގައި ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުގެ ސަބަބުން ސަރުކާރުގެ ދެމިއޮތުމަށް ހުރަސް އެޅޭތީ އެކަމަށް ހައްލު ހޯދުން ކަމަށެވެ.
އެފަދަ ނިޒާމަކާ ޚިލާފަށް ރާއްޖޭގެ ޖުމްހޫހޫރިއްޔާ ފަދަ ރިޔާސީ ނިޒާމެއްގައި ސަރުކާރު އުފަންވަނީ ރައްޔިތުންގެ މަޖިލީހުން ކަމުގައި ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއި ސަރުކާރުގެ ވުޖޫދާއި ދެމިއޮތުމާ ދެމެދު އޮންނަންޖެހޭ އެއްވެސް ދުސްތޫރީ ގުޅުމެއް ނެތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"[އެފަދަ ގުޅުމެއް ނެތްއިރު] ދިވެހިރާއްޖޭގައި "އެންޓި ޑިފެކްޝަން" ގެ އުޞޫލުތަކެއް -މިގެނެވުނު ދުސްތޫރީ އިޞްލާޙުގައި ބަޔާންކުރެވިފައިވާ ގޮތަށް- ކަނޑައެޅިގެން ދިއުމުން، ރައްޔިތުންގެ މަޖިލީހަކީ އެމަޖިލީހާ ޤާނޫނުއަސާސީން މަތިކޮށްފައިވާ އިޚްތިޞާޞްތައް ފުރިހަމަޔަށް އަދާކުރާ ބާރެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އައިސް، އެ މަޖިލިސް"ޑިސްފަންކްޝަނަލް" ބާރަކަށް ބަދަލުވެގެން ދިއުމުގެ އިޙުތިމާލު ވަރަށްވެސް ބޮޑެވެ." ޕޯސްޓުގައިވެއެވެ.
މީގެ އިތުރުން އެ އިސްލާހު އަވަސްއަރުވާލައިގެން ފާސްކުރި ގޮތަށް ވެސް ޢަބްދުﷲ ދީދީ އިޝާރާތްކުރެއްވިއެވެ. އެގޮތުން އާދަޔާޚިލާފު އިޖުރާއާތުތަކެއްގެ ދަށުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ތަހްޒީބު މުޖުތަމައެއްގައި ކަން ހިނގައިގެންވާނެ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިއްޔެ ގެނެވުނު އިޞްލާޙު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ބެސްޓް ޕްރެކްޓިސްއަށް ތަބާވުމަކާ ނުލައި، އެއްދުވަސް ތެރޭގައި އިޞްލާޙު ހުށަހަޅައި، އިޞްލާޙަށް ބަޙްޘުކޮށް، އިޞްލާޙު ފާސްކޮށްފައިވަނީ ނޭދެވޭ ނުފޫޒުގައި ޖެހުން ފިޔަވައި އެހެން އެއްވެސް ޟަރޫރަތެއް އޮވެގެން ކަމަކަށް ޤަބޫލުނުކުރެވެއެވެ." އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގައި "ޑައިރެކްޓް ޑިމޮކްރަސީ" އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ބާރު ކަށަވަރުކުރުމުގެ ގޮތުން "ރިކޯލް ރެފްރެންޑަމް" ތައާރަފްކޮށް އިންތިޚާބީ މެންބަރުން ވަކިކުރުމުގެ ބާރު އިންތިޚާބީ ދާއިރާގެ ރައްޔިތުންނަށް ލިބިދިނުމާއެކު، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މުހިއްމުކަން މިހާރު އިތުރުވެފައިވާ ކަމަށް ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އިއްޔެ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލް ހުށަހަޅައި، މެންދުރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، ހަވީރު ބޭއްވި ޖަލްސާއެއްގައި ބިލް ފާސްކުރިއެވެ. އެއާއެކު ގެނައި މައިގަނޑު އިސްލާހުތަކަކީ:
- ވަކި ޕާޓީއަކުން ހޮވޭ މެންބަރަކު ޕާޓީން ވަކިވުން، ޕާޓީން ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅުން
- މަޖިލީހުުގެ މެންބަރަކު ޕާޓީ ބަދަލުކުރުން، ޕާޓީން ވަކިވުން، ނުވަތަ ވަކިކުުރުން
- އަމިއްލަ ގޮތުން އިންތިޚާބުވީ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅުން
އެ އިސްލާހުތައް ފާސްކުރި ގޮތުން ޕީއެންސީގެ ބައެއް މެންބަރުން ހިމެނޭ ގޮތަށް، ސަރުކާރަށް ވަނީ ފާޑުކިޔައިފައެވެ. އެގޮތުން، އެމްޑީޕީން ވަނީ އެއީ ގާނޫނުއަސާސީގެ މައިގަނޑު އަސާސްތަކާ ފުށުއަރާ ގޮތަށް ފާސްކޮށްފައިވާ އިސްލާހުތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. އަދި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ގޮވައިލައްވައިފައެވެ.
މީގެ އިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް ވަނީ އެ އިސްލާހު ގެނައުމުގެ ބިލު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްކޮށް ތަސްދީގުކުރެއްވީ ރިކޯޑު ސްޕީޑެއްގައިތޯ ސުވާލު އުފައްދަވައިފިއެވެ.
އެކަމަކު، ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންގެ ހައްގުގައި ގެނެވުނު ހެޔޮ ބަދަލުތަކެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހާ އަވަސް މުއްދަތެއްގައި އެ އިސްލާހުތައް ގެނައުމުން އެ މަނިކުފާނު ވަނީ މަޖިލީހުގެ މެންބަރުންނަށް ޝުކުރު ވެސް އަދާކުރައްވާފައެވެ.
ދެހާސް އަށާރަ ވަނަ އަހަރު، ޢަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އޭގެ ކުރިން 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ޖޫން 27އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން އެ މަނިކުފާނު ކުރެއްވިއެވެ.