މި އަހަރުގެ ނިޔަލަށް، ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމެންޓް ހިމަނައިގެން ރަސްމީ ރިޒާވު 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަންދާޒާކޮށްފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން މިއަދު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީސީ ޕްލަސް'އިން 'ސީސީ'އަށް ދަށްކޮށްފައެވެ.
އެ ބަދަލާ ގުޅޭ ގޮތުން އެމްއެމްއޭއިން ނެރުނު ބަޔާނެއްގައިވަނީ، ރަސްމީ ރިޒާވް މިދިޔަ އަހަރުގެ ޖުލައި މަހާއި މިއަހަރުގެ އެ މުއްދަތުގައި ހުރި މިންވަރު އަޅައިކިޔުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެގޮތުން މިއަހަރުގެ ޖުލައި މަސް ނިމުނުއިރު ރިޒާވްގައި ހުރީ 395 މިލިއަން ޑޮލަރު ކަމަށާއި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 45 މިލިއަން ޑޮލަރު ކަމަށް އެ ބަޔާނުގައިވެއެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރީ 594 މިލިއަން ޑޮލަރު ކަމަށާއި އެއީ ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގައިފައިވާ 100 މިލިއަން ޑޮލަރުގެ ސްވޮޕް ހިމަނައިގެންކަން އެމްއެމްއޭއިން ފާހަގަކުރިއެވެ.
އޭރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރު ކަމަށާއި އޭގެ ތެރޭގައި، 2019 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރަމުންދިޔަ ޑޮލަރު މާރުކުރުމަށް ފަހު ރިޒާވަށް ބޭނުން ކުރުމަށް ދީފައިވާ ފައިސާ ހިމެނޭ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަަސް ނިމުނުއިރު އެސްޑީއެފްގައި ހުރީ ފަސް މިލިއަން ޑޮލަރު ކަމަށާއި މިހާރު އެ އަދަދު 65 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށެވެ.
"މީގެ މައިގަނޑު ސަބަބަކީ ސޮވަރިން ޑިވެލޮޕްމެންޓަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދިޔުމެވެ. އަދި ޔޫޒަބަލް ރިޒާވްގެ އަދަދު ހިމަނައިގެން ޖުލައި 2024ގެ ނިޔަލަށް ޖުމްލަ 105 މިލިއަން ޑޮލަރު ހުރިކަމުގައި ފާހަގަކުރަމެވެ." ބަޔާނުގައިވެއެވެ.
އެމްއެމްއޭއިން ބުނީ ރިޒާވް ރަނގަޅު ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ސަރުކާރާއި އެ އޮތޯރިޓީ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި ސާކް ފްރޭމްވޯކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސޮވްޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، އެ އެރޭންޖްމެންޓުގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ ބަޔާނުގައިވާ ގޮތުން ބޭރު ފައިސާގެ ބާޒާރުގައި އެކްސްޗޭންޖް ރޭޓު ދެމެހެއްޓުމަށްޓަކާ ދިމާވެފައިވާ މައިގަނޑު ގޮންޖެހުމަކީ ކޮވިޑް-19 އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖުރުމަށް ޓަކައި ފައިސާ ޗާޕުކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވުމެވެ.
އެމްއެމްއޭއިން ވަނީ، މި ސަރުކާރުން މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅު ވާނެ ކަމަށް އަންދާޒާކޮށްފައެވެ. އަދި މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާއި ސަރުކާރުން ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ފިޗުން ވަނީ ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ، އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައެވެ. އޭގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.
ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ސަބަބުތައް ކަމަށް ފިޗުން ގާބޫލުކުރާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ މަތިވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމާއި އެކަމުގެ ސަބަބުން ޑޮލަރަށް ޑިމާންޑު ބޮޑުވުން ފާހާގަކޮށްފައިވެއެވެ.
ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ފާހަގަކޮށްފައިވާއިރު އޭގެ ތެރޭގައި، ސްޓްރެޓެޖިކް ބައިލޭޓަރަލް ޕާޓްނަރުންނާ އެކު ޑޮލަރުގެ ބަދަލުގައި އެ ގައުމުތަކުގެ ފައިސާއިން މުއާމަލާތްކުރަން އެއްބަސްވުން ހެދުމަކީ ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމަށް ބުނެފައިވެއެވެ. ހަމައެއާ އެކު އިގުތިސާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒުކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ހާމަކޮށްފައިވެއެވެ.