ޔޫތުގެ ޑެޕިއުޓީ މިނިސްޓަރުކަމުން ޝިއުނާއާއި މަލްޝާ އިސްތިއުފާ ދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އެ މަނިކުފާނުގެ ސިޔާސަތު ޕްރޮމޯޓްކުރުމަށް އެންމެ އިސްކޮށް އެކްޓިވިސްޓުންގެ ގޮތުގައި ވެސް އުޅުއްވާ ޝިއުނާ (މ) އާއި މަލްޝާ (ވ) ---

އަވަށްޓެރި އިންޑިއާއާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާގޮތަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުތަކަކާ ގުޅިގެން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ސަސްޕެންޑުކުރިތާ ނުވަ މަސް ފަހުން، އެ މަގާމުން މަރިޔަމް ޝިއުނާއާއި މަލްޝާ ޝަރީފް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ޝިއުނާ ވަނީ އޭނާ އިސްތިއުފާ ދެއްވައިފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަނުކުރައްވައެވެ.

މަލްޝާ ވެސް ވަނީ "ސަން"އަށް އޭނާ އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދެއްވައިފައެވެ.

ޝިއުނާއާއި މަލްޝާއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒާ ވަރަށް އަރިސްކޮށް، އެ މަނިކުފާނު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުން ފެށިގެން އުޅުއްވި ދެ ބޭފުޅުންނެވެ.

އެގޮތުން ރައީސްގެ ސިޔާސަތުތަކާއި ސަރުކާރުގެ ސިޔާސަތު ޕްރޮމޯޓްކުރުމުގައި އެންމެ އިސްކޮށް އެކްޓިވިސްޓުންގެ ގޮތުގައި ވެސް ޝިއުނާއާއި މަލްޝާ ހަރަކާތްތެރިވެއެވެ. އެގޮތުން މިހާރުގެ ވެރިކަން ކުރާ ޕާޓީ ޕީއެންސީ އިދިކޮޅުގައި އޮތްއިރު އަަވަށްޓެރި އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް އެއިރު ކުރިއަށްގެންދިޔަ ކެމްޕޭންތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައިވެއެވެ.

https://sun.mv/187061

އެއާއެކު ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޝިއުނާއާއި މަލްޝާއަށް ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދެއްވީއެވެ.

ނަމަވެސް ވެރިކަމުގެ ފުރަތަމަކޮޅު އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްވާ ގޮތަށް މަލްޝާއާއި ޝިއުނާގެ އިތުރުން، އެ ހަމަ ޔޫތުގެ ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ އަބްދުﷲ މަހުޒޫމް ސަސްޕެންޑުކުރިއެވެ.

އެ ޓްވީޓުތައް ކުރީ އިންޑިއާއިން، އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާ އެކު، މީސްމީޑިއާގައި ބައެއް ދިވެހީންނާއި އިންޑިއާ މީހުން އަންނަނީ އަރައިރުންވަމުން އައި ދަނޑިވަޅެއްގައެވެ.

އެ މައްސަލައާ ގުޅިގެން ދެ ގައުމުގެ ސަރުކާރުގެ މެދުގައި ވެސް ވަރަށް ބޮޑަށް ގުޅުން ހީނަރުވިއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު މާކެޓަކީ އިންޑިއާގެ ގޮތުގައި އޮއްވައި ރާއްޖެއަށް އިންޑިއާއިން ފަތުރުވެރިން ނުދިޔުމަށް ގޮވާލައި އެގައުމުގެ މަޝްހޫރު ޝަހުސިއްޔަތުތައް ބައިވެރިވެގެން ކެމްޕެއިނެއް ވެސް ކުރިއަށްގެންދިޔައެވެ. އޭގެ ފަހުން އިންޑިއާ ފަތުރުވެރިން މަދުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ނަމަވެސް އޭގެފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުމާއި ސަރުކާރުގެ ސިޔާސަތު އޮތް ގޮތާމެދު މަޝްވަރާތައް ކުރެއްވިއެވެ.

https://sun.mv/191769

އޭގެފަހުން ގުޅުން ރަނގަޅުވަމުން އައިސް، ބޮޑުވަޒީރު މޯދީ އިތުރު ދައުރަކަށް ހުވާކުރެއްވުމަށް އޮތް ހަފްލާއަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތެވެ. އަދި މޯދީއަށް ވަރަށް އަރިސްކޮށް، މަޝްވަރާކުރައްވައި ވާހަކަފުޅުދައްކަވައިފައިވެއެވެ.

އެއާއެކު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ނިމިދިޔަ މަހުގެ ތެރޭ ރާއްޖެ ވަޑައިގެންފައިވެއެވެ. އެއާއެކު މިހާރު ދެ ގައުމުގެ ގުޅުން އޮތީ ރަނގަޅު މަގުގައިކަމަށް ދެ ގައުމުގެ ވެރިން ވެސް ސިފަކުރައްވައެވެ.

comment ކޮމެންޓް