އެސްޓީއޯގެ ބަދަލުގައި ސްޓެލްކޯގެ ދަށަށް ފެނަކަ ގެނައުމުން މާ ފައިދާވާނެ: ޝަރީފް

އެމްޑީޕީން ރޭ ބޭއްވި 'ހަވަރު ބެރު ޕެނަލް ޑިސްކަޝަން'ގައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ އެސްޓީއޯގެ ބަދަލުގައި ސްޓެލްކޯގެ ދަށަށް ފެނަކަ ގެނައުމުން މާ ފައިދާވާނެ ކަމަށް -- ފޮޓޯ/ އެމްޑީޕީ

ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ބަދަލުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ދަށުން ފެނަކަ ކޯޕަރޭޝަން ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ މާ ފައިދާކުރާނެ ކަމަށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަހުމަދު ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި މި ސަރުކާރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައެއް އެސްއޯއީ ކުންފުނިތައް، ފައިދާވާ ބޮޑެތި ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ގޮތުގައި ކަނޑައެޅުމަށް ނިންމަވާފައެވެ.

އެ ނިންމުމުގެ ދަށުން ފެނަކަ، އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައެވެ.

އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި 'ހަވަރު ބެރު ޕެނަލް ޑިސްކަޝަން'ގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ފެނަކައަކީ ރާއްޖޭގެ ހަތަރު އަތޮޅެއް ފިޔަވާ އެހެން ހުރިހާ ރަށްތަކަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުނި ކަމަށެވެ. އެހެންކަމުން ފެނަކައަކީ ރާއްޖޭގެ ވަރަށް ގިނަ އާއިލާތަކާ ސީދާ ގޮތެއްގައި ގުޅިފައިވާ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެ ނިންމުމުގައި ފެނަކައަށް ވެސް، އަދި ރައްޔިތުންނަށް ވެސް ވާނެ ފައިދާއެއް ނެތް ކަމަށެވެ.

ސްޓެލްކޯ އަދި ފެނަކައިގައި ވެސް މަސައްކަތްކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިޔުމަކުން ފެނަކައަކަށް ޓެކްނިކަލީ އެއްވެސް ކަހަލަ ފައިދާއެއް ނުކުރާނެ. އަދި އޭގެ ސަބަބުން ރައްޔިތުންނަކަށް ވެސް ވާނެ ފައިދާއެއް ނެތް، ކުރީގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް

ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި އެ ނިންމުން ނިންމި ނަމަވެސް އެ ޚަރަދުތައް ކުޑަކުރާނީ ކިހިނެއްކަމުގެ އެއްވެސް ތަފްސީލެއް ހިއްސާކޮށްފައިނުވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން އޭނާ ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުގެ އެ ނިންމުމުގެ ތެރޭގައި ވަރަށް ބޮޑު ފޮރުވިފައިވާ "އެޖެންޑާއެއް" ހިމެނޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން މައިގަނޑު ހަތަރު ކަމެއް ޝަރީފް ފާހަގަކުރެއްވިއެވެ. އެއީ:

  • އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިޔުމުގެ އެއް ބޭނުމަކީ ފެނަކައިގެ ބެލެންސް ޝީޓް "ކްލީންކޮށް"، އެސްޓީއޯގެ މާލިއްޔަތުގެ ތެރެއިން ފެނަކައަށް ފައިދާކުރުން.
  • އެސްޓީއޯއިން ފެނަކައިގެ އެސެޓްތައް ނެގުމަށްފަހު، އެސްޓީއޯގެ އެސްޓްތަކެއްގެ ގޮތުގައި ފެނަކައިން އެ ޚިދުމަތްތައް ދިނުން.
  • އެސްޓީއޯގެ ބޯޑު މެންބަރުން މެދުވެރިކޮށް ކަރަންޓުގެ އަގަށް ބަދަލުތަކެއް ގެނައުން.
  • ފެނަކައިގައި މި ވަގުތު ތިބި ވަގުތީ ހުރިހާ މުވައްޒަފުން ކަނޑާލުން.

ޝަރީފް ވިދާޅުވީ އެސެޓްގެ ގޮތުން ބަލާއިރު ފެނަކައަކީ ބަނގުރޫޓުވެފައި އޮތް ކުންފުންޏެކޭ ބުނުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި އެ ކުންފުންޏަކީ އެކަށީގެންވާ އާމްދަނިއެއް ހޯދާ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯއަކީ ވިޔަފާރީގެ ކުންފުންޏަކަށް ވުމާއެކު އަސާސީ ތިން ޚިދުމަތް ދިނުމުގައި ގެންގުޅޭނީ ކޮން ވިސްނުމެއްތޯ ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ. ނަމަވެސް ސްޓެލްކޯގެ ދަށަށް ފެނަކަ ބަދަލުކޮށްފިނަމަ މާ ފައިދާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު މިހެން ވިސްނާލާ އިރު ހަގީގަތުގައި ފެނަކައަށް ފައިދާކުރާނެ ނުވަތަ އާންމު ރައްޔިތުންގެ މި ޚިދުމަތަށް މާ ފައިދާ ބޮޑު އެއްގޮތަކުން ބަލާއިރުގަ ފެނަކަ، ސްޓެލްކޯގެ ސަބްސިޑިއަރީއެއްގެ ގޮތުގައި ހަމަޖެއްސުން. ސަބަބަކީ ސްޓެލްކޯއަކީ ޓެކްނިކަލީ ވަރުގަދަ ތަނެއް. ފެނަކައަކީ ދާދި އެއް މަސައްކަތެއް ކުރާތަނެއް، ކުރީގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ޓަކައި ރައީސް މުއިއްޒު ވަނީ މީގެ ކުރިން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފެނަކައިގެ އިތުރުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ބަދަލުކުރެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.

comment ކޮމެންޓް