ރައީސް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގަތް ފަދައިން، އެސްޓީއޯ ރޭޓުގައި އިތުރު ހަތަރު ތަނަކުން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފިއެވެ.
މި ހަފުތާގައި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ގާފަރު ރައްޔިތުންނާ މުޚާތަބުކުރައްވައި، އެ މަނިކުފާނު ވަނީ މާލެ އަތޮޅު ހިންމަފުށިންނާއި އައްޑޫ ސިޓީ ހުޅުމީދޫގެ އިތުރުން ކޫއްޑޫއާއި ފެލިވަރުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ މެންބަރަކު ރޭ 'ސަން'އަށް ބުނީ، އިއްޔެ ހަވީރު އެ ޔޫނިއަންގެ މެންބަރެއްގެ ދެ ދޯންޏެއް ހިންފުއްޓަށް ދިޔައިރު، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އައުޓްލެޓުގައި ތެޔޮ ލިބެން ނެތް ކަމަށް އެތަނުން ބުނި ކަމަށެވެ.
އެހެންވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މެންބަރު ވަނީ ވައުދުފުޅާ އެއްގޮތަށް މަސްވެރިންގެ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
މިކަމާ ގުޅިގެން އެސްޓީއޯއިން މިއަދު ބުނީ، ރައީސް އިއުލާނު ކުރެއްވި ހަތަރު ސަރަހައްދުން މިހާރު ތެޔޮ ވިއްކަން ފަށާފައިވާ ކަމަށެވެ. އެގޮތުން، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި ފިޝަރީސް މިނިސްޓްރީގެ 'ފަހި ހަކަތަ' ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމުކޮށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަޖައްސަން މަސައްކަތް ކުރަމުން އަންނަކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ކޫއްޑޫއާއި ފެލިވަރުގައި ހުންނަ ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ބޯޓުތަކުން ވެސް ހަމަ އެ ރޭޓުގައި މަސްވެރިންނަށް ތެޔޮ ދޫކުރަން ކަމަށެވެ.
"މި ގޮތަށް ގޮސް 2025 ނިމޭއިރު މުޅި ރާއްޖޭގައި ވައުދުވީ ގޮތަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން އެދިވަޑައިގަންނަވާ ގޮތަށް ކަންތައްތައް ކުރެވޭތޯ،"
މަސްވެރިންނަށް ހުރިހާ އަތޮޅަކުން ވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭ ގޮތް ހެދުމަކީ ރައީސްގެ ވައުދުފުޅެކެވެ. މިހާރު މަސްވެރިންނަށް އެ ރޭޓުގައި ތެޔޮ ލިބެނީ ހުޅުމާލޭގައި ހުންނަ އެފްއެސްއެމްގެ ޝެޑުން އެކަންޏެވެ. އެ ތަނުން އެ ރޭޓުގައި ދޫކުރަން ފެށީ ޖޫން މަހެވެ.
އެސްޓީއޯއިން ވަނީ ފިއުލް ސްޓޯރޭޖް ގާއިމުކުރާނެ ރަށްތަކެއް ކަނޑައަޅާފައެވެ. އެ ރަށްތަކަކީ:
- ހދ. ހަނިމާދޫ
- ހއ. އިހަވަންދޫ
- ށ. މިލަންދޫ
- ނ. މަނަދޫ
- ޅ. ފެލިވަރު
- ރ. ދުވާފަރު
- އއ. މަތިވެރި
- ވ. ފެލިދޫ
- މ. މުލަކު
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ތ. ހިރިލަންދޫ
- ލ. ގަން
- ގއ. ކޫއްޑޫ
- ގދ. ފަރެސްމާތޮޑާ
- ސ. ހުޅުމީދޫ
- ޏ. ފުވައްމުލައް