ގާމަގު އިމާރާތުގައި ރޯވުން: ހާލުގައި ޖެހުނު މީހުންގެ އަދަދު 57އަށް

ހާލުގައި ޖެހުނު ބައެއް މީހުން: އެންޑީއެމްއޭއިން ވަނީ ބައެއް މީހުންނަަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމަށް ބުނެފައި -- ފޮޓޯ/ އެންޑީއެމްއޭ

މިއަދު މާލޭ ސޯސަން މަގުގައި ހުރި "ގާމަގު ކެފޭ" ހިންގާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 57އަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މީގެ ކުރިން ހާމަކުރި ގޮތުގައި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައިވަނީ 22 ދިވެހިންނާއި 15 ބިދޭސީންނެވެ.

ނަމަވެސް އެ އޮތޯރިޓީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހ. ދޫހިމިރި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 37 ދިވެހިންނާއި 20 ބިދޭސީން ހާލުގައި ޖެހިފައިވެއެވެ.

އެ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ގާމަގު އިމާރާތުގައި ރޯވެފައި: އެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 57އަށް އަރާ -- ސަން ފޮޓޯ/ މޫސާ ނަދީމް

އިއްޔެ މެންދުރު 14:47ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ އަންހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ތެރޭގައި ހިމެނުނީ 30 އަހަރުގެ ބޭރު އަންހެނަކާއި 48 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ތެރެއިން ބޭރު މީހާ ދޫކޮށްލާފައިވާއިރު، ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވެއެވެ.

ދޫހިމިރި ގޭގެ އަލިފާންގަނޑު ކޮންޓްރޯލްކުރަން ގިނަ ވަގުތު ނަގައި، އަދައި ހުލިވެފައިވާއިރު ޖެހިގެން ހުރި އިމާރާތަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ.

އެއަށްފަހު ރޭ ވެސް އެ ގޭގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފާއި ފުލުހުން ހަރަކާތްތެރިވިއެވެ. ނަމަވެސް އެކަން ބެލުމަށް ފަހު އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ނުވާ ކަމަށެވެ.

https://sun.mv/196533

ނަމަވެސް އެއީ ގިނަ އަދަދަކަށް ޓިނާއި ލަކުޑިން ހަދާފައިވާ ތަނަކަށްވާތީ ދަށުގައި ހުރި ލަކުޑިތަކުގައި އަލިފާނުގެ އަސަރުހުރުމުން ދޭތެރެ ދޭތެރެއިން ހުޅުހިފާގޮތްވާ ކަމަށާއި އެ ހުޅުގަނޑު ނިއްވާލި ކަމަށް ސިފައިން ބުންޏެވެ.

comment ކޮމެންޓް