ކެފޭގައި ރޯވުމުން 56 މީހަކު ރައްކާތެރި ހިސާބުތަކަށް؛ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެނީ

މާލޭ ސޯސަން މަގުގައި ހުރި "ގާމަގު ކެފޭ" ހިންގާ އިމާރާތުގައި ރޯވެ އަނދާފައިވާ މަންޒަރު: ރޯވި ކެފޭގެ މަތީގައި 50 ބިދޭސީން ދިރިއުޅޭ ކަމަށާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން މަސައްކަތްކުރާކަމަށް އެންޑީއެމްއޭއިން ބުނި -- ސަން ފޮޓޯ/ މޫސާ ނަދީމް

މިއަދު މާލޭ ސޯސަން މަގުގައި ހުރި "ގާމަގު ކެފޭ" ހިންގާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 56 މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔަ ކަމަށާއި، އޭގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވެ މިހާރު ވަނީ އަލިފާން އެއްކޮށް ނިއްވާލާފައެވެ.

އެ ހާދިސާގެ ރިޕޯޓު ކުރީ މެންދުރު 14:47 ގައެވެ.

އެ ހާދިސާއާ ގުޅޭގޮތުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ދެ އަންހެނުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ އުމުރުން 30 އަހަރުގެ ބޭރު އަންހެން މީހާ ވަނީ މިހާރު ދޫކޮށްލާފައި ކަމަށް ބުންޏެވެ. އަދި 48 އަހަރުގެ ދިވެހި އަންހެން މީހާގެ ހާލު ވެސް ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

މާލޭ ސޯސަން މަގުގައި ހުރި "ގާމަގު ކެފޭ" ހިންގާ އިމާރާތުގައި ރޯވެ އަނދާފައިވާ މަންޒަރު: ރޯވި ކެފޭގެ މަތީގައި 50 ބިދޭސީން ދިރިއުޅޭ ކަމަށާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން މަސައްކަތްކުރާކަމަށް އެންޑީއެމްއޭއިން ބުނި -- ސަން ފޮޓޯ/ މޫސާ ނަދީމް

އެންޑީއެމްއޭއިން މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި އެ ހާދިސާއާ ގުޅިގެން ރައްކާތެރި ހިސާބުތަކަށް ގެންދިޔަ މީހުންގެ ތެރޭގައި 50 ބިދޭސީން މީހުންނާއި ހަ ދިވެހިން ހިމެނެއެވެ. އޭގެ ތެރެއިން، ރޯވި އިމާރާތުގައި ދިރިއުޅެނީ ކިތައް މީހުން ކަމެއް މިހާތަނަށް ޔަގީންވެފައި ނުވެއެވެ.

"ސަން" އާ ވާހަކަދައްކަވަމުން އެންޑީއެމްއޭގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އިމާރާތުގައި ދިރިއުޅޭ ފާރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިވަގުތު ކުރަމުންދާ މަސައްކަތަކީ މީހުންގެ ހާލަތުގެ އަޕްޑޭޓް ނެގުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ހާދިސާގައި ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންނަށް ވެސް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށާއި އެމީހުން ވެސް ގެންދިޔައީ ދުމުގެ އަސަރުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ސޯސަން މަގުގައި ހުރި "ގާމަގު ކެފޭ" ހިންގާ އިމާރާތުގައި ރޯވެ އަނދާފައިވާ މަންޒަރު: ރޯވި ކެފޭގެ މަތީގައި 50 ބިދޭސީން ދިރިއުޅޭ ކަމަށާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން މަސައްކަތްކުރާކަމަށް އެންޑީއެމްއޭއިން ބުނި -- ސަން ފޮޓޯ/ މޫސާ ނަދީމް

ހާދިސާ ހިނގި ވަގުތު، އެ ސަރަހައްދުގައި ހުރި 'ސަން'ގެ ނޫސްވެރިން ބުނި ގޮތުގައި ފުލުހުންނާއި ސިފައިން ގުޅިގެން އެ އިމާރާތާއި އެ ތަން ކައިރީގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔައެވެ.

އަލިފާންގަނޑު ކޮންޓްރޯލްކުރަން ގިނަ ވަގުތުތަކެއް ނެގިއިރު ޖެހިގެން ހުރި އިމާރާތަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި ނޫސްވެރިޔާ ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތް ވަނީ ބޭނުންނުކުރެވޭ މިންވަރަށް އަނދައި ހުލިވެފައެވެ.

comment ކޮމެންޓް