ތިމާ އަމިއްލައަށް، އަމިއްލަ ރަށަށް މަރުޙަބާ!

އަތޮޅުތަކުގެ ރަށްތައް ތަރައްޤީކޮށް ޒަމާނާ އެއްގޮތަށް ބަދަލުކުރުމަށް ރަށްރަށުގެ ކައުންސިލުތަކުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން އެ ރަށެއްގެ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް ސަރުކާރުގައި ދަންނަވައި އެކަމަށް އެދެމުން ދެއެވެ. ރަށުގެ ބަނދަރު ހެދުމާއި ރަށުގެ މަގުތަކުގައި ތާރުއެޅުމާއި އަދި މި ނޫނަސް ރަށުގެ ކުރިއެރުމަށް ބޭނުންވާ ޒަމާނީ ހުރިހައި ތަރައްޤީއެއް ހޯދުމަށް ސަރުކާރަށް ބާރުއަޅަމުންދެއެވެ. ސަރުކާރަށް ނުވާކަންކަމުގައި ރަށާ ގުޅުންހުރި ވިޔަފާރިވެރީންގެ ކިބައިން އެދިގެން ވެސް ރަށުގެ ކުރިއެރުމަށް މަސައްކަތްކުރެއެވެ. ޚާއްޞަކޮށް މިހާރަކަށް އައިސް، ރަށުގެ ބަނދަރު ހަދާ ނިމުނީމާ އެ ރަށެއް ރަމްޒުކޮށްދޭ ރަމްޒީ ނިޝާނެއް ބަނދަރުގައި ބެހެއްޓުމަކީ އެ ރަށަކަށް ލިބޭ ފަޚުރެއްކަމުގައި ވެއްޖެއެވެ. މިއީ ހަމަ ރަނގަޅު ކަންކަމެވެ. ހައްތަހައި ވެސް ރަނގަޅުކަންކަމެވެ.

އިސްވެ ދެންނެވި ގޮތަށް ރަށްރަށުގެ ބަދަރުގައި ނުވަތަ ޖެޓީ ސަރަހައްދުގައި އެ ރަށެއްގެ ނަން ރީތި އިނގިރޭސި އަކުރަކުން ލިޔެ ރަމްޒީ ބިނާއަކާއެކު ތައްޔާރުކޮށްފައިވާ ރަށްތައް ވެސް އެބަހުއްޓެވެ. މިސާލަކަށް ދަންނަވާނަމަ، އދ. ދަނގެތީގައި ރަމްޒީ ބިނާއެއް ގޮތަށް ހަދާފައިވާ "ހަނދު ރުނބަޔަށް ލައިފައިވާ ބިނާ" ފާހަގަކޮށްލެވެއެވެ. އެއީ އެ ރަށުގެ ތާރީޚީ ޙާދިސާއަކާ ގުޅުވައިފައިވާ ބިނާއެކެވެ. ނ. ލަންދޫގައި ތައްޔާރުކޮށްފައިވާ "ކުއްޅަވައް" ބިނާއަކީ ވެސް މީގެ ވަރަށް ރީތި މިސާލެކެވެ. އެ ރަށުގެ މީހުން އެކަން ކޮށްފައި ވަނީ، ރަށުގައި ކުއްޅަވަކަކީ ގިނައެއްޗަކަށް ވެފައި، އެކަން އެ ރަށަށް އަރާފައިބާ މީހުންނަށް އަންގައިދިނުމަށް ކަމަށް ވެދާނެއެވެ. އަދި މި ނޫނަސް މި ފަދަ އެތައް މިސާލެއް ތިޔަ ބޭފުޅުންނަށް ވެސް ފާހަގަކުރެއްވޭނެއެވެ.

ދައްކަން މި އުޅެނީ މި ދެންނެވި ބިނާތަކުގެ ރީތި ވާހަކައެއް ނޫނެވެ. އަދި ހުތުރު ވާހަކައެއް ވެސް ނޫނެވެ. އަދި އެ ބިނާތަކާ ގުޅުވައި އިނގިރޭސިއަކުރުން އެ ރަށެއްގެ ނަން ލިޔެފައިވާ ވާހަކައެއް ވެސް ނޫނެވެ. ރަށްރަށުގެ އަތިރިމަތީ ބަނދަރު ސަރަހައްދުގައި އިނގިރޭސި އަކުރުން، އެ ރަށެއްގެ ނަން ލިޔުމާ ގުޅުވައި ޑރ ޙަސަން ޙަމީދު ވަރަށް ފުރިހަމަ ލިޔުއްވުމެއް ލިޔުއްވައިފައިވާކަން އުފަލާއެކު ފާހަގަކުރަމެވެ. އެ ބޭފުޅާގެ ލިޔުއްވުންތައް ޝާއިޢުކުރައްވާ ސައިޓުން އެ ލިޔުން ފެނިވަޑައިގަންނަވާނެއެވެ. އެއީ ވެސް ހަމަ ވިދާޅުވާން ވަރަށް ބޭނުންތެރި ލިޔުއްވުމެކެވެ.

ރަށް ރަމްޒުކޮށްދޭ ބިނާ އާއި އެ ބިނާއާ ގުޅުވައި އިނގިރޭސި ރީތި އަކުރަކުން ލިޔެފައިވާ ލިޔުމުގެ އިތުރަށް އެހެންކަމެއް ފާހަގަކޮށްލާނަމެވެ. ބައެއް ރަށްރަށުގައި އެ ރަށަކަށް އަރަން އޮންނަ ފާލަމާ ގުޅުވައި ގިޑިގެއެއް ނުވަތަ އެހެން ވެސް ބިނާއެއް ހަދައިފައި ހުރެދާނެއެވެ. އެ ބިނާގައި ވަރަށް ރީތި އިނގިރޭސި އަކުރުން “Welcome to Farifushi” މިހެން ލިޔެފައި އޮވެދާނެއެވެ. މިއީ މިހާރަކަށް އައިސް ފެންނަ މަންޒަރެކެވެ. (ރަށުގެ ނަމެއްގެ ގޮތުގައި ބޭނުންކޮށްފައި އެ ވަނީ ޚިޔާލީ ނަމެކެވެ.) ތިޔަ ބޭފުޅުން ހަޤީޤީ ރަށެއްގެ ނަން ބޭނުންކޮށްލެއްވުން އެދެމެވެ.

ވަރަށް ގިނަ ބަޔަކު ދަންނަ އިނގިރޭސި ބަހުގެ ވަރަށް އާންމު މި ދެންނެވި އިބާރާތުގައި އެއްވެސް މައްސަލައެއް ނޫޅޭ ނޫންތޯއެވެ. އަދި އެ އިބާރާތް އަޑު އިވުމުން ނުވަތަ ކިޔައިލުމުން މާނަ ދެނެގަތުމަށް ދަތިކަމެއް ވެސް ނެތެއް ނޫންތޯއެވެ. ވަރަށް އާދައިގެ ދިވެހީންނަށް ވެސް އެ އިބާރާތުގައި އެ ބުނަނީ ކީކޭކަން އެނގެއެވެ. އިތުރު ތަފުސީލަކަށް ވެސް ބޭނުމެއް ނުވެއެވެ. އިނގިރޭސި އިބާރާތް އަޑު އަހައިލީމާ، އެ ރަށް އެހެނީ، "ފަރިފުށްޓަށް" ބަޔަކު އައިމާ އެ އައި މީހުންނަށް މަރުހަބާ ކީކަން ދޭހަވެއެވެ. އެއީ އަލަށް އައި ބަޔަކު ކަމުގައި ވިޔަސް އަދި ބަލަށް އައި ބަޔަކު ކަމުގައި ވިޔަސް "ވެލްކަމް ޓު ފަރިފުށި" މިހެން ބުނީމާ އެ މީހުންނަށް މަރުޙަބާ ކިޔުމަށް ބޭނުންކުރި އިބާރާތެއްކަން އެނގެއެވެ. ޚާއްޞަކޮށް، އިނގިރޭސި ވިސްނުމުން ވިސްނަވާ އިނގިރޭސި ސިކުނޑިތަކަށް ހޭނިފައިވާ މީހުންނަށެވެ.

މި ދެންނެވި "ވެލްކަމް" އާ ގުޅުވައި ވަރަށް ގިނަ އިބާރާތްތައް މިހާރު އަޑު އިވެމުން އަދި ފެންނަމުން ދެއެވެ. އޭގެ ބައެއް މިސާލުތައް ތިރީގައި ނަކަލުކޮށްލާނަމެވެ. މި މިސާލުތައް ނަކަލުކޮށްލާނީ އިނގިރޭސިބަހުންނެވެ.

1. Welcome to Hanimadhoo

2. Welcome to TVM News

3. Welcome to Maldivian Q224 Flight

4. Welcome to Rehendhi School

އިސްވެ ދެންނެވި ފަސް މިސާލު ދިވެހިބަހަށް ބަދަލުކުރަމާ ހިންގަވާށެވެ. ނުވަތަ އެ އިބާރާތްތައް ދިވެހިބަހަށް ތަރުޖަމާކުރަމާ ހިންގަވާށެވެ.

1. ހަނިމާދޫއަށް މަރުޙަބާ

2. ޓީވީއެމްގެ ޚަބަރަށް މަރުޙަބާ

3. މޯލްޑިވިއަންގެ ކިއޫ ޓޫޓޫފޯ ފުލައިޓަށް މަރުޙަބާ

4. ރެހެންދި އިސްކޫލަށް މަރުޙަބާ

އިސްވެ ދެންނެވި 4 އިބާރާތާމެދު ވާހަކަދައްކައިލަމާ ހިންގަވާށެވެ. އެންމެފުރަތަމަ އެއްޗެއް ދަންނަވައިލެވޭތޯ ބަލައިލާނީ ހަނިމާދޫއާ ގުޅޭގޮތުން އޮތް އިބާރާތަށެވެ.

ހަނިމާދޫއަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް އިނގިރޭސިބަހުން ބުނި އިބާރާތް ދިވެހިބަހަށް ބަދަލުކޮށްލީމާ، އެ ރަށަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވޭބާވައެވެ؟ އެ ރަށަށް ވަޑައިގެންނެވި ބޭފުޅުންނާ ސަލާންކޮށްލައްވައިފައި ވިދާޅުވީ "ހަނިމާދޫއަށް މަރުޙަބާ!"އެވެ. އެ ބޭފުޅުން ތިއްބެވީ މަރުޙަބާ ވިދާޅުވާން ފާލަންމައްޗަށް ވަޑައިގެންނެވި ބޭފުޅުންގެ އަތްޕުޅުގައި ހިފަހައްޓަވައިގެން ހުއްޓިއެވެ. ހަނިމާދޫ ބޭފުޅުން އެ ވިދާޅުމާ މަރުޙަބާ ވިދާޅުވަނީ ވަޑައިގެންނެވި ބޭފުޅުންނަށް ތޯއެވެ؟ ނުވަތަ ތިމާ އަމިއްލައަށް އަމިއްލަ ރަށަށް މަރުޙަބާ ވިދާޅުވީތޯއެވެ؟ އަޅުގަނޑަށް ދިވެހި ވިސްނުމުން ވިސްނައިލީމާ، ވިސްނެނީ އަމިއްލަ ރަށަށް އަމިއްލައަށް މަރުޙަބާ ވިދާޅުވީ ކަމަށެވެ. އެހެންކަމަށް ވާނަމަ، ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވާނީ ކިހިނެއް ތޯއެވެ؟ އަޅެ މި ލިޔާ ގޮތް ކިހިނެއްތޯ ބަލައިލަމާހެއްޔެވެ؟ "ހަނިމާދޫން މަރުޙަބާ!" ހަމަ ޔަގީނުން ވެސް މި ފަހަރު މަރުޙަބާ ކިޔައިގެން މި އުޅެނީ ހަނިމާދޫންކަން އެނގިއްޖެއެވެ. މަރުޙަބާ ކީ ހަނިމާދޫއަށް ނޫންކަން ވެސް ކަށަވަރުވެއްޖެއެވެ. ވަޑައިގެންނެވި މެހުމާނުން ތިއްބެވީ މަރުޙަބާ ވިދާޅުވާން ފާލަން މައްޗަށް ވަޑައިގެންނެވި ބޭފުޅުންގެ ކުރިފުޅުމަތީގައި ކަމަށް ވާނަމަ، މަރުޙަބާ ވިދާޅުވަނީ އެ ބޭފުޅުންނަށް ކަން ވެސް އެނގޭނެތާއެވެ.

އެހެންވީމާ، ދިވެހި ގޮތާއި ދިވެހި ރަހައާއި ދިވެހިބަހުގެ ހުރި އަމިއްލަ ސިފަތަކަށް ވިސްނާއިރު، ރަށަކަށް މެހުމާނުން ވަޑައިގެންނެވީމާ، އެ ރަށަކަށް މަރުޙަބާ ވިދާޅުވުމުގެ ބަދަލުގައި، އެ ރަށަކުން މަރުޙަބާ ވިދާޅުވަމާ ހިންގަވާށެވެ. ހިތްގައިމު ޗާލު ތިލަދުންމައްޗަށް ވަޑައިގަންނަވާ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވުމަށް "ހިތްގައިމު ޗާލު ތިލަދުންމައްޗަށް މަރުޙަބާ!" އޭ ވިދާޅުވުމުގެ ބަދަލުގައި "ހިތްގައިމު ޗާލު ތިލަދުންމަތީން މަރުޙަބާ!" ވިދާޅުވަމާތޯއެވެ.

ޓީވީއަށް ޚަބަރު ވިދާޅުވާން އަރުއްވާ ބޭފުޅުން ވެސް، އަމިއްލައަށް ވިދާޅުވާ ޚަބަރަށް އަމިއްލައަށް މަރުޙަބާއޭ ވިދާޅުވުމުގެ ބަދަލުގައި، ޓިވީއެމްގެ ޚަބަރު ބައްލަވާ ބޭފުޅުންނަށް މަރުޙަބާ!އޭ ވިދާޅުވަމާ ތޯއެވެ. ހިތަށް ފިނިކަމާއި ހަމަޖެހުން ގެނުވާ ފަދަ ހިނިތުންވުމަކާއެކު، މޯލްޑިވިއަންގެ މަތިންދާ ބޯޓަކުން ދަތުރުކުރެއްވުމަށް ބޯޓަށް އަރުއްވާ ބޭފުޅުންނަށް މަރުޙަބާ ދަންނަވައެވެ. އެހެނަސް އެ މަރުޙަބާ ރައްދުވަނީ، ބޯޓަށް ވަޑައިގަންނަވާ ބޭފުޅުންނަކަށް ނޫނެވެ. ރައްދުވަނީ، އެ ފުލައިޓަށެވެ. ވިދާޅުވަނީ، "މޯލްޑިވިއަންގެ ކިއޫ ޓޫޓޫފޯ ފުލައިޓަށް މަރުޙަބާ!" ކަމުގައި ވަނީ ނަމަ، އަޅެ މަރުޙަބާ ދެންނެވެނީ އަމިއްލަ ފުލައިޓަށް ނޫންތޯއެވެ.

ހަތަރު ވަނަ މިސާލުގައި އަޅުގަނޑު ބޭނުންކޮށްފައި ވަނީ އިސްކޫލެއްގެ ނަމެވެ. ރާއްޖޭގެ ކޮންމެ އިސްކޫލަކަށް ބޭފުޅަކު ވަޑައިގަތަސް، އެ އިސްކޫލުން މަރުޙަބާ ވިދާޅުވަމާ ހިންގަވާށެވެ. އަމިއްލައަށް އަމިއްލަ އިސްކޫލަށް މަރުޙަބާ ދެންނެވުން ދޫކޮށްލަމާ ހިންގަވާށެވެ.

"ވެލްކަމް ޓު ......!" އަންނަ ކޮންމެ ފަހަރަކު، އެ ތަނެއްގެ ނުވަތަ އެ އެއްޗެއްގެ ނަމާ ގުޅުވައި މަރުޙަބާ ވިދާޅުވީމާ، އިނގިރޭސިން އެ މާނަ ފުރިހަމަ ވިޔަސް، ދިވެހިބަހަށް ފުރޮޅައިލީމާ، މާނައަށް ބަދަލުއާދެއެވެ. އެއީ ކޮންމެ ބަހަކަށް ވެސް ލިބިފައިވާ އަމިއްލަ ސިފަތަކުގެ ސަބަބުން ވާ ކަންކަމެވެ. އިނގިރޭސީންނަށް އެ މާނަ ދޭހަވިޔަސް، މައްދިވެހީންނަށް އެ މާނަ ދޭހަ ނުވަނީ މިދެންނެވި ސަބަބާހެދިއެވެ. އެހެންވީމާ، މީގެ ފަހުން މަރުޙަބާ ވިދާޅުވާނީ، ވަޑައިގަންނަވާ ބޭފުޅުންނަށް ކަމުގައި ހައްދަވަމާތޯއެވެ.

comment ކޮމެންޓް