މިއަހަރުގެ މިހާތަނަށް 1907 އެކްސިޑެންޓް؛ މިދިޔަ އަހަރަށް ވުރެ 431 އިތުރު

ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި ކާރާއި ސައިކަލަށް ގެއްލުންވެފައި: އެ ހާދިސާގައި އަނިޔާވި މީހާ ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި -- ފޮޓޯ/ އެމްވީކްރައިސިސް

މި އަހަރުގެ މިހާތަނަށް 1907 ޓްރެފިކް އެކްސިޑެންޓް ފުލުހަށް ރިޕޯޓުކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 431 އެކްސިޑެންޓްގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ރިޕޯޓުކޮށްފައިވަނީ ޖުމްލަ 1476 އެކްސިޑެންޓެވެ.

މިއަހަރާއި މިދިޔަ އަހަރުގެ ފުރަތަމަ އަށް މަހުގެ އެކްސިޑެންޓުތަކަށް ބަލާއިރު:

2023

  • ޖެނުއަރީ: 149
  • ފެބްރުއަރީ: 196
  • މާޗް: 190
  • އޭޕްރިލް: 174
  • މެއި: 179
  • ޖޫން: 168
  • ޖުލައި: 202
  • އޮގަސްޓު: 218

2024

  • ޖެނުއަރީ: 263
  • ފެބްރުއަރީ: 267
  • މާޗް: 301
  • އޭޕްރިލް: 221
  • މެއި: 226
  • ޖޫން: 215
  • ޖުލައި: 210
  • އޮގަސްޓް: 204

ދެ އަހަރު ވެސް އެންމެ ގިނަ އެކްސިޑެންޓުތައް ރިޕޯޓުކޮށްފައިވަނީ މާލޭ، ހުޅުމާލެ، އަދި ވިލިމާލޭގެ ޕޮލިސް ސްޓޭޝަންތަކަށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަންތަކަށް 1،171 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު މިދިޔަ އަހަރު މި މުއްދަތުގައި 1،071 އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ މި ސަރަހައްދުގައެވެ.

ފުލުހެއް މަގުމަތީގައި ހަރަކާތްތެރިވަނީ: މިއަހަރުގެ މިހާތަނަށް 1907 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވޭ -- ފޮޓޯ/ ފުލުހުން

މާލެ ސަރަހައްދުގައި އާންމުކޮށް ހިނގާ އެކްސިޑެންޓުތަކުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވާފައިދާ ސައިކަލާއި ކާރު ފަދަ އުޅަނދުތައް ޖެހުން ހިމެނެއެވެ. ސިނަމާލެ ބުރިޖު މަތީގައި ވެސް އެކްސިޑެންޓުތައް ގިނަވެ، ބައެއް ފަހަރު ފުރާނަ ގެއްލޭފަދަ އަނިޔާތައް ވެފައިވެއެވެ. ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ.

ފާއިތުވި ތިން ދުވަހު ވެސް މި ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގާފައިވެއެވެ. އެގޮތުން ބުދަ ދުވަހުގެ ރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި ކާރަކާއި ސައިކަލެއް ޖެހި އަނިޔާވި 21 އަހަރުގެ ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން، އުރީދޫ ބިލްޑިންގާ ދިމާލުން ބާރަށް ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި، ސައިކަލު ދުއްވަން އިން މީހާ ވަނީ ނިޔާވެފައެވެ. އެއީ ކަރެކްޝަންސް އޮފިސަރެއް ކަމަށްވާ، 23 އަހަރުގެ ހަސަން ސަމާހެވެ.

އެ މައްސަލައިގައި ކާރު ދުއްވަން އިން 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީ ހައްޔަރުކޮށް، އޭނާ ޝަރީއަަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

https://sun.mv/196432

މީގެ އިތުރުން މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހި، ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވެއެވެ. މިއަދު 6:50ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ އެ އެކްސިޑެންޓާ ގުޅިގެން އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް ޓަކައި ހަރުކަށި ފިޔަވަޅުތައް އަޅައި ތަންފީޒު ކުރަން އިއްޔެ ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައެވެ.

https://sun.mv/196426

އެ ފިޔަވަޅުތަކުގެ ތެރޭގައި ހުޅުމާލޭގެ ވަކި ސަރަހައްދެއްގައި ރޭސިން އަދި ޑްރިފްޓިންއަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދީފައިވާ ހުއްދަ ބާތިލްކުރުމާއި، ވަކި ހޯސްޕަވާއަކުން ފެށިގެން މަތީގެ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރަން އެންގެވުން ހިމެނެއެވެ.

comment ކޮމެންޓް