މޫކޭއާއި ޔާސިރުގެ ގެ ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް

އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭ, ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އާއި އެ ކުންފުނީގެ ކުރީގެ އިސްވެރިއެއްގެ ގެ ފުލުހުން ބަލައި ފާސްކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މޫކޭގެ އިތުރުން ދެން ބަލައި ފާސްކުރީ އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަނަށް ނިސްބަތްވާ ދެ ތަނެކެވެ.

އެ ތަންތަން ބަލައި ފާސްކޮށް, އިލެކްޓްރޯނިކް އައިޓަމްސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އާރުޑީސީއަކީ އެމްޑީޕީގެ ވެރިކަމުގައި ގިނަ ހިޔާނާތްތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުންފުންޏެކެވެ. އެ ވެރިކަން ނިމުނުއިރު އެ ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރުވާލާފައެވެ.

އާރްޑީސީގެ މިހާރުގެ މެނޭޖުމަންޓުން ބުނިގޮތުގައި މި ސަރުކާރުން ކުންފުންޏާ ހަވާލުވީއިރު އެ ކުންފުނީގެ ދަރަނި 837 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ދެ އަހަރުގެ މުއްދަތުގައި އެއްވެސް ޓްރާންސެކްޝަން ސްލިޕެއް ނެތި އެކި ފަރާތްތަކަށް 161 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޑީޕީގެ ވެރިކަމުގައި އެ އޮފީހުގެ ފައިސާ ތިޖޫރީ ގެއްލުމާއި، އާރްޑީސީގެ އޮފީހުން ވައްކަން ކުރުން ފަދަ އެތައް މައްސަލައެއް ވެސް ވަނީ ހިނގައިފައެވެ.

ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމަށްޓަކައި މިދިޔަ އަހަރުގެ ނޮވެމްބަރު 15 ގައި ފުލުހުން ވަނީ އާރްޑީސީ އޮފީސްތެރެއަށް ވަދެ، ގިނަ އަދަދެއްގެ ލިޔެކިޔުންތައް ގެންގޮސްފައެވެ.

މިވަގުތު ފުލުހުންގެ އިތުރުން އޭސީސީއިން ވެސް ގެންދަނީ އާރްޑީސީގެ ކޮރަޕްޝަންގެ މައްސަލަ ބަލަމުންނެވެ.

އާރްޑީސީގެ ކޮރަޕްޝަނުގެ މައްސަލައިގައި މޫކޭގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެއެވެ.

އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ އަމަލުތައް ދެން ހިންގި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އޭރު ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް އިއްޔެ ވަނީ ހިޔާނާތުގެ ދައުވާ އުފުލާފައެވެ.

comment ކޮމެންޓް