ފުލުސް ކާރުން ޖެހި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި

ފުލުސް ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެފައި: އަނިޔާވި ޒުވާނާ ވެންޓިލޭޓަރަށް ލައިފި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި ފުލުސް ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލައިފިއެވެ.

އެކްސިޑެންޓް ހިނގައިދިޔައީ ރޭ ދަންވަރު، 01:50 ހާއިރު ހުޅުމާލެ ފޭސް ދޭއްގައިއެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ ޒުވާނަކަށެވެ.

ފުލުހުން "ސަން" އާ ހިއްސާކުރި މެސެޖުގައި ބުނީ، އެ އެކްސިޑެންޓް ހިނގައިދިޔައީ ގުލްއަލްމާ މަގު އިރުން ހުޅަނގަށް، ނިރޮޅު މަގު ހުރަސްކުރި ވަގުތު، ބާރު ސްޕީޑުގައި ނިރޮޅު މަގުން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލުގައި ޖެހި ކަމަށެވެ.

https://sun.mv/200749

ސައިކަލު ދުއްވަން އިން ޒުވާނާއަށް އަނިޔާވުމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، އެ މީހާ މިހާރު އަިއޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ޒުވާނާގެ ހާލު ސީރިއަސްވުމުގެ ސަބަބުން މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ސަން" އަށް ލިބުނު ފޮޓޯ/ ވީޑިއޯތަކުން ފެނުނު ގޮތުގައި އެކްސިޑެންޓުވި ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ސައިކަލުގެ ބައިތައް ނެއްޓި މަގުމައްޗަށް ބުރާފައި ހުއްޓެވެ.

އެކްސިޑެންޓުވި ފުލުސް ކާރުގެ ކުރީކޮޅަށް ވެސް ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް