ރޭސްކުރަން އެޗްޑީސީން ދީފައި އޮތް ހުއްދަ ބާތިލުކޮށް، ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް އަންގަވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގެ ވަކި ސަރަހައްދެއްގައި ރޭސިން އަދި ޑްރިފްޓިންއަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދީފައިވާ ހުއްދަ ބާތިލްކޮށް، އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފިއެވެ.

ޓްރެފިކާ ގުޅޭ އުސޫލުތައް ހަރުކަށިކޮށް ވަރުގަދަކުރަން ގިނަ ކަންތައްތަކެއް ކުރުމަށް ރައީސް އެންގެވީ ރޭ ފަތިހު ހިނގައިިދިޔަ ޒުވާނަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓާއެކުގައެވެ.

https://sun.mv/196416

އެ އެކްސިޑެންޓާއެކު އެ މަނިކުފާނު ހިއްސާކުރެއްވި ތައުޒިޔާގެ އެކްސް ޕޯސްޓުގައިވަނީ މަގުތައް އަމާންކޮށް ރައްކާތެރިކުރަން އުސޫލުތައް ވަރުގަދަކުރައްވަން ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެއާއެކު މިރޭ ރައީސްވަނީ އެކި އިދާރާތަކަށް އެންގެވި އަށް ކަމެއް ހިއްސާކުރައްވައިފައެވެ. އެ ކަންކަމަކީ:

  1. މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.

  2. ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން.

  3. ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.

  4. ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.

  5. އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.

  6. ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.

  7. ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތައާރަފްކުރުމާއި ގަވާއިދާ ޚިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސުން ޕޮއިންޓް ކަނޑަން ފެށުން.

  8. މަގުމަތީގެ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.

މި ފަހުން ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކުގެ ތެރެއިން ގިނަ އެކްސިޑެންޓުތަކެއް ހިނގައިފައިވަނީ ނުރައްކާތެރި ދުވެލީގައި ދުއްވި ރޭސްކާރުތައް ކޮންޓްރޯލުން ނެއްޓިއެވެ.

https://sun.mv/196422

އެގޮތުން ފޭސް ދޭއްގައި މަގުގެ އެއްފަރާތުގައި ސައިކަލުގައި މަޑުކޮށްގެން ހުރި މީހެއްގެ ގައިގައި ވެސް އޭގެ ކާރެއް ކޮންޓްރޯލުން ނެއްޓިވަނީ ޖެހިފައެވެ. އޭގެ ސަބަބުން ސައިކަލުގައި އިން މީހާ މާ ދުރަށް ވިއްސައިގެން ގޮސް ޖެހި، ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

ރޭގެ ހާދިސާގައި ބާރު ދުވެލީގައި ، ލައިސެންސް ނެތް ޒުވާނަކު ދުއްވި ރޭސް ކާރެއް، ސައިކަލެއްގައި އިން ޒުވާނެއް ގައިގައިޖެހި އޭނާވަނީ ނިޔާވެފައެވެ.

އެއާއެކު ގިނަ ބަޔަކު އަންނަނީ ހުޅުމާލޭގެ މަގުތަކަކީ ރޭސްކުރަން ހުރި މަގުތަކެއް ނޫންކަމަށާއި އެ މަގުތައް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ގޮވައިލަމުންނެވެ.

އަދި ނުރައްކާތެރިކޮސް ދުއްވާ މީހުންނަށް ހަރުކަށި އަދަބު ދީ ގާނޫނު ތަންފީޒުކުރުމަށް ވެސް އަންނަނީ ގޮވައިލަމުންނެވެ.

comment ކޮމެންޓް