ހުޅުމާލޭގައި އަނެއްކާވެސް އެކްސިޑެންޓެއް؛ އެކަކަށް ސީރިއަސް އަނިޔާތަކެއް

ހުޅުމާލޭ ދެވަނަ ފިޔަވަހި: ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއްވެ މީހަކަށް ވަނީ އަނިޔާވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ވެސް އެކްސިޑެންޓެއް ހިނގައި، މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، މިއަދު ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދުއްވި ސައިކަލަކާއި ކާރެއް އެކްސިޑެންޓުވި ކަމުގެ ރިޕޯޓު 6:50ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށާއި އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޭނާއަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ ތަފުސީލެއް ފުލުހުން ނުދެއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސެންޓްރަލް ޕާކު ކައިރީގައި، މިދިޔަ ހުކުރު ދުވަހުގެ ދަންވަރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެހި ޒުވާނަކު ވަނީ ނިޔާވެފައެވެ.

އެ ހާދިސާގައި ނިޔާވީ ސައިކަލު ދުއްވަން އިން 23 އަހަރުގެ ހަސަން ސަމާހެވެ.

https://sun.mv/196422

އެ މައްސަލައިގައި، ކާރު ދުއްވަން އިން 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީ ހައްޔަރުކޮށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ސައިކަލެއްގައި ޖެހި، މިދިޔަ ޖުލައި މަހު ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އެ ހާދިސާގައި އަނިޔާވީ ސައިކަލު މަތީ އިން 27 އަހަރުގެ ޒުވާނަކަށެވެ.

comment ކޮމެންޓް