ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މަގުތަކަކީ އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ޓަކައި މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި ހުޅުމާލޭގަ ހިނގާދިޔަ އެސިޑެންޓްގައި މަރުވި ހަސަން ސަމާހުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވައި، ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ކުރެއްވި ޕޯސްޓުގައިވަނީ ރައީސްގެ އިރުޝާދާ އެއްގޮތަށް މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ޓަކައި، ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވުމުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް، ތަންފީޒީ އިދާރާތަކާ ގުޅިގެން އަޅާނެ ކަމަށެވެ.
އަދި ޓްރެފިކް ގަވާއިދުތަކާއި، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް، މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ. އެ ޕޯސްޓުގައިވަނީ މަގުތަކަކީ އެންމެނަށް ރައްކާތެރި، އަމާން ތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.
ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ހަސަން ސަމާހު ވަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ނިޔާވެފައެވެ. އޭނާއަކީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ.
މި މައްސަލައިގައި އްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފިހި، އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީއެވެ. މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ނުރައްކާތެރިކޮށް ދުއްވާ މީހުންނާމެދު ގާނޫނު ތަންފީޒުކޮށް އަދަބު ހަރުކަށިކުރުމަށް ވެސް އަންނަނީ ގޮވައިލަމުންނެވެ.
އެއާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒުވަަނީ އަދަބުތައް ހަރުކަށިކޮށް ތަންފީޒުކުރަން އިދާރާތަކަށް އަންގަވައިފައިވާ ކަމަށް ވިދާޅުވެފައެވެ.