ޗައިނާގައި އުމުރުން ދުވަސްވީ މީހަކު ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ސްޓޭޑިއަމެއް ތެރެއަށް ވަދެ، ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 35 މީހަކު މަރުވެ، 43 މީހަކު ޒަޚަމްވެއްޖެއެވެ.
ޗައިނާގެ ދެކުނުގައި އޮންނަ ޒުހާއީގައި ހިނގި އެ އެކްސިޑެންޓުގައި ކާރު ކޮންޓްރޯލް ނައްޓާލައި ވަތް ސްޓެޑިއަމަކީ ގިނަ އަދަދެއްގެ ބަޔަކު ކަސްރަތު ކުރަން ކުރަން ތިބި ސްޕޯޓްސް ސެންޓަރެއް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވި އިރު، ބޮޑެތި ޒަޚަމްތައް ލިބުނު މީހުންނަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ހާދިސާ ހިނގި ކާރު ދުއްވަން އިނީ 62 އަހަރުގެ މީހެކެވެ. ވަނަމަކަށް ފޭން ކިޔާ އެ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިހާތަނަށް ކުރިއަށްގެންގޮސްފައިވާ ތަހުގީގުތަކުން ދައްކާ ގޮތުގައި ފޭން ކާރު ދުއްވާފައި ވަނީ އޭނާގެ ކައިވެނި ރޫޅުމާ ގުޅިގެން އެކަމާ ވިސްނައި، ނަފްސާނީ ގޮތުން ރަނގަޅު ހާލަތެއްގައި ހުރެއެއް ނޫނެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އެކްސިޑެންޓްވުމުން އޭނާ އަތުލައިގަތީ ފިލަން އުޅެނިކޮށް ކަމަށާއި އެކަމުގެ ތެރޭގައި ލިބުނު އަނިޔާތަކާ ގުޅިގެން އެ މީހާ މިހާރު އޮތީ ކޯމާއެއްގައި ކަމަށެވެ.
އެ ނުރައްކާތެރި ހާދިސާ ހިނގި ސަރަހައްދަކީ އާންމުކޮށް ސެކިއުރިޓީ ވެސް ވަރަށް ބޮޑަށް ވަރުގަދަކޮށްފައި އޮންނަ ސަރަހައްދެކެވެ.