ކާރުން ޖެހި މީހަކު ވިއްސައިގެން ދިއުން: ކާރު ދުއްވި އިކްރާމް މިނިވަންވެއްޖެ

ހުޅުމާލޭގައި ސައިކަލުގައި މަޑުކޮށްލައިގެން އިން މީހެއް ގައިގައި ޖެހުނު ކާރުގައި ތިބި ތިން މީހުން: އެ ކާރު ދުއްވި އިކުރާމް މިނިވަންކުރަން ހައިކޯޓުން މިއަދު ވަނީ ހުކުމްކޮށްފައި --

ގަވާއިދާ ހިލާފަށް ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި ޖުލައި 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބުރާހިމް އިކުރާމް ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން ކުރި ހުކުމް، ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

އެ އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާނާ ސައިކަލު މަތީގައި އިންދާ އެހެން މަގަކުން ނުކުމެގެން އަންނަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ސައިކަލުގައި ޖެހޭ މަންޒަރެވެ. އެ ކާރު ގޮސް ސައިކަލުގައި ޖެހުމުން ސައިކަލުގައި އިން މީހާ ދިޔައީ ވިއްސައިގެންނެވެ.

އެ މައްސަލައިގައި އެ ވަގުތު ކާރުގައި ތިބި ތިން މީހުންގެ ތެރެއިން އިކްރާމުއްރަޙްމާނާއި އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން އަމުރުކުރީ މިދިޔަ މަހު އެއްވަނަ ދުވަހުއެވެ. އެ ކާރުގައި ދެން އިން ޖިނާޙް އިސްމާއިލްގެ ބަންދަށް ހުޅުމާލޭ ކޯޓުން ފުރަތަމަ ދިނީ 15 ދުވަހެވެ.

އެކަމަކު، އެ އެކްސިޑެންޓުވި ކާރު ދުއްވަން އިން އިކްރާމް ވަނީ އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނީ ވަކީލެއް ނެތި ކަމަށް ބުނެ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކުރަން ނިންމައިފައެވެ.

https://sun.mv/194982

އެހެންވެ، ނުރައްކާތެރި ގޮތަކަށް ދުއްވި އެ ކާރު ދުއްވަން އިން އިކްރާމް ވަނީ މިނިވަންވެފައެވެ.

ހައިކޯޓުގައި ހުކުމުގައި ބުނެފައިވަނީ ގާނޫނުއަސާސީން އިކްރާމަށް ލިބިދޭ ގާނޫނީ ވަކީލެއްގެ ހައްގަށް އޭނާ އެދިފައިވަނިކޮށް، އެ ހައްގު ހޯދައިނުދީ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގޯސްކޮށް ކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުޙައްމަދު ފައިސަލެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

https://sun.mv/194971

އެކްސިޑެންޓުގެ ވީޑިއޯތަކުން ފެންނަނީ އެކްސިޑެންޓުވި ސީންގައި ތިބެފައި ތިން މީހުން ވެސް ފިލާ ތަނެވެ.

މީގެ ކުރިން ޝަރީއަތުގެ މަޖިލީހުގައި އިކްރާމް ބުނެފައިވަނީ އޭނާ ސީންގައި ހުރެފައި ދިޔައީ އެކްސިޑެންޓުގެ ސަބަބުން މެޔަށް ތަދުވާތީ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އެކްސިޑެންޓުގައި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ގައިގެ ތަންތަން މަށައިގެން ގޮސް މޫނުމަތީގެ ކަށިތައް ބިނދުން ހިމެނެއެވެ. އެއީ، އުމުރުން 27 އަހަރުގެ ޒުވާން ފިރިހެނެކެވެ.

comment ކޮމެންޓް