ކާރު އެކްސިޑެންޓް: ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު އާންމުކޮށްފި

ކާރު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުން: އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރުގެ ދަށުން ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/ ފުލުހުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓު ކައިރިން ބާރު ސްޕީޑުގައި ކާރު ދުއްވާފައި ދަނިކޮށް އެކްސިޑެންޓުވި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ އެކްސިޑެންޓުވި ކާރުގައި ތިން ފިރިހެނުން ތިބި ކަމަށާއި އެ ތިން މީހުން ވެސް ކޯޓު އަމުރުގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެއަށް ފަހު ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:

  • އިކްރާމުއްރަހްމާން، ކ. މާލެ، ހ. ނޫރަންމާގެއާގެ
  • އިބްރާހީމް އިކްރާމް، ކ. މާލެ، މ. ލޭންޑްއޮފްގާޑަން
  • ޖިނާހް އިސްމާއީލް، ގއ. ކަނޑުހުޅުދޫ، އާޒާދުގެ

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ތަހުގީގު ފަށައިފައިވާ ކަމަށެވެ.

ފުލުހުން އެ ތިން މީހުންގެ މައުލޫމާތު ހާމަކުރީ، އެކްސިޑެންޓުގައި ޝާމިލްވާ މީހުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއްގެ ފޮޓޯތަކެއް ދައުރުކުރަމުން ދަނިކޮށެވެ.

އެ އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް، ސައިކަލެއްގައި ޖެހޭ މަންޒަރެވެ.

އެ ސައިކަލު މަތީގައި އިން މީހާ ވިއްސައިގެންދާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

އެ މީހާގެ އާއިލާގެ މީހަކު ރޭ ވަނީ އެއީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ އެކްސިޑެންޓުގައި އޭނާގެ މޫނުމައްޗަށް އަނިޔާ ލިބި، ކަށިތައް ބިނދިފައިވާ ކަމަށް "ސަން"އަށް ބުނެފައެވެ. އޭނާއަށް ފަރުވާ ދެނީ އައިޖީއެމްއެޗް ވޯޑުގައި ކަމަށާއި ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

https://sun.mv/194960

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުގެ އެކްސިޑެންޓުތައް މިފަހުން އިތުރުވެފައިވާއިރު، އެފަދަ ގިނަ ހާދިސާތައް ދިމާވަނީ ބާރު ސްޕީޑުގައި ދުއްވާ ކާރާއި ސައިކަލު ކޮންޓްރޯލް ނުކުރެވިގެންނެވެ.

comment ކޮމެންޓް