ރަހީނުކުރި ހާދިސާގެ ތެރޭ ފުލުހެއްގެ އިނގިލިތަކަށް އަނިޔާވި: ސީޕީ

ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު: ވިދާޅުވީ ރަހީނު ކުރި ހާދިސާގައި ސަސްޕެކްޓު ސަލަމާތް ކުރަނިކޮށް ފުލުހެއްގެ އިނގިލިތަކަށް އަނިޔާވި ކަމަށް ---- ފޮޓޯ/ ފުލުހުން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނު ކުރި ހާދިސާގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ފުލުހަކަށް ވަރަށް ބޮޑަށް އަނިޔާވިކަމަށް ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސީޕީ ޝުޖާއު ވިދާޅުވީ، އެ ހާދިސާގައި ރައްޔިތުން ސަލާމަތްކުރުމަށް ކުރި މަސައްކަތުގައި ފުލުހަކަށް އަނިޔާވީ އަހުމަދު އަތުހަރު ސައިކަލުން ވެއްޓުން ވަގުތު އޭނާގެ އަތުގައި އޮތް ވަޅިން ކަމަށެވެ.

އެ އަނިޔާ ލިބުނުކަން އެއްވެސް މީޑިއާއަކުން ރިޕޯޓުކޮށްފައިނުވާކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، އެ ހާދިސާގައި އަނިޔާވި ފުލުސް މީހާގެ އިނގިލިތަކަށް ލިބުނު ޒަޚަމުތަކަކީ އަތުހަރަށް ލިބެން އޮތް ބޮޑު އަނިޔާއަކުން ސަލާމަތްވާން މެދުވެރިވި ސަބަބު ކަމަށެވެ.

https://sun.mv/196203

މި ނިމިގެން ދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ، ރައްޔިތަކު ސަލާމަތްކުރުމަށްޓަކައި, އެ ކުރި މަސައްކަތުގައި ސަސްޕެކްޓް ވެއްޓުނު ވަގުތު އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން ސަސްޕެކްޓް ސަލާމަތްކުރުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ އެއީ. އަދި އެއްވެސް މީޑިއާއެއްގައި އޮތް ވާހަކައެއް ނޫން. އޭނާގެ އަތުގެ އިނގިލިތަކަށް ލިބުނު ޒަޚަމުތައް އެއީ ސަސްޕެކްޓަށް ލިބެން އޮތް ބޮޑު އަނިޔާއަކުން ސަލާމަތްވާން މެދުވެރިވި ސަބަބު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު

ނަމަވެސް، އެ ހާދިސާގައި ފުލުސް މީހާއަށް ލިބުނު އަނިޔާގެ އިތުރު ތަފުސީލު ސީޕީ ހިއްސާކުރައްވާފަައިނުވާއިރު، އެ ހާދިސާއާ ގުޅުވައި މީގެ ކުރިން މީޑިއާތަކަށް ފުލުހުން އެ މައުލޫމާތު ދީފައެއް ނުވެއެވެ.

އަތުހަރު، އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނުކޮށްގެން ސައިކަލެއްގައި ދަނިކޮށް ފުލުހުން އޭނާ ހިފެހެއްޓީ މުގުރުން އޭނާގެ ބޮލުގައި ޖެހުމަށް ފަހުގައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ރަހީނު ކުރި ހާދިސާގައި ސަސްޕެކްޓު ސަލަމާތް ކުރަނިކޮށް ފުލުހެއްގެ އިނގިލިތަކަށް އަނިޔާވި ކަމަށް ސީޕީ ޝުޖާއު ވިދާޅުވި ---- ފޮޓޯ/ ފުލުހުން

އެއަށް ފަހު, އޭނާގެ ބޮލުން ލޭ ފައިބާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، އޭނާއަށް ފުރަތަމަ އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗްގައި ވެސް ފަރުވާދީފައިވެއެވެ. އެގޮތުން، އައިޖީއެމްއެޗުން ދޫކޮށްލުމުން ފުލުހުން އަނެއްކާ ވެސް ވަނީ އަތުހަރު ހައްޔަރުކޮށްފައެވެ.

އެ ހާދިސާގެ މައުލޫމާތު އެނގޭ މީހަކު މީގެ ކުރިން 'ސަން'އަށް ބުނި ގޮތުގައި އަތުހަރު ރަހީނުކޮށްގެން ގެންގުޅުނީ އޭނާގެ ލޯބިވެރިޔާއެވެ. އެ ދެ މީހުންގެ މެދުގައި ޖެހުނު މައްސަލައަކީ، އަތުހަރަށް އަންހެން މީހާ ޚަރަދުނުކުރާނެ ކަމަށް ބުނުމުން ޖެހުނު މައްސަލައެއް ކަމަށް އެ މީހާ ކިޔައިދިނެވެ.

https://sun.mv/196170

ފާހަގަކޮށްލެވޭ ގޮތުގައި، އެ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތަށް މީގެ ކުރިން ސީޕީ ތައުރީފުކުރައްވާފައިވާއިރު، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް