ކުޑަކުއްޖަކަށް ސައިކަލު ދުއްވަން ދިން މީހާ 2،000ރ. އިން ޖޫރިމަނާކޮށް، އުޅަނދު ހިފަހައްޓައިފި

ބްރިޖު ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް ދީގެންދާ ދުއްވާ މަންޒަރު: އެ މައްސަލާގައި 2،000ރ. އިން ޖޫރިމަނާކޮށް، އުޅަނދު ވަނީ ހިފަހައްޓާފައި -- ފޮޓޯ/ ފޭސްބުކް: މިރާއްޖެ

މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލު ހުންގާނު ދީގެން ދުއްވި މައްސަލައިގައި އެ ސައިކަލް ދުއްވި މީހާ 2،000 ރުފިޔާއިން ޖޫރިމަނާކޮށް، 30 ދުވަހަށް އުޅަނދު ހިފަހައްޓައިފިއެވެ.

ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޫބަރު މަހު ވައިރަލްވި ވީޑިއޯއެއްގައި ފެންނަނީ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ސައިކަލެއްގެ ކޮންޓްރޯލް ކުޑަ ކުއްޖަކަށް ދީފައިފައިވާ މަންޒަރެވެ.

ސްކޫލު ޔުނީފޯމުގައި ކުއްޖާ އިންއިރު ސައިކަލުގައި އިން ފިރިހެން މީހާ އެ ކުއްޖާއަށް ސައިކަލުގެ ކޮންޓްރޯލް ހަވާލުކޮށް، އޭނާގެ ކަނާއަތް ފަލަމަސްގަނޑު މަތީ ބާންދައިގެން، ވާއަތުން ކުޑަކޮށް ހުންގާނުގައި އަތް ޖައްސާލައިގެން އިން މަންޒަރު ފެނެއެވެ.

އެ މައްސަލާގައި ފުލުހުން ވަނީ ޓްރެފިކް ގާނޫނާ ޚިލާފުވެފައި ވާތީވެ، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ފިޔަވަޅު އެޅުމަށް ފޮނުވާފައެވެ.

"ސަން" އަށް މައުލޫމާތުދެމުން މިއަދު ފުލުހުން ބުނީ އެ މައްސަލައިގައި ހިމެނޭ މީހާ ޓްރެފިކް ގާނޫނާ ޚިލާފުވި މައްސަލައިގައި ފިޔަވަޅުއެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ހ) އަދި (ރ) ގައިވާ ގޮތުގެ މަތިން 2،000 ރުފިޔާއިން ޖޫރިމަނާކުރި ކަމަށެވެ. އަދި އޭނާ ދުއްވި އުޅަނދު، އެ މާއްދާގެ (ބ) ގެ ދަށުން 30 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ނިންމާފައިވާކަން އެ މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

މި ގޮތަށް ނުރައްކާތެރިކޮށް ދުއްވާ މީހުންގެ ވީޑިއޯ އާންމުވުމުން އެ މައްސަލަތައް ބެލުމަށް ފަހު ފުލުހުން ފިޔަވަޅު އަޅައެވެ. އެ ގޮތުން، ބުރިޖު މަތިން ހެލްމެޓް ނާޅައި ދުއްވާ ވީޑިއޯއެއް އާންމުވުމުންނާއި ބުރިޖުމަތިން ސައިކަލުގައި ބައިވަރު ގަސްތަކެއް އުފުލާ ވީޑިއޯއެއް އާންމުވުމުން މީގެ ކުރިން ފުލުހުން ފިޔަވަޅު އަޅާފައިވެއެވެ.

މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރަން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ސައިކަލުގައި ބުރިޖު ޕެޓްރޯލްކުރަން ވެސް ފުލުހުން ވަނީ ފަށާފައެވެ.

comment ކޮމެންޓް