އަތުހަރުގެ ނަފުސާނީ އަދި ނާރުގެ މައްސަލައެއް ވެސް ނެތް: ފުލުހުން

އަތުހަރު އަންހެނަކު ރަހީނުކޮށްގެން ދަނިކޮށް ހުއްޓުވުން: އަތުހަރުގެ މެޑިކަލް ޓެސްޓުތަކުން އޭނާގެ މައްސަލައެއް ނެތް ކަމަށް ދައްކާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/ އެމްވީކްރައިސިސް

މާފަންނު ގެއެއްގައި ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކުރި އަހުމަދު އަތުހަރު، ނަފުސާނީ ބައްޔާއި ނާރުގެ ބަލީގެ ޚާއްސަ ޑޮކްޓަރުންނަށް ދައްކައިފައިވާ ކަމަށާއި އޭނާގެ އެފަދަ މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް ފުލުހުން ބުނެފިއެވެ.

އަތުހަރު އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނުކޮށްގެން ސައިކަލެއްގައި ދަނިކޮށް ފުލުހުން އޭނާ ހިފެހެއްޓީ މުގުރުން އޭނާގެ ބޮލުގައި ޖެހުމަށް ފަހުގައެވެ. އެއަށްފަހު އޭނާގެ ބޮލުން ލޭ ފައިބާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، އޭނާއަށް ފުރަތަމަ އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗްގައި ވެސް ފަރުވާދީފައިވެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަތުހަރުގެ މެޓިކަލް ޓެސްޓުތަކާއި ސީޓީ ސްކޭނެއް ހަދައިފައިވާ ކަމަށާއި އެ ޓެސްޓުތަކުގެ ނަތީޖާއަށް ބަލާއިރު އެއްވެސް މައްސަލައެއް ފާހަގަނުވާ ކަމަށެވެ.

މީގެ އިތުރުން އަތުހަރަށް އައިސީޔޫގައި ފަރުވާ ދިން ކަމަށް ޚަބަރު ފެތުރިފައިވީ ނަމަވެސް އޭނާއަށް އައިސީޔޫގައި ފަރުވާ ދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ލަފާދީފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަތުހަރަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އޭނާގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

https://sun.mv/196167

އެ ހާދިސާގެ މައުލޫމާތު އެނގޭ މީހަކު މީގެ ކުރިން 'ސަން'އަށް ބުނި ގޮތުގައި އަތުހަރު ރަހީނުކޮށްގެން ގެންގުޅުނީ އޭނާގެ ލޯބިވެރިޔާއެވެ. އެ ދެ މީހުންގެ މެދުގައި ޖެހުނު މައްސަލައަކީ، އަތުހަރަށް އަންހެން މީހާ ޚަރަދުނުކުރާނެ ކަމަށް ބުނުމުން ޖެހުނު މައްސަލައެއް ކަމަށް އެ މީހާ 'ސަން'އަށް ކިޔައިދިނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް