އަންހެނަކު ރަހީނުކުރި ހާދިސާ: ފުލުހުންގެ މަސައްކަތާމެދު ސީޕީ ފަޚުރުވެރިވޭ

ރޭގެ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު ކޮމިޝަނާ ޝުޖާޢު ބައްދަލުކުރެއްވުން--- ފޮޓޯ/ ފުލުހުން

ރޭ ހިނގި ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިއަދު ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވެވި މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާއި، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު “ތުރެޓް ނިއުޓްރަލައިޒް”ކޮށްފައިވާ ކަމަށެވެ.

ކޮމިޝަނާ ވިދާލުވީ މިއީ ކާމިޔާބު މަސައްކަތެއްކަމާއި އެކަމަށްޓަކައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކޮމިޝަނާ އިތުރަށް ފާހަގަކުރެއްވީ ރޭގެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ވަރަށް ރަނގަޅަށް ދިޔަކަމާއި މިއީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއް ކަމަށެވެ. އޭގެ އިތުރުން، ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު "ނިއުޓްރަލައިޒް" ކުރުމުގައި ނިންމި ނިންމުން ރަނގަޅުކަންވެސް ކޮމިޝަނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމިޝަނާ އިތުރަށް ވިދާޅުވީ މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށެވެ.

އަދި ރައްޔިތުންގެ ތައުރީފް ފުލުހުން ރޭ ހިންގި އޮޕަރޭޝަނަށް ލިބެމުން ދާކަމަށާއި އިތުރަށް ރަނގަޅު ކުރުމަށް ހިޔާލުތައްވެސް ލިބެމުންދާކަމާއި އެކަންކަން ބަލައިގަންނަ ކަމަށްވެސް ކޮމިޝަނާ ވަނީ ވިދާޅުވިއެވެ.

މީގެއިތުރުން މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިއްމުކަން ބޮޑުކަމަށާއި ހުރިހާ ފުލުހުންވެސް އެންމެ އިސްކަމެއް ދޭ ކަމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ހެދުމަށް ކޮމިޝަނާ ވަނީ އެދިލައްވާފައެވެ.

ރޭ އަންހެނަކު ރަހީނު ކުރި މީހާއަށް ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށާއި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގެންދަނީ ތަހުގީގު ކުރަމުންނެވެ. ރޭ ހިނގި ރަހީނުކުރުމުގެ ހާދިސާގެ ވިކްޓިމްގެ ހާލު ކޮމިޝަނާ އޮފް ޕޮލިސް މިއަދު ވަނީ ބައްލަވާފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް