ފުލެޓު ލިސްޓު ނުނެރެ ލަސްވާތީ އާންމުން ހައުސިން މިނިސްޓްރީއަށް ވަދެ، މުޒާހަރާ ކުރަނީ

ފުލެޓު ލިސްޓު ނުނެރެ ލަސްވާތީ އާންމުން ހައުސިން މިނިސްޓްރީއަށް ވަދެ، މުޖާހަރާ ކުރާ މަންޒަރު --

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާން ކުރި ފުލެޓު ލިސްޓު މި ސަރުކާރުން މުރާޖާކޮށް ނުނިމި، އަނެއްކާވެސް ފުލެޓް ލިސްޓު ނެރުން ފަސްކުރުމުން، އާންމުން ހައުސިން މިނިސްޓްރީ ތެރެއަށް ވަދެ، މުޒާހަރާކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ވަނީ ފުލެޓު ލިސްޓު ނެރޭނެ ކަމަށް ބުނެ އެކި ތާރީޚުތައް ވެސް ދީފައެވެ. އެންމެ ފަހުން ފުލެޓް ލިސްޓު ނެރޭނެ ކަމަށް އިއުލާންކޮށްފައި އޮތީ މިދިޔާ ހަފުތާގެ ނިޔަލަށެވެ. އެހެން ނަމަވެސް އެ ތާރީޚަށް ވެސް ލިސްޓު ނެރެވިފައެއް ނުވެއެވެ.

މިނިސްޓްރީން ބުނީ އެ ސްކީމަށް ހުށަހަޅާއިފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަަށަވަރުކުރަން ޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ.

މިއަދު ސަރުކާރަށް އަހަރެއް ފުރިފުރިފައިވާއިރު، ސަރުކާރުން ވަނީ "ގެދޮރުވެރިކަމުގެ ކާމިޔާބު 52 ހަފުތާ"ގެ ނަމުގައި ޕޯސްޓަރުތައް ވެސް ހަދާފައެވެ. އެ ޕޯސްޓަރުތައް މިނިސްޓްރީ ބޭރުގައި ވެސް ހުއްޓެވެ.

ފުލެޓު ލިސްޓު ނުނެރެ ލަސްވާތީ އާންމުން ހައުސިން މިނިސްޓްރީއަށް ވަދެ، މުޖާހަރާ ކުރާ މަންޒަރު --

އެކަމާ ނުރުހުން ފާޅުކޮށް، ފުލެޓު ލިސްޓު ލަސްވާ މައްސަލާގައި އާންމުން ވަނީ ހައުސިން މިނިސްޓްރީ ތެރެއަށް މިއަދުގެ މެންދުރު ފަހު ވަދެ، މުޒާހަރާކޮށްފައެވެ. އަދި މިނިސްޓްރީ ބޭރުގައި ވެސް އަޑުގަދަކޮށްފައިވެއެވެ.

އާންމުން އެ ސަރަހައްދުގައި އަޑުގަދަކުރާތީ ފުލުހުން ވެސް އެ ސަރަހައްދަށް އެއްވެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓު ހަވާލުކުރުން ލަސްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ފުލެޓުތަކާ ގުޅޭ މައްސަލަ ބެލުމަށް ފަހު، އެންގި އެންގުމާ ގުޅިގެންނެވެ. އެ ކޮމިޝަނުން ނިންމީ މިދިޔަ ސަރުކާރުން ފުލެޓުތައް ދޫކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

އެއާ އެކު ފުލެޓުގެ ކަންތައްތަކާ ގުޅިގެން އުފައްދާފައިވާ ކޮމިޓީއާއި މާލެ ސިޓީ ކައުންސިލްގެ ފަސް މެންބަރުން ހިމެނޭ ކޮމިޓީގެ ލަފާއާ އެކު ވަނީ ފޯމުތައް ރީއިވެލުއޭޓް ކުރަން ނިންމައި، އެ މަސައްކަތް ފަށައިފައެވެ.

ގެދޮރުވެރިޔާ ސްކީމުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 15،000 އަށްވުރެ ގިނަ މީހުނަށް ފުލެޓު ދިނުމަށް އެމްޑީޕީ ސަރުކާރުން އޮތީ ނިންމައިފައެވެ.

comment ކޮމެންޓް