ދަތުރުގޮސް އުޅެނިކޮށް ގެއްލުނު މީހާ ހޯދަން 5000 އަކަފޫޓުގެ ސަރަހައްދެއް ބަލައިފި

ތަސްލީމް މުހައްމަދު: އޭނާ ގެއްލުނީ އިއްޔެ ރަހުމަތްތެރިންނާއެކު ފިނޮޅަށް ގޮސް އުޅެނިކޮށް

ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު މީހާ ހޯދުމަށް 5،000 އަކަފޫޓުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ގެއްލިގެން ހޯދަނީ މ. އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދެވެ. އޭނާ މިހާރު ދިރިއުޅެނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.

"ސަން"އާ ވާހަކަ ދައްކަމުން ތަސްލީމުގެ އާއިލާއިން ބުނީ، ފިނޮޅުގައި އޭނާ ނެތްކަން ފާހަގަވުމުން، ހޯދުމަށްފަހު ނުފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ މެންދުރު 01:00 އެހާއިރު ކަމަށެވެ.

https://sun.mv/196198

މި ކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ތަސްލީމް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމަށް ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެންނާއި، އަދި 3000 އަކަފޫޓުގެ ސަރަހައްދެއް ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން ބަލާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިހާތަނަށް ލިބިފައިވާ މައުލޫތަށް ބަލާއިރު، ތަސްލީމް ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ، އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑު ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

comment ކޮމެންޓް