ރައްޓެހިންނާއެކު ފިނޮޅަކަށް ދަތުރުގޮސް އުޅުނު ފިރިހެނަކު ގެއްލިގެން ހޯދަނީ

ތަސްލީމް މުހައްމަދު: އޭނާ ގެއްލުނީ އިއްޔެ ރަހުމަތްތެރިންނާއެކު ފިނޮޅަށް ގޮސް އުޅެނިކޮށް

ރައްޓެހިންނާއެކު މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް އިއްޔެ ދަތުރުދިޔަ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަނީ މ. އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދެވެ. އޭނާ މިހާރު ދިރިއުޅެނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން ތަސްލީމުގެ އާއިލާއިން ބުނީ، ފިނޮޅުގައި އޭނާ ނެތުމުން ހޯދުމަށްފަހު ނުފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ މެންދުރު 01:00 އެހާއިރު ކަމަށެވެ.

"އޭނާއާ އެކީ ދަތުރުދިޔަ ކުދިންނަކަށް ހަމަ އެއްގޮތަކަށް ވެސް އޭނާ ހޯދާ ނުފެނުނު. ނޭނގެ މޫދަށް ކަމެއް ވެސް ގެއްލުނީ،" އާއިލާއިން ބުންޏެވެ.

އޭނާ ބުނީ، ސިފައިން ވެސް ތަސްލީމް ހޯދުމަށް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އިއްޔެ ދަތުރު ގޮސް އުޅުނު ތަސްލީމް ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް