ފުލުހުން މައްސަލައެއް ތަހުގީގުކުރަން ފެށުމާއެކު ފުލުސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާއަށް ގޮވާލުމަކީ ޣައިޒު ޒިންމާދާރު ކަމެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ އާދިއްތަ ދުވަހު ބީއެމްއެލްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާނު ކުރުމާ ގުޅުވައި އިދިކޮޅުން ބަޣާވާތްކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން ތަހުގީގެއް ފެށުމުން، ޝުޖާއުގެ އިސްތިއުފާއަށް ގޮވާލީ އެމްޑީޕީންނެވެ.
އެމްޑީީން ބުނެފައިވަނީ، އެ މައްސަލަ ބަލަން ނިންމީ ސިޔާސީ ނުފޫޒުން ކަމަށާއި އެހެންވެ ފުލުހުންގެ ހުރުމަތް ހިފަހައްޓަން ޝުޖާއު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، ބީއެމްއެލްއިން ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާންކުރުމާއެކު ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތަކުން ޕްރެސް ކޮންފަރެންސެއް ބާއްވައި، އެ ގަޑީގައި ސޯޝަލް މީޑިއާގައި ބައިވަރު އެކައުންޓުތަކަކުން ސަރުކާރާ ދެކޮޅު ޚިޔާލުތައް ފާޅުކުރަން ފެށި ކަމަށެވެ.
"ޚާއްސަކޮށް އަޅުގަނޑުމެން ފާހަގަކޮށްލަން ޕެއިޑް ބޮޓް އެކައުންޓުތަކެއް ބޭނުންކޮށްގެން ވެސް ސަރުކާރު އިސްތިއުފާ ދޭން ޖެހޭ ކަމަށާއި މީހުން މަގު މައްޗަށް ނުކުންނަން ޖެހޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު ކައިރިއަށް އެއްވެ، އެ ގެކޮޅު ތެރެއަށް ވަދެގަންނަން ޖެހޭ ކަމަށާއި މި ފަދަ މެސެޖުތައް ވެސް ހަމަ އެ ގަޑީގައި މި އަންނަނީ،" އޭނާ ވިދާޅުވިއެވެ.
އެ ކަންތައްތައް އެހާ އަވަހަށް ވިދިވިދިގެން ހިނގުމުން އެއީ އިއްތިފާގެއްތޯ ސުވާލު އުފެދޭ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެކަން ބަލައި، ރައްޔިތުންނަށް ޖަވާބުދާރީވާން ތިބި ބަޔަކީ ފުލުހުން ކަމުން އެ އިދާރާއިން އެ މައްސަލަ ބަލަން ފެށީކަމަށް އިހުސާން ވިދާޅުވިއެވެ.
"މިހާތަނަށް ކޮން އިރަކުތޯ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން އާދިއްތަ ދުވަހެއްގެ ހެނދުނު ޕްރެސް ކޮންފަރެންސެއް ބާއްވަނީ. އެއީ އަޅުގަނޑުމެން ބަލާލަން ޖެހޭ ބައެއް ހަގީގަތްތަކެއް،" އޭނާ ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ކުށެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ މައްސަލައެއް ބަލާނެ ކަމަށާއި އެއީ އެއްވެސް ބަޔަކު ހާސްވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"[ސީޕީގެ އިސްތިއުފާއަށް ގޮވާލުން] މިއީ ވަރަށް ޣައިޒު ޒިންމާދާރު ކަމެއް، ފުލުހުންގެ ޕްރައިމަރީ އެއް މަސައްކަތަކީ ތަހުގީގު ކުރުން. ތަހުގީގު ކުރަން ފެށީމަ އިސްތިއުފާ ދޭން ޖެހޭ ކަމަށްވަންޏާ މިއީ ތާކުންތާކު ޖެހޭ ކަމެއް ނޫނެއް ނޫންތޯ މިކުރަނީކީ،" އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް އެދެން މީގެ ފަހުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރާ ރަސްމީ މަސައްކަތްތަކުގައި ސިޔާސީ ފަރާތްތަކުން އެ ތަންތަނުގެ ބޭފުޅުންގެ އިސްތިއުފާއަށާއި އެ ތަންތަނުގެ އިއްޒަތާއި ހައިބަތު ގެއްލޭ ގޮތަށް ވާހަކަ ނުދެއްކެވުން."
ބީއެމްއެލްގެ ނިންމުމާ ގުޅުވައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
އެ ބައްދަލުވުން ބޭއްވި އެ ވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދައިފައިވާތީ، އެ ކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރި ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބަޔާނުގައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ، ބީއެމްއެލްގެ ނިންމުމާ ގުޅުވައި އެމްޑީޕީން ބަޣާވާތެއް ގެންނަން އުޅުނު ކަމަށް ތުހުމަތު ކުރައްވާފައެވެ.
ބީއެމްއެލްއިން ރުފިޔާ އެކައުންޓަށް ޑޮލަރު ދޫނުކުރާނެކަން އާދިއްތަ ދުވަހުގެ ހެނދުނު އިއުލާން ކުރުމަށްފަހު، އެ ދުވަހު ހަވީރު، އެމްއެމްއޭގެ އިރުޝާދަށް އެ ނިންމުން ބަދަލުކޮށް އެކަން އިއުލާން ކުރިއެވެ.