ސަފީރުންނަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން: މިނިސްޓަރު

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު: ވިދާޅުވީ، ރާއްޖޭގައި އުޅޭ ސަފީރުންނަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން ކަމަށް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި އުޅޭ ވަކި ސަފީރަކާއި އެބޭފުޅުންގެ އާއިލަތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުންދިޔަ ޑރ. މުޙައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ (47އ) އާއި ޑރ. ޝަޒްރާ އިބްރާހީމް (36އ) އިއްޔެ ހައްޔަރުކުރީ، ސަފީރަކަށް އުނދަގޫކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ފަދަ އަމަލުތަކެއް ހިންގުމުން ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

އެކަމާ ގުޅުވައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެތައް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް، ރާއްޖޭން ފައިބަން ގޮވާލައި، އެ ސަފީރުގެ އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި، ރާއްޖޭގައި އުޅޭ ސަފީރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޝާދިޔާއާއި ޝަޒްރާ ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ.

އެކަމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިޔުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެދެމީހުން ހައްޔަރުކުރީ އިއްޔެ މެންދުރުފަހު އެކެއް ޖަހައި އެހާކަންހާއިރެވެ.

މި އަމަލުތަކާ ގުޅިގެން، އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރުމަތިން ޝާދިޔާ އާއި ޝަޒުރާއަށް ނަސޭހަތްދީފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ.

https://sun.mv/196090

ޝަޒްރާ އާއި ޝާދިޔާ ވަނީ މެދުކެނޑުމެއްނެތި މާލެއާއި ހުޅުމާލޭގައި އިޒްރޭލާ ދެކޮޅަށް މެގަ ފޯނުން އަޑުއުފުލާފައިވެއެވެ.

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ މަސައްކަތް ލަސްވުމުގެ ސަބަބުން މިހާރު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް