ފަލަސްތީނާ ގުޅޭ ގޮތުން ސަރުކާރުގެ ސްޓޭންޑް ބަދަލުކުރާ ކަމަށް އަދާލަތުން ތުހުމަތުކޮށްފި

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ބަޔަކު ހައްޔަރުކުރުން އެ ޕާޓީން ވަނީ ކުށްވެރިކޮށްފައި --

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުންދިޔަ ދެ އަންހެނަކު ހައްޔަރުކުރުމުން، ފަލަސްތީނާ ގުޅޭ ގޮތުން ސަރުކާރުގެ ސްޓޭންޑް ބަދަލުވެފައިވާ ކަމަށް ދޭހަވާ ކަމަށް އަދާލަތު ޕާޓީން މިރޭ ބުނެފިއެވެ.

އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން އައި، ޑރ. މުޙައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ (47އ) އާއި ޑރ. ޝަޒްރާ އިބްރާހީމް (36އ) ފުލުހުން މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

އެ މައްސަލައާ ގުޅުވައި އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރަން ނިންމިކަން ސަރުކާރުން މުޅި ދުނިޔެއަށް އިއުލާނުކޮށް އެތައް ސުރުޚީތަކެއް ހަދައި، ފަލަސްތީނު ރައްޔިތުންނާއި މުސްލިމް އުންމަތުގެ މަގުބޫލުކަން ހޯދި ކަމަށެވެ. ނަމަވެސް އެ ފިޔަވަޅު ނޭޅުމާއި، ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާ ވިދިގެން ރަސްމީކޮށް ދިވެހި ދައުލަތުން އަމަލު ކުރި ގޮތުންނާއި، ޝާދިޔާއާއި ޝަޒުރާ ހައްޔަރު ކުރުންފަދަ ކަންކަމުން، ދިވެހިންގެ ހިތްތަކުގައި އިންތިހާއަށް އަހައްމިއްޔަތުކަން ދެވިފައިވާ މި މައްސަލައިގައި ރައްޔިތުންގެ ވިންދާ ޝުއޫރާ ދުރަށް ސަރުކާރުން ދަތުރުކުރާ ކަމަށް ބެލެވޭ ކަމަށެވެ.

"އަދި ދިވެހި ސަރުކާރުން ފަލަސްޠީނު ޤަޟިއްޔާގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ރަނގަޅު ހެޔޮ ސްޓޭންޑު ބަދަލުވެފައިވާކަމަށް ބުނުމުގެ ޖާގަ އޮތްކަމުގައި މި ޕާޓީއިން ދެކެމެވެ." އެ ބަޔާނުގައިވެއެވެ.

އަދާލަތު ޕާޓީން ބުނީ، އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ގައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ޒިންމާއެއް ކަމަށވެެ. އަދި ވަކިން ޚާއްޞަކޮށް މަސްޖިދުލް އަޤްޞާގެ ދިފާޢުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމު ނޫން މީހުން ވެސް މި މައްސަލައިގައި، އިންސާނިއްޔަތަށްޓަކައި ވެސް އަޑު އުފުލަމުން އަންނަ ކަމަށެވެ.

"ކަން މިހެން އޮތްއިރު ސައްތައިން ސައްތަ މުސްލިމް މި ދައުލަތުގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދެވި ދެ ކަނބަލުން ހައްޔަރު ކުރެވުމަކީ ވަރަށް ނާތަހުޒީބު އަދި ދީނީ ހަމަތަކުން ބެލި ނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ." ބަޔާނުގައިވެއެވެ.

އަދާލަތު ޕާޓީން ވަނީ ޝާދިޔާއާއި ޝަޒުރާ ހައްޔަރުކުރުން ކުށްވެރިކޮށް، އެ ދެ މީހުން ދޫކޮށްލުމަށް ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ހައްގުގައި ސަރުކާރުން ކުރުމަށް ވައުދުވެފައިވާ ކަންކަން ފުރިހަމަ ކުރުމަށް ވެސް އެ ޕާޓީން ގޮވާލިއެވެ.

އެ މައްސަލައިގައި ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ޝާދިޔާއާއި ޝަޒުރާ ހައްޔަރުކުރި ސަބަބުތަކުގެ ތެރޭގައި ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކުރުން ހިމެނެއެވެ. އަދި އެ ދެ މީހުން ޑިޕްލޮމެޓިމް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް ހިންގަމުން ގެންދިޔަ ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

https://sun.mv/196090

މީގެ އިތުރުން އެ ދެ މީހުން ފުލުހުންގެ އެންގުމުން އިންކާރުކޮށް، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އޮތީ ކޮމިޓީ މަރުހަލާގައި ހުއްޓިފައެވެ. އެ ބިލުގެ މަސައްކަތް ކުރިއަށް ނުދާތީ ސަރުކާރަށާއި މަޖިލީހަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ފަލަސްތީނާ ގުޅޭ ގޮތުން ރާއްޖެއިން ޒަމާނުއްސުރެއް ތާއިދުކުރަމުން އައި ގޮތަކީ، 'ދެ ދައުލަތް' ހައްލު ގެނައުމެވެ. އެގޮތުން އިޒްރޭލާއި ފަލަސްތީން ވަކިވާ ބޯޑަރު އޮންނަން ޖެހޭނީ، 1967ގައި އިޒްރޭލުން ފަލަސްތީނަށް އަރައިގަތުމުގެ ކުރިން އޮތް ބޯޑަރާ އެއްގޮތަށް ކަމަށް ރާއްޖެއިން އައި ބުނަމުންނެވެ.

މި ސަރުކާރުން ވަނީ، މިހާރު ވެސް ރާއްޖެއިން ތާއިދު ކުރާ ގޮތަކީ އެއީ ކަމަށް މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް