އިސްރާއީލުން ޣައްޒާއަށް އަލުން ދިން ހަމަލާތައް ދޭން ފެށި ފަހުން ފާއިތުވި 10 ދުވަސް ތެރޭގައި ފަލަސްތީނުގެ ގާތްގަޑަކަށް 322 ކުދިން ޝަހީދުކޮށްލާފައިވާ ކަމަށް އދގެ ކުޑަކުދިންނާބެހޭ އިދާރާ، ޔުނިސެފުން ބުނެފިއެވެ.
އެ ހަމަލާތަކުގައި 609 ކުދިން ޒަޚަމްކޮށްލާފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
އެ އަދަދުތަކުގެ ތެރޭގައި ޣައްޒާގެ ދެކުނުގައި އޮންނަ އަލް ނާސިރު ހޮސްޕިޓަލުގެ ސާޖިކަލް ޑިޕާޓްމަންޓަށް މާޗް 23 ވަނަ ދުވަހު ދިން ހަމަލާގައި ޝަހީދުވި ނުވަތަ ޒަޚަމްވި ކުދިންވެސް ހިމެނޭ ކަމަށް ޔުނިސެފުން ބުނެއެވެ.
ޔުނިސެފުން ބުނީ މީގެ ތެރެއިން ގިނައީ ގެދޮރު ގެއްލި، ވަގުތީ ޓެންޓުތަކުގައި ނުވަތަ ހަލާކުވެފައިވާ ގެތަކުގައި ހިޔާވަހިކަން ހޯދަމުން ދިޔަ ކުދިން ކަމަށެވެ.
"ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ ސަބަބުން ޣައްޒާގެ ކުދިންނަށް އުންމީދެއް ލިބުނު. އަދި އެއީ ހާލަތުން އަރައިގަންނަން ފެނުނު މަގެއް. ނަމަވެސް އެކުދިން އަނެއްކާވެސް މި ވަނީ ހައްގުތަކުން މަހްރޫމްވުމުގެ ސިލްސިލާގެ ތެރެއަށް ވެއްޓިފައި." ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތްރިން ރަސެލް ވިދާޅުވިއެވެ.
ރަސެލް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނަށް ހުރިހާ އެންމެން ވެސް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
ޔުނިސެފްގެ ބަޔާނުގައި ބުނެފައި ވަނީ ގާތްގަނޑަކަށް 18 މަސް ދުވަހުގެ ހަނގުރާމައަށް ފަހު 15،000 އަށް ވުރެ ގިނަ ކުދިން ޝަހީދުކޮށްލާ، 34،000 އަށް ވުރެ ގިނަ ކުދިން ޒަޚަމްކޮށްލާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިންސާނީ އެހީ ވަނުން އިސްރާއީލުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ޔުނިސެފުން ވަނީ ގޮވާލާފައެވެ. އަދި ބަލި ކުދިންނާއި ޒަޚަމްވެފައިވާ ކުދިން ބޭސްފަރުވާ ހޯދުމަށް ޣައްޒާއިން ބޭރަށް ނެރެން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
"ކާނާއާއި ރައްކާތެރި ފެނާއި ބޯހިޔާވަހިކަމާއި ބޭސްފަރުވާގެ ދަތިކަން އިތުރުވެއްޖެ. މި ގޮތަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ނުލިބި ކުދިން ހެދިބޮޑުވާނަމަ، ބަލިތަކަށް ހުށަހެޅި އެ ކުދިންގެ ފުރާނައަށް ނުރައްކާވޭ." ޔުނިސެފުން ބުންޏެވެ.
ޔުނިފެސުން ވަނީ ކުޑަކުދިންގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް މުޅި ދުނިޔެއަށް ގޮވާލާފައެވެ.
އިސްރާއީލާއި ހަމާސްއިން ޣައްޒާގައި ހަމަލާ ބަދަލުކުރާތާ ގާތްގަނޑަކަށް 18 މަސް ދުވަސް ފަހުން މިދިޔަ ޖެނުއަރީ މަހު ހެދި އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލި ނަމަވެސް، ހަމާސްއިން އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ، ވަޔާއި އެއްގަމު މަގުން އިސްރާއީލުން އަނެއްކާވެސް އަންނަނީ ހަމަލާތައް ދެމުންނެވެ.