ޝާދިޔާއާއި ޝަޒުރާ ސަފީރަކަށް އުނދަގޫކޮށް، ފުލުހުންނަށް ހުރަސްއެޅި ކަމުގެ ތުހުމަތު

ފުލުހުން އާންމުކުރި، ޝާދިޔާ އާއި ޝަޒުރާގެ ފޮޓޯތަކެއް: ފުލުހުން ވަނީ އެ ދެ މީހުން ސަފީރަކަށް އުނދަގޫކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ތުހުމަތު ކޮށްފައި -- ފޮޓޯ/ ފުލުހުން

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުންދިޔަ ދެ އަންހެނަކު މިއަދު ހައްޔަރުކުރީ، ސަފީރަކަށް އުނދަގޫކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ފަދަ އަމަލުތަކެއް ހިންގުމުން ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޑރ. މުޙައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ (47އ) އާއި ޑރ. ޝަޒްރާ އިބްރާހީމް (36އ) އެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ އަންހެނުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކުރުމުގެ ސަބަބުން ކަމަށެވެ.

އަދި ޑިޕްލޮމެޓިމް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް އެ މީހުން ހިންގަމުން ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިޔުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެދެމީހުން މިއަދު މެންދުރުފަހު އެކެއް ޖަހައި އެހާކަންހާއިރު ހައްޔަރުކުރީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި އަމަލުތަކާ ގުޅިގެން، އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރުމަތިން ޝާދިޔާ އާއި ޝަޒުރާއަށް ނަސޭހަތްދީފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ.

ޝަޒްރާ އާއި ޝާދިޔާ މެދުކެނޑުމެއްނެތި މާލެއާއި ހުޅުމާލޭގައި އިޒްރޭލާ ދެކޮޅަށް މެގަ ފޯނުން އަޑުއުފުލާފައިވެއެވެ.

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ މަސައްކަތް ލަސްވުމުގެ ސަބަބުން މިހާރު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް