Ooredoo
Dhiraagu

ރަހީނުން ދޫކޮށްނުލައިފިނަމަ އިތުރު ސަރަހައްދުތައް ހިފާނެ ކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ ދިފާއީ ވަޒީރު، އިސްރާއީލް ކަޓްޒް. ފޮޓޯ/ރޮއިޓާސް

ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ބާކީ ތިބި ރަހީނުން މިނިވަންކުރަން ދެކޮޅު ހަދައިފި ނަމަ އިސްރާއީލުން ޣައްޒާގެ އިތުރު ސަރަހައްދުތައް ހިފައި ހަމާސް ވުޖޫދުން ނައްތާލެވެންދެން ހަނގުރާމަ ކުރާނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބުނެފިއެވެ.

Ooredoo

ކަޓްޒް އެގޮތަށް ބުނެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

"ހަމާސްއިން ރަހީނުން ދޫކޮށްލުމަށް އެއްބަސްނުވެ، ކުރިއަށް ގޮސްފިނަމަ، އޭގެ ބަދަލުގައި ޣައްޒާގެ ސަރަހައްދުތައް ހިފައި ހަމާސްގެ ހަނގުރާމަވެރިން ބަލިވަންދެން ހަނގުރާމަ ކުރިއަށް ގެންދާނަން،" އިސްރާއީލުގެ މީޑިއާތަކުން އާންމުކުރި ވީޑިއޯއެއްގައި ކަޓްޒް ބުންޏެވެ.

ދޭހާސް ތޭވީސްވަނަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަކާ ގުޅިގެން ޣައްޒާ ހަނގުރާމަ ފަށާފައިވާއިރު، ޣައްޒާގައި ހަމާސްގެ ވެރިކަމާއި އަސްކަރީ ބާރު އޮތުން ދުވަހަކު ވެސް ބަލައިނުގަންނާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލުން ވަނީ މި މަހުގެ 18 ވަނަ ދުވަހު ޣައްޒާއަށް ދޭން ފެށި ވައިގެ ހަމަލާތަކާ އެކު، ޣައްޒާގެ މެދުތެރެއާއި ދެކުނަށް އެއްގަމުން މަގުން ހަމަލާދޭން ފަށާފައެވެ. އެ ހަމަލާތަކުގައި މިހާތަނަށް 700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އަލުން ހަމަލާތައް ދޭން ފެށީ ބާކީތިބި ރަހީނުން ދޫކޮށްލުމަށް ހަމާސްއަށް މަޖުބޫރުކުރުވުމަށް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 59 މީހުން ތިބިއިރު، އޭގެ ތެރެއިން 24 މީހަކު ދިރިތިބި ކަމަށް ބެލެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް ބައި ލައްކައަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްޚީ ވުޒާރާއިން ހާމަކުރެއެވެ.

Redstar
comment ކޮމެންޓް

comment ބުރެކި

3 day 5 hour ago

ނިކަން އާދެބަލަ އަހަރެމެން ތަނެއްގަ ހިފާލަން..ހޭއަރުވާލާނަން