އިސްރާއީލުން ވަރުގަދަ ހަމަލާތައް ދެމުންގެންދާ ފަލަސްތީނުގެ ޣައްޒާގައި މިހާރު ހުރީ އެންމެ ދެ ހަފުތާއަށް ފުދޭވަރުގެ ކާބޯތަކެތި ކަމަށް އދ ގެ ކާބޯތަކެއްޗާބެހޭ އިދާރާ (ޑަބްލިޔުއެފްޕީ)އިން ބުނެފިއެވެ.
"ޣައްޒާގައި ބާކީ ހުރީ ގާތްގަނޑަކަށް 5،700 ޓަނުގެ ކާބޯތަކެތީގެ ސްޓޮކް. އެއީ އެންމެ ގިނަވެގެން ވެސް ދެ ހަފުތާއަށް ފުދޭވަރުގެ ކާބޯތަކެތި،" ރޯމްގައި ހުންނަ އެ އިދާރާއިން ނެރުނު ބަޔާނެއްގައިވެއެވެ.
ޑަބްލިއުއެފްޕީން ބުރާސްފަތި ދުވަހު ބުނީ، އެ އިދާރާއާއި އެހެން އިދާރާތަކަށް ވެސް ޣައްޒާއަށް ކާބޯތަކެތި އެތެރެނުކުރެވޭތާ ތިން ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
"ޣައްޒާގެ ލައްކައެއްހާ މީހުންނަށް އަނެއްކާ ވެސް ބަނޑުހައިހޫނުކަމާއި ކާނާ ލިބުން ދަތިވުމުގެ ނުރައްކާ އެބައޮތް. އެ ސަރަހައްދުގައި އިންސާނީ އެހީއަށް ޖެހިފައިވަނީ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން," ޑަބްލިޔުއެފްޕީގެ ބަޔާނުގައިވެއެވެ.
"މީގެ އިތުރުން ޣައްޒާގައި އަސްކަރީ ހަރަކާތްތައް ފުޅާވުމުން ކާބޯތަކެތީގެ އެހީގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑަށް ބުރޫއަރާ. އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރި ކަމެއްނެތް,"
ދެހާސް ތޭވީސްވަނަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ނިމުމަކަށް ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހު 19 ވަނަ ދުވަހެވެ. ނަމަވެސް، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތް، ހަމާސްއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އިސްރާއީލުން ވަނީ މިދިޔަ ހަފުތާގައި އަނެއްކާވެސް ޣައްޒާއަށް ހަމަލާތައް ދޭން ފަށާފައެވެ.
އިސްރާއީލުން ދޭން ފެށި އެ ހަމަލާތަކުގެ ސަބަބުން އެންމެ ހަތް ދުވަހުގެ ތެރޭގައި 142،000 މީހުން ގެދޮރު ގެއްލިފައިވާ އދ އިން ހާމަކުރެއެވެ.
އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި އާ ހަމަލާތަކުގެ ބޭނުމަކީ ހަމާސްގެ ބެލުމުގެ ދަށުގައިތިބި ރަހީނުން ދޫކޮށްލުމަށް ޕްރެޝާ ކުރުމެވެ.
ހަނގުރާމަ ފެށި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގައި ހަމާސްގެ ބެލުމުގެ ދަށަށް ގެންދިޔަ 251 މީހުންގެ ތެރެއިން 58 މީހުން އަދިވެސް ތިބީ އެމީހުންގެ ބެލުމުގެ ދަށުގައެވެ. އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.
އިސްރާއީލުން ޣައްޒާއަށް ދޭ އަނިޔާވެރި ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ވަނީ ބައިލައްކައަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.