''މާލީ ބަޣާވާތާ'' ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ މީހުން އަންނަނީ ދެނެގަންނަމުން: ފުލުހުން

ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު އުވާލަން ނިންމި ނިންމުމާ ގުޅިގެން "ބަޣާވާތް"ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ މީހެއް ވޭތޯ ބަލައި ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެ މައްސަލައިގައި ބަޣާވާތް ކުރަން އުޅުނު ކަމަށް ބުނެ ފުލުހުން ތަހުގީގެއް ފެށީ ހޯމަ ދުވަހުއެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި ހޯދަންޖެހޭ އެންމެހައި މައުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފުސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، އެ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތެއް ވާނަމަ، އެކަން ދެނެގަތުމާ އެކު، ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/195996

ބީއެމްއެލްގެ ނިންމުމާ ގުޅުވައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެ ބައްދަލުވުން ބޭއްވި އެ ވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދައިފައިވާތީ، އެ ކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރި ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބަޔާނުގައިވެއެވެ.

https://sun.mv/196034

އެހެންވެ، އެ މައްސަލަ ފުލުހުންގެ ފަރާތުން ތަހުގީގުކުރަން ފެށީ ކަމަށް ބަޔާނުގައިވެއެވެ.

އޭގެ ފަހުން ބޭއްވި ޖަލްސާއެއްގައި ބީއެމްއެލުން ހިންގަން އުޅުނީ ބަޣާވާތެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ވެސް ވަނީ ވިދާޅުވެފައެވެ.

މިއީ ސިޔާސީ ކަމެއް ކަމަށް ތުހުމަތުކޮށް، އިދިކޮޅު އެމްޑީޕީން ވަނީ މި މައްސަލައިގައި ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާދެއްވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް