ދިވެހި ދައުލަތުގެ ވަޒީފާތަކުން މުސްކުޅިކޮށްފައިވާ މީހުންނާއި އުމުރުން 65 އަހަރު ފުރިފައިވާ މީހުންގެ ތެރެއިން ވަޒީފާގައި ދެމި ތިބުމަށް އެދޭ މީހުންނަށް، އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ވަޒީފާއިން މުސްކުޅިކޮށްފައިވާ އަދި މުސްކުޅިކުރާނޭ ފަރާތްތަކުގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް ނުވަތަ ވަޒީފާއަށް އެނބުރިއައުމަށް އެދޭ މީހުންނަށް، އެ މީހުންގެ އުމުރުން 75 އަހަރުވުމާ ހަމައަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ސަރުކާރުން މިއަދު އިއުލާންކުރި ގޮތުގައި އެ ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް ދައުލަތުގެ ހުރިހާ މުއައްސަސާތައް ހިމެނޭހެން މިހާރު ވަނީ ފަށައިފައެވެ. އެގޮތުން، ދަޢުލަތުގެ އެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަން ފަށައިފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.
އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް، ދައުލަތުގެ އެކި އިދާރާތަކާއި، ރާއްޖޭގެ ސަލާމަތީ ބާރުތަކާއި، މިނިވަން މުއައްސަސާތައް ހިމެނޭހެން މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެ ބައްދަލުވުންތަކުގެ މަގުސަދަކީ، އެ އިދާރާތަކުގައި ވަޒީފާއިން މުސްކުޅިކުރެވޭ ނުވަތަ ވަޒީފާގައި ދެމިހުރެވޭ އެންމެ ދޮށީ އުމުރާ ގުޅޭގޮތުން އެ އިދާރާތައް އަމަލުކުރަމުންގެންދާ ގަވާއިދުތަކާއި އުސޫލުތަކުގެ މަޢުލޫމާތު ހޯދައި، މިހާރު މިނިސްޓްރީން ޑްރާފްޓް ކޮށްފައިވާ ބިލުގެ ފުރަތަމަ ޑްރާފްޓާ މެދު އެ އިދާރާތަކުން ދެކޭގޮތް ހޯދުން ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން ބުނި ގޮތުގައި މަތީ ތައުލީމާ ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުން ދަނީ، ރައީސްގެ އެދިލެއްވުމާ އެއްގޮތަށް ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި އެ ބިލް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށެވެ.
ރައީސް ރިޔާސީ ކެމްޕެއިން ތެރޭގައި ހުށަހަޅުއްވާފައިވަނީ، 65 އަހަރު ވިޔަސް، ކޮންޓްރެކްޓް އުސޫލުން 75 އަހަރު ވަންދެން ވަޒީފާ ދޭނެ ސިޔާސަތެއް އެކުލަވާލުމަށެވެ. އެ ސިޔާސަތުގެ ދަށުން ހަދާ ކޮންޓްރެކްޓަކީ އަހަރުން އަހަރަށް އައު ކުރެވޭ ކޮންޓްރެކްޓަކަށް ވާން ޖެހޭނެ ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވެފައިވެއެވެ.