(ބ. އޭދަފުށިން، ޢާލިމް އަބްދުއްލަތީފް)
ރިޓަޔާ ކުރާ އުމުރަށް އެޅުމުން ވެސް، އެ މީހަކު ވަޒީފާގައި ހުންނަން ބޭނުންވާނަަމަ އެ ފުރުސަތު ހޯއްދަވައިދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ބ. އޭދަފުށީގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މިހާރު ނިޒާމު އޮންނަ ގޮތުން 65 އަހަރުވުމުން ރިޓަޔާކުރުން މަޖުބޫރުވާ ކަމަށެވެ. އެހެން ނަމަވެސް، އެ އުމުރަށް އެޅުމުން ވެސް ވަޒީފާގައި ތިބެން ބޭނުންވާ މީހުން އުޅޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެެ.
"ދެން ގެއަށް ދާން ޖެހުނީމަ ސިކުނޑިއަށް އެބަ އުނދަގޫވޭ. ވަރަށް ގިނަ މީހުންނަށް އެބަ އުނދަގޫވޭ ގޭގައި ހުންނަން ޖެހުނީމަ،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަޒީފާ ދޫކޮށް ގޭގައި ހުންނަން ޖެހުމުން ނަފްސާނީ ގޮތުން އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންވެ، ރިޓަޔާކުރުމަށްފަހު ވެސް މީހުން ކޮންޓްރެކްޓް އުސޫލުން ވަޒީފާ ހޯދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބައެެއް މީހުން ރިޓަޔާ ކުރަނީ ސިއްހީ ގޮތުން ބަލިކަށިވެގެންނެއް ނޫނެވެ. އެއީ ނިޒާމުގައި މަޖުބޫރުކޮށްފައި އޮންނާތީ ކުރާ ކަމެކެވެ. ގޭގައި ހުންނަން ޖެހުމުން އެކި ކަހަލަ މައްސަލަތަކާ ކުރިމަތިވަނީ އެހެންވުމުން ކަމަށް ފާހަގަކުރެއްވިއެވެ.
"ހާއްސަކޮށް ދިރިއުޅުމުގެ ކަންކަން މި އޮންނަ ގޮތުން ގޭގައި ހުންނަން އުނދަގޫ. އެހެންވީމަ އެ ރައްޔިތުންނަށް ހާއްސަ އިތުރު ގޮތްތަކެއް، ވަޒީފާގައި އުޅެން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނަން ޖެހޭނެ ރިޓަޔާ ކުރިޔަސް،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ހުށަހަޅުއްވާ ސިޔާސަތަކީ 65 އަހަރު ވިޔަސް، ކޮންޓްރެކްޓް އުސޫލުން 75 އަހަރު ވަންދެން ވަޒީފާ ދޭނެ ސިޔާސަތެކެވެ. އެ ސިޔާސަތުގައި ބުނާ ގޮތުން އެ ކޮންޓްރެކްޓަކީ އަހަރުން އަހަރަށް އައު ކުރެވޭ ކޮންޓްރެކްޓަކަށް ވާން ޖެހެއެވެ.
"އޭރުން ގޭގައި ހުންނަން ޖެހިގެން ސިކުނޑިއަށް އުނދަގޫވެ މީހާ ބަލިކަށިވެ މި ކަންކަމެއް ނުވާނެ. 75 އަހަރަށް ރާއްޖޭގެ ލައިފް އެކްސްޕެކްޓެންސީ ވަރަށް މަތިވެއްޖެ އިރާދަކުރެއްވީތީ،" މުއިއްޒު ވިދާޅުވިއެވެ.
މީގެ ކުރިން މުއިއްޒު ވަނީ 55 އަހަރާއި 65 އަހަރު ދެމެދުގައި އަމިއްލަ އަށް ރިޓަޔާކުރާ މީހުންނަށް ހާއްސަ އެލެވެންސްއެއް ތައާރަފްކުރަން ވެސް ވައުދުވެވަޑައިގެންފައެވެ.