ކޮރަޕްޝަނުގެ މައްސަލައެއްގައި ކުރިއަށް ނުގެންދެވުނު އެމްޓީސީސީގެ "ހިޔާ ސްކީމް"އަށް އަލުން ބިމެއް ހޯދަނީ

ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި އެމްޓީސީސީގެ މުވައްޒަފުންނަށް އަޅާ ފުލެޓުތަކުގެ މަސައްކަތް ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ކުރިއަށް ނުގެންދެވުމުން، އެ މަޝްރޫއު އަލުން ފަށަން ބިމެއް ހޯދަން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެހީއާއެކު އެމްޓީސީސީން މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވަނީ، އެ ކުންފުނީގެ ހިޔާ މަޝްރޫއަށް ބިމެއް ހަމަޖެއްސުމަށް ޓަކައި މި ހަފުތާގައި އެޗްޑީސީއާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެމްޓީސީސީގެ އެމްޑީ ޑީސީޕީ ރިޓަޔަޑް އަހުމަދު ސައުދީއާއި އެޗްޑީސީގެ އެމްޑީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރާއި ދެ ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ ޓަވަރުތައް ވުޖޫދަށް އައިސްފައި ނުވުމަކީ މުވައްޒަފުން އިންތިހާއަށް މާޔޫސްވެ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އެކަން ކުންފުނީގެ ބޯޑާއި މެނޭޖްމެންޓުން ގަބޫލުކޮށް، އެއީ މުވައްޒަފުންގެ ހެވާއި ލާބަޔަށް ޓަކައި ކޮންމެހެން ވެސް ކޮށްދޭންޖެހޭ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ބަޔާނުގައިވެއެވެ.

އެހެންވެ، އެމްޑީ ސައުދީގެ އިސްނެންގެވުމުގެ މަތިން، އެމްޓީސީސީގެ ހިޔާ މަޝްރޫއު އަލުން ކުރިއަށްގެންދިޔުމަށް ޓަކައި ބިމެއް ހަމަޖައްސައިދިނުމަށް ރައީސް އޮފީހުގައި އެދުނު ކަމަށް އެ ކުންފުނިން ބުންޏެވެ.

"... އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒު ވަނީ މިކަމަށް އިޖާބަ ދެއްވައި، އެމްޓީސީސީއަށް ބިމެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން އެޗްޑީސީއަށް ސިޓީއަކުން ދަންނަވައިފައެވެ." އެ ބަޔާނުގައިވެއެވެ.

އެމްޓީސީސީން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަކީ ރެޔާއި ދުވާލު ދާ އޮހޮރުވައިގެން މަސައްކަތް ކުރާ އިޚުލާސްތެރި ބަޔެއްކަން ފާހަގަކޮށް، ހިޔާ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ހަމަޖެހުމުގެ އުއްމީދު ލިބުމަކީ އުފާވެރި ޚަބަރަކަށް ވާނެ ކަމަށް ބުނެފައެވެ.

އެ ކުންފުނީގެ މެނޭޖްމެންޓުގެ އަމާޒަކީ، ބިން ހަމަޖެހުމާއެކު މަޝްރޫއު ވީހާވެސް އަވަހަށް ފެށޭނެ އިންތިޒާރު ހަމަޖެއްސުން ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން "ހިޔާ ހައުސިން ސްކީމް ތައާރަފުކުރީ އޯގަސްޓު 15، 2018ގައެވެ. އޭރު އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން 14 ބުރީގެ ދެ ޓަވަރުގައި ޖުމްލަ 400 ފުލެޓް އަޅާނެ ކަމަށެވެ.

އެހެންނަމަވެސް އެ މަޝްރޫއު ހަވާލުކުރުމުގައި އެމްޓީސީސީއަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލައެއް ބަލަން ފެށިއެވެ.

އެމްޓީސީސީގެ ހިޔާ ސްކީމުގެ މައްސަލައިގައި އޭސީސީން ދައުވާކުރަން ފޮނުވި މީހުން: އެ މީހުންނަށް ދައުވާކުރުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަހަރު --

އެ މައްސަލައިގައި މިދިޔަ އަހަރު އޭސީސީން ބުނީ އެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރި ކަމަށެވެ. އަދި، އެ ކުންފުނިން އެއްބަސްވުން ބާތިލުކުރަންޖެހޭފަދަ ޚިލާފުތައްވެފައިވީ ނަމަވެސް، އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް ފައިސާ ދިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީގެ ތަހުގީގުން ދެއްކި ގޮތުގައި، އެ އަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް ލިބުނު ގެއްލުމުގެ އަގު 39.2 މިލިއަން ރުފިޔާއަށް އަރައެވެ. އެހެންވެ މިދިޔަ އަހަރު، އޭސީސީން ވަނީ އެ 39 މިލިއަން ރުފިޔާއާއި އޭގެ އިތުރަށް ލިބިފައިވާ މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އެމްޓީސީސީއަށް އަންގައިފައެވެ.

މީގެ އިތުރުން އެ މައްސަލައިގައި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި އޭރު ހުރި ހަސަން ޝާހް ހިމެނޭ ގޮތަށް ފަސް މީހަކަށް ދައުވާކުރަން އޭރު އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ.

https://sun.mv/204873

އެ މައްސަލަ ކުރިއަށްދިޔައިރު، އެމްޓީސީސީގެ ފުލެޓުތަކުގެ މަސައްކަތް ކުރިއަށްގެންދެވިފައިނުވެއެވެ.

ސަރުކާރު ކުންފުނިތަކަށް ދައުލަތުން ބޮޑު ޚަރަދެއް ކުރާއިރު، އޭގެ ތެރެއިން ބައެއް ކުންފުނިތަކަށް ފައިދާ ނުވުމުގެ މައްސަލަ ބޮޑެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް ޖުމުލަ 280 މިލިއަން ރުފިޔާގެ ގެއްލުންވިއިރު، އޭގެ ތެރޭގައި އެމްޓީސީސީއަށް ލިބުނު 20 މިލިއަންގެ ގެއްލުން ހިމެނުނެވެ.

މި ސަރުކާރުން މިދިޔަ އަހަރު ގިނަ އަދަދެއްގެ މަޝްރޫއުތައް ފަށައިފައިވާއިރު، ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ މަޝްރޫއުތައް ހަވާލުކުރީ ސަރުކާރު ކުންފުނިތަކާއެވެ. އޭގެ ތެރޭގައި އެމްޓީސީސީ ވެސް ހިމެނޭއިރު، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

https://sun.mv/226245

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން އެމްޓީސީސީގައި އެދިފައިވާ މައުލޫމާތަށް ދިން ޖަވާބުގައި އެ ކުންފުނިން ވަނީ މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އެ ކުންފުނީގައި ތިބި މުވައްޒަފުންގެ އަދަދު 6،145 އަރާކަން ހާމަކޮށްފައެވެ.

އެމްޓީސީސީގެ އިތުރުން އެހެން ކުންފުނިތަކަށް ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގައިފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވަނީ، މި ސަރުކާރު އައި ފަހުން މިހާތަނަށް 4،938 މުވައްޒަފުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރުކޮށްފި ކަމަށް ވިދާޅުވެފައެވެ. އެއާއެކު، މިހާރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 41،000އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، މި ދައުރުގައި އެ މައްސަލަ ހައްލުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށް ފުލެޓުތައް އަޅައިފައިވެއެވެ.

comment ކޮމެންޓް