މި އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ބޮޑު އަދަދެއް ކަނޑައަޅާފައިވީ ނަމަވެސް، އަހަރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު އެ ބަޖެޓުން ހޭދަކުރެވުނީ އެންމެ 232 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ ދަށުން، ސިއްހީ ކަންކަމާ ބެހޭ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް މި އަހަރުގެ ބަޖެޓުގައި 814.7 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ނަމަވެސް، އަހަރު ނިމެން ބާކީ ހަތަރު މަހަށް ވެފައިވާއިރު، މިހާތަނަށް އެ ދާއިރާއަށް ހަރަދުކުރެވިފައިވަނީ އެންމެ 232.0 މިލިއަން ރުފިޔާއެވެ. އެހެންކަމުން މުޅި ބަޖެޓުގެ ބޮޑުބައި އަދިވެސް އޮތީ ބޭނުންނުކުރެވިއެވެ.
ސިއްހީ ދާއިރާގެ މަޝްރޫއުތައް މަޑުޖެހިފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ގައި ށ. ފުނަދޫގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، މި އަހަރުގެ ދައުލަތުގެ ބަޖެޓުވާނީ ތަޢުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށް ކަމަށާއި، މި ދެ ދާއިރާގެ ތަރައްގީ ކަށަވަރުކުރެއްވުމަށް ޓަކައި ފުޅާ ދާއިރާއެއްގައި އައު މަޝްރޫއުތަކެއް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ޖުމްލަ ހަރަދު މިހާރު ހުރީ 28.1 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 23.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ނުވަތަ 19.3 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ދައުލަތުގެ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ ވަނީ 20.3 ބިލިއަން ރުފިޔާއިން 24.5 ބިލިއަން ރުފިޔާއަށް ނުވަތަ 20.9 އިންސައްތަ އިތުރުވެފައެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ 3.3 ބިލިއަން ރުފިޔާއިން 3.6 ބިލިއަން ރުފިޔާއަށް ނުވަތަ 9.1 އިންސައްތަ ވަނީ މަތިވެފައެވެ.