ސްކޫލްތައް މެދުވެރިކޮށް މުއައްސަސާތައް ހިންގުން ހުއްޓާލާކަށް ނުވޭތަ؟

ސްކޫލު ކުދިންތަކެއް ބެލެނިވެރިންނާއެކު ހަރަކާތެއްގައި-- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ތާރީޚު ލިޔަންފެށިފައި ވަނީ މީލާދީން 1153 ވަނަ އަހަރު، ރާއްޖެ އިސްލާމްވި ހިސާބުން ފަށައިގެންނެވެ. އެހާހިސާބުން ވެސް ފާހަގަ ކުރެވޭ ކަމަކީ ރާއްޖޭގައި ކިޔަވައިދިނުން އެދުވަސްވަރަކާއި، އެޙާލަތަކާ އެކަށީގެންވާ ވަރަށް އޮތްކަމެވެ. އެވޭލާ ޒަމާނުގައި ރާއްޖޭގައި ކިޔަވައި ދިނުން ކަމުގައި ބެލެވިފައި ވަނީ ކީރިތި ޤުރުއާން ކިޔަވައި ދިނުމާއި، ދީނީ ތަޢުލީމު އެކަށީގެންވާ ވަރަށް އުނގަންނައި ދިނުމެވެ. މީގެ އިތުރަށް ރަސްމަތިފުށުގެ ބޭފުޅުންނާއި ރަށްރަށުގައި ތިއްބަވާ ހަރުކުލައިގެ މީހުންގެ ދަރީންނަށް ހެވިކަން ދަސްކޮށްދީފައި ހުރިކަން ތާރީޚުން ސާބިތުވެއެވެ.

ދިވެހިރާއްޖޭގައި ދެވޭ މައިގަނޑު ތަޢުލީމުގެ ބާވަތަކީ ކީރިތި ޤުރުއާން ކިޔެވުމާއި ދީނީ އަޅުކަންތައް ކުރަން ދަސްކޮށް ދިނުން ކަމުގައިވާތީ މިކަމަށްޓަކައި ޚާއްޞަ ކުރެވިފައިވާ އެދުރުގެތަކަށް ދަރިވަރުން ފޮނުވައިގެން އުނގަންނައި ދިނުމަކީ ތަޢުލީމީ ޙަރަކާތެއްގެ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރެވެމުންދިޔަ، އެވޭލާ ޒަމާނުގެ ރާއްޖޭގެ އުނގަންނައި ދިނުމުގެ މައިގަނޑު މަސައްކަތެވެ. މި މަސައްކަތުގެ ތެރޭގައި ހިމެނިގެން ކުރެވޭ ކަމަކީ ވޮށިފިލާ އެޅުމާއި އަނދުން ދަވާދު ބޭނުންކޮށްގެން ފިލާގައި ލިޔެގެން ފިލާވަޅު ހިތު ދަސްކުރުމެވެ.

މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފާހަގަކުރުމަށް އެ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒަމާން ބަދަލުވެ، 1926 ހިސާބުގައި ދިވެހިރާއްޖޭގައި މަދަރުސާތައް ހިންގަން ފެށުމާއެކު ނުވަތަ މަދަރުސީ ތަޢުލީމު ތަޢާރަފް ވުމާއެކު ގިނަ މާއްދާތަކެއް ދަރިވަރުންނަށް ކިޔަވައި ދެވެން ފެށުނެވެ. މިދެންނެވި ކިޔަވައި ދިނުމުގެ ތެރޭގައިވެސް އޮތީ ދާދި އެއްކަމެކެވެ. އުނގެނުމުގެ ވައްޓަފާޅިއަކަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. ކުރެވެމުންދިޔަ މައިގަނޑު މަސައްކަތަކީ އުނގެނޭ މާއްދާ ތަކުގެ ފިލާވަޅު ހިތު ދަސްކުރުމާއި، އެދަސްކުރި އެއްޗެއް މުދައްރިސަށް ދަހަށް ކިޔައި ދިނުމެވެ.

ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި ދިވެހިރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭންފެށި، ދިވެހި ދަރިވަރުން ބައިނަލްއަޤްވާމީ އިމްތިޙާނު ތަކުގައި ބައިވެރިވާން ފެށުމާއެކު އުނގެނުމާއި އުނގަންނައި ދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ވަނީ އައިސްފައެވެ. އިމްތިޙާނަށް ތައްޔާރު ވުމާއި އިމްތިޙާނުން ފާސްވުމަކީ ޓީޗަރުންނާއި ދަރިވަރުންގެ މައިގަނޑު މަސައްކަތް ކަމުގައި ވެގެން ހިނގައްޖެއެވެ.

ދެހާހުގެ އަހަރުތަކާއި ހިސާބުން ދިވެހިރާއްޖޭގެ ކިޔަވައި ދިނުމުގެ ވައްޓަފާޅިއަށް އެކަށީގެންވާ ބަދަލުތަކެއް އަންނަން ވަނީ ފަށާފައެވެ. އެގޮތުންއައި ފާހަގަ ކުރެވޭ އެންމެ ބޮޑު ބަދަލަކީ ސްކޫލުތަކުގައި މަސައްކަތްތެރިކަމާއި އެކި ހުނަރުތައް ދަސްކޮށްދިނުން ތަޢާރަފް ކުރެވުމެވެ. އަދި ހަމައެއާއެކު ދައުލަތުގެ ސިޔާސަތުގައި ހިމެނިގެން އެއްވެސް ކުއްޖަކު ތަޢުލީމީ ނިޒާމުން ބާކީ ކޮށްނުލާ ހުރިހާ ކުދީންނަށް ހަމަހަމަ ފުރުޞަތު ލިބިދެވޭ ގޮތަށް ތަޢުލީމީ ނިޒާމު ފަރުމާކުރެވި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ މަންޙަޖުތަކަށް ބަލައި، ދިވެހިރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތަށް އެކުލަވާލެވިފައިވާ ޤައުމީ މަންޙަޖުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އުނގަންނައި ދޭންފެށުމެވެ.

އެއްވެސްކުއްޖަކު ބާކީ ކުރުމެއްނެތި، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައި ދެވެން ފެށުމާއެކު މިއަދު މުދައްރިސުންނަށް އުނގަންނައި ދިނުމުގައި އިތުރު ގޮންޖެހުން ތަކަކާއި ވަނީ ކުރިމަތި ލާންޖެހިފައެވެ. މިދެންނެވި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަމާއި މުދައްރިސުންގެ މަސައްކަތް ކާމިޔާބުކޮށް، އެކަށީގެންވާ ނަތީޖާތަކެއް ޙާޞިލުކުރުމަށް މަސައްކަތް ކުރަންޖެހޭ ގޮތަކީ ކޮބައިކަން ދެނެގަތުމަކީ މިއަދު މަދަރުސާތަކުގައި މަސައްކަތް ކުރައްވާ މުދައްރިސުން ކޮންމެހެން ކުރައްވަންޖެހޭ ކަމެކެވެ. އަދި މިދެންނެވި ކަންތައްތަކަށް އަހުލުވެރިވުމަކީ ވެސް މިއަދު މުދައްރިސުންގެ މަސައްކަތް ކާމިޔާބު ހަރުފަތަކަށް ގެންދިޔުމަށްޓަކައި މުދައްރިސުން ކޮންމެހެން ކުރައްވަންޖެހޭ ކަމެކެވެ.

އިއްޒުއްދީން ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ކިޔަވައި ދިނުން ބިނާވެފައި އޮތީ ވަކި ވައްތަރަކަށެވެ. ޓީޗަރުންގެ މައިގަނޑު މަސައްކަތަކަށް ވެފައި އޮންނަނީ ދަރިވަރުންނަށް ފިލާވަޅު އޮޅުން ފިލުވައި ދިނުމާއި، އެ އޮޅުން ފިލުވައިދިން އެއްޗެއްގެ މައްޗަށް ބިނާކޮށް މަސައްކަތް ކުރުވައިގެން ފިލާވަޅުގައި އެކުލެވޭ މަޢުލޫމާތާއި ހުނަރު ދަސްކޮށްދިނުމެވެ. އަދި އޭގެފަހުން ދަސްވި އެއްޗެއް ބެލުމަށްޓަކައި އިމްތިޙާނު ކުރުމެވެ. މިއަދު ރާއްޖޭގެ ތަޢުލީމުގެ ނިޒާމު މުޅިން ބަދަލުވެ، ކިޔަވައި ދިނުން އެހެން އަމާޒަކަށް މިޞްރާބު ޖަހައިފައިވީ ކަމުގައި ވިޔަސް ޓީޗަރުންގެ ޠަބީޢަތަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާ ތަކުގައި ކުރީގައި ކުރިއަށް ގެންދެވުނު ސަމަޓިވް އެސެސެމެންޓްގެ ބަދަލުގައި، އުނގެނުމުގެ ތެރެއިން ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމަށްޓަކައި މިއަދު އެސެސްމެންޓް ފޯރ ލާނިންގ ތަޢާރަފް ކުރެވިފައިވީ ނަމަވެސް، އަދި އެގޮތަށް ސްކޫލު ތަކުގައި ޢަމަލު ކުރަމުން ދިޔަ ކަމުގައި ވީނަމަވެސް އޮތެންޓިކް އެސެސްމަންޓް ތަކެއް ސްކޫލުތަކުގައި އެންމެ އެކަށީގެންވާ މިންވަރަށް ކުރިއަށް ގެންދެވޭ ކަމަކަށް ދެންނެވޭކަށް ނެތެވެ.

އޮތެންޓިކް އެސެސްމެންޓަކީ އިންސާނާގެ ދިރިއުޅުމުގެ ތެރޭގައި ހިނގާ ކަންތައްތަކާ ވީހާ އެއްގޮތް ކަންތައްތައް މެދުވެރިކޮށް ފެންވަރުވަޒަންކުރުން ކަމަށް ވެފައި، އޮތެންޓިކް އެސެސްމެންޓް ކަމުގައި ބެލެވެނީ ދުނިޔޭގައި ހިނގާ ކަންތައްތަކާއި ނުވަތަ ވަށައިގެން ފެންނަ މާޙައުލުން މެދުވެރިވާ ކަންތައްތަކާ ވީހާ އެއްގޮތްކޮށް ދެވޭ އެސެސްމެންޓް ކަމަށްވާއިރު ސްކޫލުތަކުގައި މިފަދަ އެސެސްމެންޓް ދިނުމަކީ ޢާއްމު ކަމެއް ކަމުގައި ދެންނެވޭކަށް ނެތެވެ. އޮތެންޓިކް އެސެސްމެންޓްގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ކުއްޖާ ބޮޑުވެގެން ވަޒީފާގެ މާޙައުލަށް ނިކުންނައިރު އެ ކުއްޖާ އާ ކުރިމަތިލާނެ ކަންތައްތަކަށް އަހުލުވެރި ވެފައިވުމެވެ. އަދި އިންސާނީ ދިރިއުޅުމުގައި ހިނގާ ކަންތައްތަކުގެ އެހީގައި އެސެސްކުރެވޭނަމަ އެކަން ކުރުމަށް ދަރިވަރުންގެ ހިތުގައި ޝައުޤުވެރިކަން އިތުރުވެގެން ދިއުމެވެ. މިސާލެއްގެ ގޮތުން ބަލާނަމަ އަކައެއްގެ އޭރިޔާ ހޯދުމަށްޓަކައި އަކަ ކުރަހާފައި އަކައިގެ މިންތައް ބުނެދީ ހެދުމުން އެ ދަރިވަރުން އޭރިޔާ ހޯދުމަށް ކުރާ މަސައްކަތަށްވުރެ ޝައުޤުވެރިކަމާއެކު ކުރާނީ ކޮޓަރިއެއްގައި ތަށިމުށި ޖަހަން ބޭނުންވާ މުށީގެ ޢަދަދު ހޯދުމަށް ކުރާ މަސައްކަތެވެ.

އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު ޤައުމީ މަންޙަޖުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށާއި ޒަމާނާ އެއްގޮތަށް ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލުތަކުގެ މުދައްރިސުންނާއި ކިޔަވާ ކުދީންނަށް ކުރިމަތިލާން ޖެހިފައިވާ އަވަދިނެތް ދުވަސްތަކެވެ. ކުރުކޮށް ދަންނަވާނަމަ ރާއްޖޭގެ ސްކޫލް ތަކުގައި ހިންގާ އިތުރު ޙަރަކާތްތައް ގިނަ ވުމެވެ. ވަށައިގެން ބަލާލުމުން އަބަދުވެސް ފެންނަނީ ތަފާތު ޔުނިފޯރމްތަކުގައި ދަރިވަރުން އެކިގަޑިގަޑިއަށް ސްކޫލަށް ގޮސް އައިސް ހަދާ މަންޒަރެވެ. އެހެންވީމާ މިކަމުގެ ސަބަބު ދެނެގަންނަންވެސް އެބަޖެހެއެވެ.

ފިސާރި ތެދެކެވެ. ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ޖަމްޢިއްޔާ ތަކާއި ދައުލަތުގެ މުއައްސަސާތައް ހިންގޭ ކަމަށް މިވަނީ ކޮންމެ މުއައްސަސާ އަކުންވެސް ސްކޫލް ތަކުގެ ދަރިވަރުންގެ މެދުގައި ކޮންމެވެސް މުބާރާތެއް ބޭއްވީމައެވެ. ނޫނީ ދަރިވަރުންނާއި ޓީޗަރުން ބައިވެރި ކޮށްގެން ކޮންމެވެސް ޙަރަކާތެއް ހިންގުނީމައެވެ. އެހެންކަމުން ޤައުމީ މަންޙަޖުގެ ލަނޑުދަނޑިތައް ހާޞިލު ކުރުމަށްޓަކައި، ސްކޫލްގައި ދަރިވަރުންނަށް ހިންގޭ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އިތުރަށް ދަރިވަރުންނާއި ޓީޗަރުން ތެޅިފޮޅެން ޖެހެނީ މުއައްސަސާތައް ”ހިންގުމުގައެވެ". އާނއެކެވެ! މިއަދު ދަރިވަރުން ހޭލަމޭލައަށް އުޅެން ޖެހެނީ މުއައްސަސާއެއްގެ ސިޓީލިޔުމުގެ މުބާރާތުގައި ބައިވެރި ވުމަށެވެ. ކޮންމެވެސް ޖަމްޢިއްޔާއެއްގެ މުބާރާތަކަށް ފަރިތަ ކުރުމަށެވެ. ކައުންސިލެއްގެ މުބާރާތަކަށް ތައްޔާރު ވުމަށެވެ. އެކެޑަމީއެއްގެ ސެޝަނުގައި ބައިވެރި ވުމަށެވެ. އެސޯސިއޭޝަނެއްގެ ކަޕަކަށް ޕްރެކްޓިސް ކުރުމަށެވެ. މަޖުލީސް މެމްބަރެއްގެ މުބާރާތެއްގައި ވާދަކުރުމުގައެވެ. ކުންފުންޏެއްގެ ދުވުމުގައެވެ. ނޫނީ ފެންޖެހުމުގައެވެ. އެހެންނޫންނަމަ ކުލަ ޖެހުމުގައެވެ. އެމްބަސީއެއްގެ ޝޯގައެވެ. ކޮންމެވެސް އޮފީހެއްގެ ހަވީރުގައެވެ. ޓީ.ވީ އެއްގެ ކުއިޒަށް ދަސްކުރުމުގައެވެ. ކޮމިޓީއެއްގެ ފެހުމުގައެވެ. ކޮންމެވެސް ބައެއްގެ އަހަރީ ދުވަހުގެ މުބާރާތަށް ރެޑީ ވުމުގައެވެ. ނުވަތަ ކުރެހުމުގައެވެ. ނުނީ ފޯރަމުގައެވެ. މައުރަޒެއް ނޫނީ ފެސްޓިވަލުގައެވެ. އަމިއްލަ ފަރާތަކުން އިންތިޒާމުކުރާ ރޯޑު ޝޯއެއްގައެވެ. މިލިސްޓު ލިޔަންޏާ ކިތަންމެ ގިނައިންވެސް ލިޔެވިދާނެއެވެ. އެންމެފަހުން ކަންމަތީ ފިހާރައިގެ ވިކުރާ މުބާރާތަށް ދަރިވަރުން ދަސްކުރަން ފަށާ ހިސާބަށް މިއަދު ކަންތައް ހިނގައްޖެއެވެ. ޤަބޫލު ކުރައްވާށެވެ. ސްކޫލް ތަކުގެ ޓީޗަރުންނާއި ދަރިވަރުންގެ މަސައްކަތަށް ލުޔެއް ލިބޭނީ ސްކޫލްތަކުގައި ހިންގާ އެ ސްކޫލުގެ ޙަރަކާތްތައް ފިޔަވައި އެހެން ހަރަކާތްތަކުގައި ދަރިވަރުން ބައިވެރި ނުވާ ދުވަހަކަށް އިރު އެރީމައެވެ. ސްކޫލްތައް މެދުވެރިކޮށް މުއައްސަސާތައް ހިންގުމަށް ނިމުމެއް އައި ދުވަހަކުންނެވެ.

ސްކޫލް މަދަރުސާތަކުގައި އެކި ޙަރަކާތްތައް ބާއްވާ ހަދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނަކުން ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ނުމެނޫނެވެ. އަދި ރައްޔިތުންގެ މަޖުލީހުން އެކަން އެގޮތަށް ކުރަން ފާސްކޮށްގެނެއްވެސް ނޫނެވެ. އެކަން ކުރުމަށް ސްޕްރީމް ކޯޓުގެ އަމުރެއް އޮތަތީވެސް ނޫނެވެ. އަދި ރަށު ކައުންސިލުން އެގޮތަށް އެކަން ކުރަން އެދިގެނެއްވެސް ނޫނެވެ. ސްކޫލްތަކުންނެވެ. އެހެންކަމުން ދަރިވަރުންނާއި ބެލެނިވެރީންނާއި ޓީޗަރުންނަށް ވަގުތު ހުސްވާގޮތަށް، ސްކޫލްތަކުގެ ކަންކަން ބައްޓަންކޮށްލެވުމުން ޤައުމީ މަންޙަޖުގެ ލަނޑުދަނޑި ޙާޞިލުކުރަން ފަސޭހަވެ އަމާޒަށް ވާޞިލުވުމަށް މަގުފަހިވެގެން ދާނެއެވެ. އަދި އާއިލީ ދިރިއުޅުމަށް ވަގުތު ލިބި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުވެގެން ދާނެއެވެ.

މިއަދު ފެންނަ ހަގީގަތަކީ ސްކޫލުތަކުގައި ހިންގޭ އިތުރު ޙަރަކާތްތައް މަދުކޮށް ކިޔަވާ ކުދީންނާއި ޓީޗަރުންނަށް އެންމެ ފައިދާ ހުރި ގޮތަށް ސިޔާސަތުތައް ބައްޓަންކުރެވި ތަންފީޒު ވަމުންދާ ދިއުމެވެ. ޝައްކެއްނެތެވެ! ގައުމީ މަންހަޖުގެ ލަނޑުދަނޑި ޙާޞިލު ކުރެވޭ، އަދި ގައުމުގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް ބާރުލިބޭ ގޮތަށް ރާއްޖޭގެ ތަޢުލިމީ ނިޒާމު ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެންގެ ބައިވެރިވުން މުހިއްމެވެ. ޒަމާނީ ބަދަލެއް ގެނައުމުގައި ހުރިހާ ފަރާތެއްގެ ދައުރުވެސް ރަނގަޅު ކުރަންޖެހެއެވެ.

comment ކޮމެންޓް