ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވި ހިސާބުން ފެށިގެންވެސް ދިވެހިން ކައިބޮއި އުޅުމަށްޓަކައި ކުރި މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. އަދި ދިރިއުޅުމުގެ އެހެނިހެން މުހުތާދު ފުއްދުމަށްޓަކައި ބޭނުންކުރި މައިގަނޑު ވަޞީލަތަކީވެސް މަސްވެރިކަމުގެ އުފެއްދުންތަކެވެ. އެހެންކަމުން މަސްވެރިކަން ވެފައިވަނީ ދިވެހިންނަށް އެންމެ ބޮޑު ފައިދާއެއް ލިބިދިން މަސައްކަތަށެވެ. ވުމާއެކު ދިވެހިން މަސްވެރިކަން ސިފަކުރަމުން ދިޔައީ ދިވެހިންގެ ދިރިއުޅުން އެކަމުގެ މައްޗަށް ބިނާވެފައިވާ ދިވެހި ދިރިއުޅުމުގެ މައިތަނބު ކަމުގައެވެ. އަދި ދިވެހި މުޖުތަމަޢުގެ ބަނޑުފުރާނަ މުއްތިކުރުން އެކަމެއްގެ މައްޗަށް ބަރޯސާވެފައިވި، މަސައްކަތުގެ ގޮތުގައެވެ. ނުވަތަ ދިވެހި އިޤުތިޞާދުގެ ލޭނާރުގެ ގޮތުގައެވެ.
އެވޭލާ ޒަމާނުން ފެށިގެން ދިވެހި ވައްޓަފާޅިއަށް ދިވެހިން ކުރަމުންދިޔަ މަސްވެރިކަމަށް އެންމެ ބޮޑު އިންގިލާބެއް އައީ ކުރިން ފުރާ ދުއްވަމުންދިޔަ އޮޑިފަހަރުގައި އިންޖީނު އެޅުމާ ހިސާބުންނެވެ. މީލާދީން 1964 ވަނަ އަހަރުގެ ޖުލައި 30 ވަނަ ދުވަސް ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދިޔައީ ރާއްޖޭގައި ބަނދެ، އިންޖީނު އަޅައިގެން މަސްވެރިކަމުގެ ތެރެއަށް ނިކުތް ފުރަތަމަ ބޯޓު ހުޅުލޭ ބޯޓު ޔާޑުން ހުޅުލޭ ފަޅަށް ބޭލި ތާރީޚީ ދުވަހުގެ ގޮތުގައެވެ. އެއާއެކު މަޑުމަޑުން ރާއްޖޭގެ ދޯނިފަހަރު ތަކުގައި އިންޖީނު އަޅައިގެން މަސްވެރިކަމުގެ ތެރެއަށް ގިނަ މަސްވެރިން ވަންނަމުން ދިޔައެވެ. ލިބިދާނެ ގެއްލުމަކަށްޓަކައި ފުރަތަމަ ދުވަސްކޮޅު ބިރުން އިންޖީނު އެޅުމަށް ތާއިދު ނުކުރި ދޯނިފަހަރުވެސް ހިމެނޭހެން ގިނަ ޢަދަދެއްގެ ދޯނިފަހަރުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންޖީނު އަޅައިގެން ދުއްވަން ފެށިއެވެ. ނަތީޖާ ރަނގަޅުވެފައި ފޮންޏެވެ. ރާއްޖެއަށް ބާނާ މަހުގެ މިންވަރު ބޮޑުތަނުން އިތުރުވެގެން ދިޔައެވެ. އެހެންކަމުން 1972 ވަނަ އަހަރުގެ އެޕްރީލް 7 ވަނަ ދުވަހު ޖަޕާނުގެ މަރުބޭނީ ކުންފުންޏާ އެކު ރޯމަސް ގަތުމުގެ އެއްބަސް ވުމެއްގައި ދިވެހި ސަރުކާރުން ސޮއިކުރެއްވިއެވެ. އެހާހިސަބުން ރޯމަސް ގަތުމުގެ ކަންކަންވެސް ރާއްޖޭގައި ފެށިގެން ދިޔައީއެވެ. މާގިނަ ދުވަސްތަކެއްނުވެ 2 ފެބްރުއަރީ 1978 ގައި ފެލިވަރުގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއް ހުޅުވައި، މަސް ބަންދު ކުރަން ފެށުނެވެ. މަސްވެރިކަމުގެ ސިނާޢަތަށް އިންގިލާބެއް ގެނެވުނީއެވެ.
މަސްވެރިކަމަކީ ދިވެހި އިޤުތިޞާދުގެ ލޭނާރުގެ ގޮތުގައި ދިވެހިން ދެކެމުންދިޔަ ސިނާޢަތަށްވުމުން ސަރުކާރާއި އަމިއްލަ ފަރާތްތަކުން މިއިންޑަސްޓްރީގައި އިންވެސްޓް ކުރުން ނަވާރަ ސަތޭކަ ނުވަދިހައިގެ ފަހާއި ދެހާހުގެ ކުރީކޮޅުގައި އިންތިހާއަށް އިތުރުވެގެން ދިޔައެވެ. މަސްވެރިކަމަށް ޚާއްޞަކޮށްގެން ބަންނަމުންދިޔަ އުޅަނދުތަކުގެ ޢަދަދު ހާހުން ގުނަން ފެށުނެވެ. މަސް ދޯނިފަހަރުގެ ސައިޒު އެތައްގުނައެއް ބޮޑުވިއެވެ. އުޅަނދު ތަކުގެ ސްޕީޑް އެހާމެ އަވަސްވެ، ހަލުއިވެގެން ދިޔައެވެ. ޒަމާނީ ފަންނިއްޔާތުގެ ވަޞީލަތްތަކުން މަސްވެރިކަން ކުރުމަށް ލުއި ފަސޭހަ ގޮތްތައް ހޯދައި އޮޑިދޯނިފަހަރު ތަކުގައި ޤާއިމު ކުރިއެވެ.
މަސްވެރިކަމަކީ ދިވެހި އިޤުތިޞާދަށް އެންމެބޮޑު ނަފާއެއް ހޯދައިދޭ އިގުތިޞާދުގެ މައިތަނބު ކަމަށް "ޤަބޫލު ކުރެވޭތީ" ސަރުކާރުންވެސް މިހާތަނަށް އެންމެބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމެވެ. އެހެންކަމުން ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފް.ޕީ.އައި.ޑީ) ގެ ނަމުގައި ވަކި މުއައްސަސާއެއް، އޭގެފަހުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިގެން މަސްވެރިކަން ކުރިއެރުވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވިއެވެ. ޝައްކެއްނެތެވެ. މަސްވެރިކަން ކުރުމަށްޓަކައި ލުއިފަސޭހަ ހޯދައި ދިނުމަށް ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި މަސްކަނދުފަތި އެޅުމާ، ރާއްޖޭގެ އެކި އަތޮޅު ތަކުގައި އެންކަނދުފަތި ހަރުކުރަމުން ގޮސްފައިވެއެވެ. އަދި ރ. އަލިފުށީގައި ބޯޓު ޔާޑެއް ގާއިމުކޮށް އެތާނގައި ދޯނިފަހަރު ބަނދެ، އިންޖީނު އަޅައިގެން ގިނަޢަދަދެއްގެ ދޯނިފަހަރު މަސްވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދިގުމުއްދަތަކުން ފައިސާ ދައްކާ ޚަލާޞްކުރާ ގޮތަށް ދޫކުރެވުނެވެ. މިކަންކަމުގެ ނަތީޖާ ފޮންޏެވެ. ގިނަބަޔަކު މަސްވެރިކަމުގެ ސިނާއަތުގައި ޙަރަކަތްތެރިވާން ފުރުޞަތު ހޯދައި، ރާއްޖޭގެ މަސްވެރިކަން އިތުރު ގިއަރަކަށް ކުރިއަށް ޖެއްސިއެވެ.
ޝައްކެއްނެތެވެ. މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވައި އެކަމުން ހޯދޭނެ ފައިދާ އިތުރު ކުރުމަށްޓަކައި އެކި ގޮތްގޮތަށް ސަރުކާރުން ހޭދަކުރައްވައެވެ. މަސްވެރިކަމަށް ސަރުކާރުން ކުރައްވާ އެންމެ ބޮޑު އެއްހޭދައަކީ ޢަދަދުގެ ގޮތުން ބަލާއިރު ފެންނަ އެއްޗަކަށް ނުވެދާނެ ހޭދައެކެވެ. އާނއެކެވެ. މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އެ ޞިނާޢަތަށް ބޭނުންވާ އޮޑިދޯނިފަހަރާ، މަސްވެރިކަމުގެ އާލާތްތައް އިތުރު ކުރެއްވުމަށް ބޭނުންފުޅުވާ މިންވަރުގެ ބޮޑުކަމުން، މަސްވެރިކަންކުރާ އުޅަނދުފަހަރު ބަނުމަށް އެތެރެކުރާ ލަކުޑިއާއި އެހެނިހެން ސަމާނުތަކާ އަދި އުޅަނދުގައި އަޅާ އިންޖިނާ މަސްވެރިކަމަށް ބޭނުންކުރާ އާލާތްތަކުން އިމްޕޯޓް ޑިއުޓީ ނެގުންވެސް އޮތީ ޒަމާނުއްސުރެ މަޢާފް ކުރެވިފައެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ހެޔޮބަދަލު އަންނަން ފެށި އޮނަވިހިސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރެއިން 1972 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު މަދު ޢަދަދެއްގެ ފަތުރުވެރިންތަކެއް ރާއްޖެއަށް ޒިޔާރަތް ކުރުމާއި ހިސާބުން ފެށުނު ފަތުރުވެރިކަމުގެ ސިނާޢަތާ ރާއްޖޭގެ އިގުތިޞާދުގެ މައިލޭނާރު ކަމުގައި ބުނާ މަސްވެރިކަމާ ހުރި ތަފާތު މެންދުރުގެ އިރުފަދައެވެ. ފެންނަންއޮތީ އެހާވެސް ރީއްޗަށެވެ. ފަތުރުވެރިޔާ ރާއްޖެ އަންނަން އެއާޕޯޓުގައި ފައި ބީއްސާލުމާއެކު އެ ފެށުނީ ރާއްޖެގެ އިގުތިޞާދަށް "ޑޮލަރުން" އަގުދައްކާށެވެ. އެއާޕޯޓް ޓެކުހާ ގްރީން ޓެކުހުން ފެށިގެން ބެޑް ޓެކުހާ ސާވިސް ޗާޖް އަދި ޖީއެސް.ޓީ އާއި ޓީޖީއެސްޓީ އާއި އެކި ނަންނަމުގައި ޚަރަދުކޮށް ދިވެހި އިޤުތިޞާދު ކުރިއެރުވުމުގައި އޭނާ ބައިވެރިވެއެވެ. ރިސޯޓުތަކާ ހޮޓާ، ގެސްޓް ހައުސްގެ ވިޔަފާރިކުރާ ފަރާތްތަކުން އެ މީހުންގެ އިމާރާތުގެ ބިންގާ އެޅުމަށް އެތެރެކުރާ ހިލަކޮޅުން ފެށިގެން ރިސޯޓު ނޫނީ ގެސްޓްހައުސް ޢިމާރާތް ކުރުމަށް ބޭނުންވާ ހުރިހާ ތަކެއްޗަކުން އިމްޕޯޓް ޑިއުޓީ ނުވަތަ ކޮންމެވެސް ނަމެއްގައި ޓެކްސް ދައްކަން ޖެހެއެވެ. ރިސޯޓް ހިންގަން ފެށުމާއެކު އިންކަމް ޓެކްސް އާއި އެކި ފާޑުފާޑުގެ ނަންނަމުގައި ޓެކްސް ދައްކައި ދިވެހި އިގުތިޞާދުގައި ފުރާނަ އަޅުވައިދެއެވެ. ފަތުރުވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދު ފަހަރަށްވެސް އޮތީ ހަމަ މިކަމުގައި ބައިވެރިވެވިފައެވެ. އިސްތިސްނާ ވަނީ ހަމައެކަނި އުޅަނދު ބަނުމުގެ މަރުހަލާގައި މަސްވެރިކަން ކުރުމުގެ ނަމުގައި އެއުޅަނދުގެ ޑިއުޓީ މަޢާފް ކުރެވިފައިވާނަމަ އެމަޢާފު ކުރެވުނު މިންވަރެކެވެ. އެހެންކަމުން ފަތުރުވެރިކަން މިއަދު ވެފައިވަނީ ދިވެހި އިޤުތިޞާދަށް ޑޮލަރު ޕަންޕު ކުރާ މެޝިން ކަމުގައެވެ.
ފަތުރުވެރިކަމުގެ ޞިނާޢަތް އެކަންޏެއް ނޫނެވެ. ބޯޓުފަހަރު ދުއްވުމާ، އިމާރާތް ކުރުމާ އަދި ދަނޑުވެރިކަމުގެ ޞިނާޢަތާއި ރާއްޖޭގައި ކުރެވޭ އެންމެ ކުދި ވިޔަފާރި ތަކާއި މެދު ފަންތި އާއި ބޮޑެތި ވިޔަފާރި ތަކަކީވެސް ދިވެހި އިގުތިޞާދު ކުރިއެރުވުމުގައި މުހިއްމު ޙިއްސާއެއްވާ ދިވެހި އިގުތިޞާދުގެ ބަހާތަކެކެވެ. އެހެންނަމަވެސް މިއަދު ރާއްޖޭގެ މަސްވެރިކަމަކީ ދިވެހި އިގުތިޞާދުގައި ކޮންކަހަލަ ދައުރެއް އަދާކުރާ، އިގުތިޞާދުގެ ކޮންކަހަލަ ބައިވެރިއެއްތޯ ވިސްނާލާފައި ދަންނަވަން ޖެހެނީ މަސްވެރިކަމަކީ ދިވެހި އިޤުތިޞާދުގެ ލޭބޯ ފަންޏެވެ.
ނިކަން ބައްލަވާށެވެ. އެފް.ޕީ.އައި.ޑީގެ ޒަމާނުން ފެށިގެން މަސްވެރިކަން ތަރައްޤީ ކުރުމަށް އުފެއްދި ބައެއް މުއައްސަސާތަކުގައި ކޮރަޕްޝަން ވަނީ މުލުން ލުހެލަން އުނދަގޫ މިންވަރަށް ވަކި ހިއްޕާފައެވެ. ނަތީޖާއަކީ އެ ކުންފުނިތައް ރައްޔިތުންނާ ސަރުކާރުގެ ބޮލުގައި މިލިއަނުން ދަރަނި އަޅުވަމުން ހިންގަން ޖެހުމެވެ. މިކަމުގެ އިތުރަށް މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ދައުލަތުން އެތަކެއް ޚަރަދެއް ކުރަންޖެހެއެވެ. އުޅަނދު ފަހަރާ މަސްވެރިކަމަށް ބޭނުންކުރާ އިންޖީނާ އެހެނިހެން އަލާތްތަކުގެ ޑިއުޓީ ކުރަންޖެހެނީ މަޢާފެވެ. މަސްވެރިކަން ކުރުމަށްޓަކައި ދޯނިފަހަރުގެ އިންޖީނަށް އަޅަންޖެހޭ ތެލަށް ބޮޑުމިންވަރެއްގެ ސަބްސިޑީއެއް ސަރުކާރުން ދޭންޖެހެއެވެ. ބާނާމަސް ފިނިކުރުމަށްޓަކައި ބޭނުންކުރާ ގަނޑުފެން އުފައްދައި، އެތަކެތި މަސްވެރިންނަށް ފޯރުކޮށްދިނުމަކީ "ސަރުކަރުގެ ވާޖިބެކެވެ." ދުނިޔޭގެ ބަޒާރުގައި ރޯމަސް ކިލޯއެއްގެ އަގު އެއްޑޮލަރު ކަމުގައި ވިޔަސް މަސްވެރިން އަތުން އޭގެ ދެގުނަ ތިރީސް ރުފިޔާއަށް މަސް ކިލޯއެއް ގަންނަން ސަރުކާރަށް އެކިގޮތްގޮތުން ފިއްތުން ކުރިމަތި ކުރުވައެވެ. މަސްވެރިން ބޭނުންވާ އަގުގައި މަސް ނުކިރައިފިނަމަ ރަށު އޮފީހާ ކައުންސިލް އިދާރާ އާއި ރަށުގެ ފަޅަށް މަސް "ކިރައި" ދައުލަތަށް ބިރުދައްކާފައިވެސް އެބަހުއްޓެވެ.
މަސްވެރިކަމުން އުފައްދާ ރިހާކުރު ލާއްސެއްހާ މިންވަރުންވެސް ޖީ.އެސް.ޓީ ނެގުމަކީ ކުރަން ހޮޔޮވާވަރު ކަމަކަށް ނުވެއެވެ. އާނއެކެވެ. މަސްވެރިކަމަކީ އެހެނިހެން ސިނާއަތްތަކުން ދައުލަތަށް ލިބޭ މަދު ލާރިކޮޅުން ޚަރަދުކޮށް ބަލަހައްޓަން ޖެހޭ ދިވެހި އިގުތިޞާދުގެ "ބަލި ކޮއި'' އެވެ. ދައުލަތުން ހޭހަން ކުރަމުންދާ މަސްވެރިކަން ކުރުމަށް ގިނަފަހަރަށް އޮޑިދޯނިފަހަރުގައި މިއަދު ތިބެނީވެސް ބިދޭސީ ލޭބަރުންނެވެ. އެހެންކަމުން މަސްވެރިކަމަށް އެއްޗެއް ލިބުނުނަމަ އެއްއެއްޗެއްވެސް ފުރޭނިގެން ދަނީ އަވައްޓެރި ޤައުމަކަށެވެ.
ދިވެހި އިގުތިޞާދުގެ ލޭނާރު ކަމުގައިވާ މަސްވެރިކަން އޭގެ މަޤާމަށް ގެނައުމާއެކު ދިވެހި އިގުތިޞާދު ހަލާކު ކުރާ އެންމެ ބޮޑު ޖަރާސީމުގެ ގޮތުގައި މަސްވެރިކަން މިއަދު ވެފައިވާވުން ބަދަލު ކުރުމަށްޓަކައި ގިނަ ފިޔަވަޅު ތަކެއް އަޅަން ޖެހެއެވެ. ފަސްޖެހުމެއްނެތި ހުރިހާ ޞިނާޢަތްތަކެއް އެއްމިންގަނޑަކުން ކިރަންޖެހެއެވެ. މަސްވެރިކަމުގެ ނަމުގައި މަޢާފް ކުރަމުންދާ މިލިއަން ޑޮލަރުގެ ޑިއުޓީ ތަކާއި ދޫކުރާ ސަބްސިޑީތައް ކަނޑާލަންޖެހެއެވެ. މަސްވެރިކަމަށް ބޭނުންކުރާ އޮޑިދޯނިފަހަރާ ބާނާ މަހާއި މަހުގެ އުފެއްދުންތަކުން ދައުލަތަށް ޓެކްސް ނަގަން ޖެހެއެވެ. އޭރުން މަސްވެރިކަމަށް އިޤުތިޞާދުގެ ލޭނާރުގެ މަޤާމު ހޯދައި ދެވުނީއެވެ. ރާއްޖޭގެ އިގުތިޞާދު ރަނގަޅުކޮށް، ލިބޭ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ މިދަނޑިވަޅަކީ މިކަމަށް އެންމެ މުނާސަބު ވަޤުތުކަން ޔަޤީނެވެ.